ދަރާފައި އޮތް ގައުމަކުން އެމްބަސީ ހިންގަން 648 މިލިއަން: ހަމަ ދެކޮޅު ޖެހޭތަ؟

ދަރާފައި އޮތް ގައުމަކުން އެމްބަސީ ހިންގަން 648 މިލިއަން: ހަމަ ދެކޮޅު ޖެހޭތަ؟ --

ހެނދުނު ހޭލާފައި ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ސަރުކާރަށް ސޯޝަލް މީޑިއާގައި ސަނާ ކިޔާލަންވީއެވެ. ނުވަތަ އިދިކޮޅު މީހުންނަށް ދެތިން ރައްދެއް ދޭންވީއެވެ. އަދި ދޭތެރެދޭތެރެއިން ކޮންމެ ވެސް ބައްދަލުވުމެއް ބާއްވައި އެ ފޮޓޯތައް ސޯޝަލް މީޑިއާއަށް އަޅާލަންވީއެވެ. މީގެ ބަދަލުގައި ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ދުނިޔޭގެ އެންމެ އަގު ބޮޑެތި ގައުމުތަކުގައި އެ މީހަކާއި އެ މީހެއްގެ އާއިލީ ހުރިހާ ހަރަދެއް ކަހަލަ ގޮތަކަށް ދައުލަތުން ކޮށްދޭ ގޮތަށް ދިރިއުޅެންވީއެވެ. ސުވާލަކީ މިއީ ހަމަ މި ކަހަލަ ދަރައި, ބޯހިކެން ނެތް ގައުމަކުން ކުރަން ވާނެ ވަރު ކަމެއްތޯއެވެ؟

ފޮރިން މިނިސްޓްރީއަށް ލިޔެގެން ހޯދި މައުލޫމާތަށް ބަލާއިރު 2024 އަހަރު, ރާއްޖޭން ބޭރުގައި ހިންގާ ދިވެހި ރާއްޖޭގެ އެމްބަސީތަކަށް އެވެރެޖުކޮށް މަހަކު ހަރަދު ކުރަމުން އައީ 32 މިލިއަން ރުފިޔާއެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ފަހުން ދިން މައުލޫމާތަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު އެމްބަސީތަކަށް ކުރާ ޚަރަދު މަހަކަށް 54 މިލިއަން ރުފިޔާއަށް އަރައެވެ. އެހެންކަމުން އެއީ އަހަރަކަށް ބަލާނަމަ 648 މިލިއަން ރުފިޔާއެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން، އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ މުވައްޒަފުންގެ އަސާސީ މުސާރައަށް އެކަނި މިހާރު މަހެއްގެ މައްޗަށް 2.35 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. ވަރަށް ބޮޑަށް ސިޔާސީ ކޮށްފައިވާ, އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 82 އަށް އަރާއިރު، އެ މުވައްޒަފުންގެ އަސާސީ މުސާރައަށް މަހަކު 1.85 މިލިއަން ރުފިޔާ ޚަރަދު ކުރެއެވެ.

ރާއްޖޭން ބޭރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް، މަގާމާއި އެ ގައުމެއްގެ ދިރިއުޅުމުގެ ޚަރަދަށް ބަލައި، އިނާޔަތްތައް ދެއެވެ. އޭގެ ތެރޭގައި ލިވިން އެލަވަންސްއާއި އާއިލީ އެލަވަންސް ހިމެނެއެވެ. އެގޮތުން އާއިލީ އެލަވަންސް ދެނީ އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއާއި ގިނަ ވެގެން ދެ ދަރިންނަށެވެ. މީގެ އިތުރުން، އެ މުވައްޒަފެއްގެ ދަރިންގެ ތައުލީމަށް ވެސް އިނާޔަތްތައް ކަނޑައަޅައިފައިވެއެވެ.

