މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދެން ކޮށްޅަށް ނުޖެހޭނެ ކަމަށާއި އެ ޕާޓީގައި ތިއްބެވި ބޭފުޅުންނަށް ދެން އެންމެ ރަނގަޅުވާނީ އައު ސިޔާސީ ޕާޓީއެއް އުފެއްދުން ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް ރޭ ވިދާޅުވެއްޖެއެވެ.
ފަލާޙް މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ތިނަދޫ ސިޓީގެ މާލޭ ކެމްޕެއިން އޮފީސް އިފުތިތާޙްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވަނީ، އެމްޑީޕީއިން އިތުރަށް ސިޔާސީ ހަރަކާތް ކުރިއަށްގެންދަން ބޭނުންނަމަ އެ ޕާޓީގައި ތިބި ލީޑަރުން އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ގޮވައިލައްވައިފައެވެ.
"މޭޔަރު މީގެ ދެ ދުވަސް ކުރީން އަޅުގަނޑު ދުށިން މަގުމަތީން 'ޑޯ ޓު ޑޯ'ގައި އުޅުއްވަނިކޮށް. މޭޔަރު ހުންނެވީ ދެބޭފުޅުންނާ އެއްކޮށް. ކައިރީގަ ނެތް އެކަކު ވެސް. މުޅި އެމްޑީޕީ މިއޮތީ ބައިބައިވެ ފެކްޝަން ހެދިފައި." ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް
ފަލާޙު ވިދާޅުވީ އެމްޑީޕީއަކީ ޕީއެންސީ ނެގުމަށްފަހު އެންމެ ގިނަ މެމްބަރުން ތިބުމުން، ދައުލަތުން އެންމެ ގިނަ ފައިސާ ދޭ ޕާޓީކަމަށެވެ. ނިމިދިޔަ އަހަރުވެސް ގާތްގަނޑަކަށް ނުވަ މިލިއަން ރުފިޔާ އެ ޕާޓީއަށް ލިބުނު ކަމަށާއި ނަމަވެސް މިފަހަރުގެ އިންތިހާބަށް ކުރިމަތިލާފައި ތިބި ކެނޑިޑޭޓުންނަށް، ކެނޑިޑޭޑެންސީ ފީ ވެސް އެމްޑީޕީއިން ދައްކާދީފައި ނުވާކަމަށް ވެސް ފަލާހު ތުހުމަތުކުރެއްވިއެވެ.
ފަލާޙު ވިދާޅުވީ ޕާޓީތަކަށް ދައުލަތުން ފައިސާދެނީ ސިޔާސީ ހަރަކާތްތައް ހިންގުމަށް ކަމަށާއި އެއީ ޕާޓީތަކުގެ ވެރީން ބޭނުންކުރަންދޭ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ވެރީން އެ ޕާޓީއަށްދޭ ފައިސާއަށް ހިޔާނާތްތެރިވާކަން ޕާޓީގެ ކެނޑިޑޭޓުންނަށް އެނގެން ޖެހޭކަމަށް ފަލާޙު ވަނީ ވިދާޅުވެފައެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު: ފަލާޙު ވަނީ އެމްޑީޕީއަށް ދެން އެންމެ ރަނގަޅުވާނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުން ކަމަށް ވިދާޅުވެފަ -- ފޮޓޯ/ މޫސާ ނަދީމް
"ކެނޑިޑޭޓުންނަށް ދިއްކޮށްލަން ނުލިބުނޭ ބައި ރުފިޔާއެއް ވެސް އެ ބޭފުޅުންނަށް. މިވަރުގެ އިޚްލާސްތެރިކަމެއްނެތް ވެރީން ތިއްބެވި ޕާޓީއަކަށް ކީއްކުރަން ކުރިމަތިލައިގެންތޯ ކެނޑިޑޭޓުން މި އުޅުއްވަނީ." ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު ވިދާޅުވިއެވެ.
ރަނގަޅު ބޭފުޅުންކޮޅެއް ކުރިމަށްޗަށް ކެންޑިޑޭޓުންގެ ގޮތުގައި ނެރެފަ ހަގީގަތުގައި އެމްޑީޕީއިން މިކުރާ މަސައްކަތަކީ މިއީ ޤައުމު ހަލާކުކުރަން ކުރާ މަސައްކަތެއް. ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު
ފަލާޙު ވިދާޅުވީ، ރިފަރެންޑަމާއި ގުޅުވައިގެންވެސް އެމްޑީޕީއިން ދޮގު ވާހަކަތައް ދައްކަމުން ދާކަމަށެވެ. ރިފަރެންޑަމެއް ބޭއްވުމުން، ރާއްޖޭގެ ރައްޔިތުންނާއި ދިވެހި ދައުލަތަށް ލިބޭ ބޮޑެތި ފައިދާތަކެއް އެބަހުރި ކަމަށާއި، އެކަމުގެ ސަބަބުން އެމްޑީޕީއަށް ގެއްލުމެއްގެ ގޮތުގައި ފާހަގަކުރެވެނީ ވަރަށް ކުޑަކުޑަ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެގޮތުން ގެއްލުމެއްގެ ގޮތުގައި ފަލާޙު ފާހަގަކުރީ، މިހާރު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 12 މެމްބަރުންގެ މުސާރައަށްވާ ފައިސާ ހަމަސް ދުވަހަށް އުނިވާކަމެވެ. އަދި އެވަރުގެ ބަޔަކާއިއެކު ގައުމުގެ ރައްޔިތުން އުޅޭނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
ފަލާހު މީގެ ކުރިން ވަނީ، ކައުންސިލާއި ޑަބްލިޔުޑީސީން ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި އެ ޕާޓީއަށް ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އެ އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް 678 އިންތިޚާބުކުރަންޖެހެއެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން އިންތިޚާބުކުރާނެއެވެ.