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުން އިނާޔަތްތައް އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޖަޕާނާއި ސްވިޒަލޭންޑެވެ. އެގޮތުން ދާދި ފަހުން އިދިކޮޅު އެމްޑީޕީން ވަކިވެ ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގެންނެވި, އަޙްމަދު މަހްލޫފް ސަފީރުކަން ކުރައްވާ ޖަޕާނާއި ސްވިޒަލޭންޑްގެ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްއަށް ލިވިން އެލަވަންސްގެ ގޮތުގައި މަހަކަށް 52،000 އަށްވުރެ ގިނަ ރުފިޔާ ލިބެއެވެ.

މާ ބޮޑު ފައިދާއެއް ނެތް ކަމަކަށް މި ވަރުގެ މާ ސިންގާ ބޮޑު ހޭދައެއް ކުރާއިރު ގައުމުގެ ހާލަތާ މެދު ވިސްނާލަން ޖެހެއެވެ. ސަރުކާރަކަށް ފަހު ސަރުކާރަކުން ވާރުތަކުރަމުން އައި ދަރަނީގެ ސަބަބުން މިއޮއް ކުޑަ ގައުމުގެ ދަރަނީގެ ނިސްބަތް ހުރީ ޖީޑީޕީއަށް ބަލާއިރު 100 ޕަސެންޓް މަތީގައެވެ. މިއަހަރު އެކަނި ދަރަންޏަށް ބިލިއަނެއްހާ ޑޮލަރު ދައްކަން ޖެހެއެވެ. ގައުމުން އަސާސީ ބޭސް ވެސް ނުލިބޭތީ ޝަކުވާ އެހާމެ ބޮޑެވެ. މުޅިން އިމްޕޯޓަށް ބަރޯސާވެފައިވާ މި ގައުމުގައި އެންމެ ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއިން މަތީގައެވެ. ނަތީޖާއަކީ ތަކެތީގެ އަގުތައް ދުވަހަކުން ދުވަހެއް އުފުލެމުން ދިއުމެވެ. މި ކުޑަކުޑަ އާބާދީގެ ބޮޑު ބަޔަކަށް އަދިވެސް އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތެވެ. މި ގައުމުގައި އެންމެ އެކަށޭނަ ބޭސް ފަރުވާއާއި ދުނިޔޭގެ ފެންވަރުގެ ތައުލީމެއް ނުލިބެއެވެ. މިކަންކަން ކުރަން ޖެހެނީ ފުރައިގެން ބޭރަށް ދާށެވެ. މިހެންގޮސް ކިތަންމެ ކަމެކެވެ. ހަމަ ސުވާލަކީ މި ހާލަތުގައި އޮތް ގައުމަކުން ރާއްޖޭން ބޭރުގައި އެމްބަސީތައް ހިންގައި ގާތް މީހުންނަށް ވަޒީފާ ދިނުމަށް އަހަރަކު 648 މިލިއަން ރުފިޔާ ހަރަދު ކުރުމަކީ އިސްރާފެއް ނޫންތޯއެވެ؟ އަނެއްކާ މި ހަރަދު ވެސް ކުރަނީ ކުރަންވާ ގޮތަކަށް ނޫނެވެ. އެއީ އެއޮއް ބޮޑު ހަރަދު ކޮށްގެން, އެމްބަސީތައް ގިނައިން ހިންގަނީ ދާއިރާގެ ތަޖުރިބާކާރުން ބާކީކޮށް, ދާއިރާގެ އިލްމެއް ނެތް ސިޔާސީ މީހުން ލައިގެންނެވެ.

https://www.sun.mv/218293

މި ބޮޑު "އިސްރާފު" މިއީ ހަމަ އެކަނި މި ސަރުކާރުގެ އެކަނި ކަމެއް ނޫނެވެ. ދިގު ވެރިކަމެއް ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފަތުހުالله ޖަމީލް ދިގު މުއްދަތަކަށް ބެލެހެއްޓެވި ހާރިޖީ ދާއިރާއަކީ ނަމޫނާ އެކެވެ. ގައުމުތަކާ ޖެހިގަތުމާއި ބޭކާރު އިސްރާފުތަކެއް އޭރަކު ނެތެވެ. ނަމަވެސް ފުރަތަމަ ބޭއްވި މިނިވަން އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވި ހިސާބުން އެ ނާޒުކު ދާއިރާއިން ގޯސްތައް ހަދަން ސަރުކާރުތަކުން ފެއްޓެވިއެވެ. ނަޝީދުގެ ވެރިކަމާއި އޭގެ ފަހުން ވެރިކަން ކުރެއްވި ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް އެމްބަސީތަކުން ސިޔާސީ ބޭނުމަށް ވަޒީފާ ދިނުމުގެ ކުޅިގަނޑު ދިޔައީ ހިންގަމުންނެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ވެރިކަމުގައި އަދި މިކަން އޮތީ ހައްދުން ނައްޓާފައެވެ. އެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އޭރު ސަރުކާރު ޕާޓީގެ މަޖިލިސް މެންބަރުންގެ ދަރިންނާއި ގާތް މީހުން ހިމެނޭ ގޮތަށް އެތައް ބަޔަކަށް އެމްބަސީތަކުން ވަޒީފާ ދީގެން އެތައް މިލިއަނެއް ދިޔައީ ހަރަދު ކުރަމުންނެވެ. އޭގެ ތެރޭގައި ހާރިޖީ ދާއިރާގެ ތައުލީމެއް, ތަޖުރިބާއެއް ނެތް އެތައް ބަޔަކު ތިއްބެވެ.

ކަންކަން ރަނގަޅު ކުރާނެ ކަމުގެ ވައުދާއެކު ވެރިކަމަށް އައި މި ސަރުކާރަށް ބަލާއިރު ވެސް ހާލަތު ހަމަ ވަރަށް ދަށެވެ. ރާއްޖެ ތަމުސީލުކުރަން ދުނިޔޭގެ އެކި ގައުމުތަކުގައި ޖުމުލަ 21 މިޝަންއެއް މިހާރު ވެސް އެބަހިންގައެވެ. ޖުމުލަ 17 ސަފީރުން އައްޔަންކުރައްވާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ޚާރިޖީ ދާއިރާއިން ބޭރުން އެ މަގާމުތަކަށް ވަޑައިގެންނެވި ބޭފުޅުންނެވެ. ކެރިއާ ޑިޕްލޮމެޓުންނަށް ތިއްބެވީ ދެތިން ބޭފުޅެކެވެ. ސަފީރުކަން ދެނީ ވެރިކަން ހޯއްދަވަން އުޅުއްވިއިރުވި ކޮންމެވެސް އެހީތެރިކަމަކަށް, ނުވަތަ ދިން މުހިންމު މައުލޫމާތަކަށް, ނުވަތަ އާއިލީ ގޮތުން އޮންނަ ގާތްކަމަކަށް ބަލާފައި ކަމަށް ވެދާނެއެވެ. ހަމައެކަނި ސަފީރުކަން އެކަންޏެއް ނޫނެވެ. އެމްބަސީތަކުގެ އެހެން މަގާމުތައް ވެސް ހަމައެހެނެވެ. ގިނައިން ތިބެނީ ސިޔާސީ ގޮތުން މަގާމު ހޯދާފައިވާ ހާރިޖީ ދާއިރާގެ ތަޖުރިބާ އާއި ތައުލީމު ނެތް މީހުންނެވެ.

"ބައެއް އެމްބަސީތަކުގައި އެބަ ތިބޭ ތިރީހުން ސާޅީހުން މީހުން މަގާމުތަކުގައި. އެގޮތަށް ތިބޭއިރު ފޮރިން މިނިސްޓްރީގެ މުވައްޒަފަކަށް އެބަ ހުންނަވާ އެއް ބޭފުޅަކު ދެ ބޭފުޅަކު. ދެން މި ތިބެނީ މުޅިންހެން ސިޔާސީ ގޮތުން ފޮނުވާފައި ތިބޭ މީހުން. ދެން ވިސްނަވާ ހާރިޖީ ދާއިރާއާ ޑިޕްލޮމަސީ ނޭނގޭ ބޭފުޅަކު ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލު ކުރާނެ ގޮތެއް. ކިތަންމެ ގޯހެއް ވެސް ހަދާނު. ހެޔޮ ނުވާނެ މިފަދަ ނާޒުކު ދާއިރާއެއްގައި މި ގޮތަށް ކަންކަން ކުރަން." ފޮރިން މިނިސްޓްރީގައި 20 އަހަރެއްހާ ދުވަހު މަސައްކަތް ކުރައްވައި އިސް މަގާމުތައް ފުރުއްވި އެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

ހާރިޖީ ދާއިރާފަދަ ނާޒުކު ދާއިރާތަކަށް ދާއިރާ ނޭނގޭ މީހުން ލުމަކީ ލައްކަ ބޮޑެތި ގެއްލުން ގައުމަކަށް ވެދާނެ ކަމެކެވެ. މި ސަރުކާރަށް ބަލާއިރު އެފަދަ ކަންކަން ފެންމަތިވެފައިވެސް އެބަހުއްޓެވެ. ޕާކިސްތާނު ސަފީރަކަށް ފޮނުއްވި ބޭފުޅަކު ރާއްޖޭން ބަލައިގެންފައިނުވާ ޠާލިބާނުންނާ ބައްދަލު ކުރުމާއި އަވައްޓެރި ލަންކާގައި ހުންނަވާ ސަފީރު އެ ގައުމުގެ ސަރުކާރަށް ކުޑައިމީސްވާ މޭރުމަކުން އެ ގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއު ފަދަ ކަންކަން މިއީ ރާއްޖޭގެ އަގު ބޭރު ދުނިޔޭގައި ވެއްޓޭނެ ކަންކަމެވެ. ދާއިރާގެ އިލްމާއި ހިލްމު ލިބިފައިވާ މީހުން މަގާމުތަކުގައި ތިބެން ޖެހެނީ އެހެންވެއެވެ. އެއީ ދުނިޔޭގެ ތަހުޒީބީ ގައުމުތަކުން ވެސް އެކަން ކުރާ ގޮތެވެ.

ރާއްޖޭން މިވަރުގެ ބޮޑު "އިސްރާފެއް" ކުރާއިރު ރާއްޖެފަދަ ގައުމުތަކުން މިފަދަ ކަންކަމުގައި އަމަލު ކުރާގޮތް ބަލައިލުން މުހިންމެވެ. ރާއްޖެއަށް ވުރެން އާބާދީ ބޮޑު ނަމަވެސް, ދުނިޔޭގެ ނިސްބަތުން ކުޑަ ގައުމެއް ކަމަށްވާ, ސީޝެލްސް އިން ޚަރަދު ކުޑަކުރުމުގެ ގޮތުން ހާރިޖީ ދާއިރާ ހިންގަނީ ގިނައިން ނޮން-ރެޒިޑެންޓް ސަފީރުން ބޭނުންކޮށްގެންނެވެ. އެއީ ބޭރު ގައުމުތަކުގައި ދާއިމީކޮށް މީހުން ނުތިބޭ ގޮތަށް މިޝަންތައް ހިންގުމެވެ. މޮރިޝަސްއަށް ބަލާއިރު އެއީ ރާއްޖެހެން އެ ގައުމުގެ މަސްލަހަތާ ގުޅުން ނެތް ތަންތަނުގައި މިޝަންތައް ހަދައިގެން އުޅޭ ގައުމެއް ނޫނެވެ. އެ ގައުމުގެ މިޝަންތައް އަމާޒުކުރަނީ ވިޔަފާރި އާއި މާލީ ދާއިރާ ފުޅާކުރުމަށެވެ. ދުނިޔޭގެ ބޮޑު ވިއުގައެއް އޮންނަ ސިންގަޕޫރުން ވެސް އެ ގައުމުގެ ޚާރިޖީ ދާއިރާ ގުޅުވާފައިވަނީ ސީދާ އިޤްތިޞާދީ ކުރިއެރުމާއި އިސްތިރާތީޖީ ނަތީޖާތަކާއެވެ. އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި ސަފީރުންނާއި އެހެނިހެން އިސް މަގާމުތަކަށް އާދެވޭނީ ފަހަރަކު ގިންތިއެއް ގިރާކުރަމުން ގޮސް ދާއިރާގެ ތަޖުރިބާ ހޯދައިގެންނެވެ. ރާއްޖޭގައި ވެސް ފޮރިން ސާވިސް ގާނޫނެއް އޮވެއެވެ. އެކަމަކު ކަމެއް ވާނީ ތަންފީޒު ކުރީމަތާއެވެ.

https://sun.mv/214476

އެހެންކަމުން، ރާއްޖޭން މި ކުރާ ބޮޑު ހޭދަ, މި ކުރެވެނީ ރަނގަޅަށް ތޯ ބަލަން ލަސްވެސް ވެއްޖެއެވެ. ބޭރުގެ މިޝަންތަކަށް ކުރާ ހޭދަ އިތުރުވަމުންދާއިރު، އެއާ އެއްވަރުގެ އިގުތިޞާދީ، ސިޔާސީ ނުވަތަ އިސްތިރާޖީ މަންފާއެއް ގައުމަށް ލިބޭތޯ ބަލަންޖެހެއެވެ. މި ސަރުކާރަށް ތިން އަހަރުވާން ދާއިރު ޚާރިޖީ ދާއިރާއަކީ އެންމެ ނަތީޖާ ދަށްކޮށް ފެންނަ އެއް ދާއިރާއެވެ.

އެހެން ވެރިކަންތަކުގައި ރާއްޖެއަށް ލިބޭ ހިލޭ އެހީއާ ގާތަށް ވެސް ގައުމަކުން އެއްޗެއް މިހާރު ނުހޯދެއެވެ. ސަރުކާރުން ލަފާ ކުރާ އަދަދާ ގާތަށް ވެސް ނުލިބެއެވެ. އެކަން އެހެން އޮއްވައި އެންމެ ބޮޑު އަވައްޓެރިޔާއާ ގުޅުން އެހާ ގޯސްވިއެވެ. ރާއްޖޭން ބޭރުގައި ވިޔަފާރި ފޯރަމުތައް ބޭއްވުން ގިނައެވެ. އެކަމަކު އިންވެސްޓްމަންޓެއް އަންނަތަން ފެންނަނީ މަދު ފަހަރެއްގައެވެ. މިހެން ގޮސް އެތައް ކަމެކެވެ.

މި އިސްރާފު ކުޑަ ކުރުމަށް ޓަކައި އެމްބަސީތައް މަދު ކުރަން ޖެހެއެވެ. ބޭނުން ނެތް ތަންތަން އުވާލަން ޖެހެއެވެ. ނޫނީ ދާއިމީކޮށް ނުތިބޭ ގޮތަށް ހަދަން ޖެހެއެވެ. އަދި އެމްބަސީތަކުގެ ވަޒީފާއަކީ ހަމައެކަނި އެ ދާއިރާގެ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހުންނަށް އެކަނި ލިބޭ އެއްޗަކަށް ހަދަން ޖެހެއެވެ. ނޫނީ ނަތީޖާ ނެރެވޭނެ ގޮތެއް ނޯންނާނެއެވެ. ޓެކްސް ފައިސާއިން ޗުއްޓީ ހަދަން އެމްބަސީ ހިންގާނެ ކަމެއް ނެތެވެ.

ދާއިރާގެ ތަޖުރިބާކާރުން ބާކީކޮށް ހިންގަމުން އަންނަ އެމްބަސީތަކަށް މި ކުރާ ހޭދައަކީ ދަރައި ބޯހިކެން ނެތް މި ގައުމަށް ބޮޑު ބުރައެކެވެ. އަނެއްކޮޅުން އެންމެ ދެރަކަމަކީ މި އޮއް ބޮޑު ހަރަދު ކުރާއިރު އެދެވޭ އެއްވެސް ނަތީޖާއެއް ނުނިކުތުމެވެ. މިއީ އުފެދޭ ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭން އުފުލާ ބުރައެކެވެ. ކުރާ ބޮޑު އިސްރާފެކެވެ. މިއީ މިހާރުން މިހާރަށް ހުއްޓާލައި އިސްލާހު ކުރަން ޖެހޭ ކަމެކެވެ.

comment ކޮމެންޓް