އެމްޑީޕީގެ ސަރުކާރުތަކުގައި އިޒްރޭލާ ގުޅުން ބާއްވާ ސިޔާސަތުތައް ތަންފީޒު ކުރި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު އެ މަނިކުފާނަށް މިރޭ ރައްދު ދެއްވައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެމްޑީޕީން ވެރިކަން ކުރި ކޮންމެ ފަހަރަކު ވެސް 'ޕްރޯ އިޒްރޭލް" ސިޔާސަތެއް ތަންފީޒު ކުރި ކަމަށެވެ.
މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި އެ ވާހަކަފުޅަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ، ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަދައްކަވާ ބޭފުޅުން، ޕޯޑިއަމަށް ވަޑައިގަންނަވާއިރު އެ ތަނަކަށް އެއްވެފައިވާ މީހުންގެ ތެރެއިން "ރަނގަޅަށް ބަވާލައްޗޭ" ބުނާ އަޑު އިވޭނެ ކަމަށެވެ. މިނިވަން ދުވަހު ރައީސް ތަގުރީރު ދެއްވިއިރު ރައީސް ވާހަކަދެއްކެވީ އެފަދަ ޖަޒުބާތެއްގައި ޖެހިވަޑައިގެން ކަމަށް ދޭހަވާ މޭރުމަކުން ނަޝީދު ވާހަކަދެއްކެވިއެވެ.
"[ރައީސް] ޕޯޑިއަމްގައި ހުއްޓިވަޑައިގެން ހުންނަވައި އެއްގޮތަކަށް ވެސް ހަނދުމަފުޅެއް ނެތް ދައުލަތުގެ ނިޝާން ޕޯޑިއަމްގައި ޖަހައިފައި އޮތް ކަމެއް، އެއް ގޮތަކަށް ވެސް ހަނދުމަފުޅެއް ނެތް ކުރިމަތީގައި ތިއްބެވީ ފުލުހުންނާއި ސިފައިންގެ ވެރިން ކަމެއް އަދި ދިވެހި ދައުލަތުގެ އިއްޒަތްތެރިން ކަމެއް،" ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މިރޭގެ ޖަލްސާގައި އަރައިވަޑައިގަތީ ރައީސް ވާހަކަ ދެއްކެވި ގޮތަށް ވާހަކަދައްކަވަން ނޫން ކަމަށެވެ. ނަމަވެސް ރައީސް ދައްކަވާ ވާހަކަފުޅަށާއި ދިވެހި ސަރުކާރުން ކަން ކުރަމުންގެންދާ ގޮތްތަކާ ގުޅޭ ގޮތުން ކޮންމެހެން ފާހަގަކުރަން ޖެހޭ ނުކުތާތަކެއް ފާހަގަކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެއަށްފަހު އެ މަނިކުފާނު ރައީސަށް އަމާޒުކުރެއްވީ ސުވާލުކުރެކެވެ.
ކާކުތޯ އިޒްރޭލަށް ތާއިދުކުރާނީ؟ އަޅުގަނޑުމެންގެ ޓީވީތަކުން ފެންނަމުންދާ އެދާ މަންޒަރުތައް އިޒްރޭލު ސަރުކާރުގެ ލާއިންސާނީ އަަމަލުތައް ކާކުތޯ ހަނދާން ނެތޭނީ، ކާކުތޯ އިޒްރޭލަށް ތާއީދު ކުރާނީ؟ އެމްޑީޕީއެއް ނުކުރާނެ، އިޒްރޭލަށް އެމްޑީޕީއެއް ތާއީދެއް ނުކުރާނެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް އޮންނާނީ، މިނިވަންކަމަށް ޓަކައި އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.
އެއަށްފަހު، މި ސަރުކާރުގެ ޚާރިޖީ ދާއިރާއިން އަމަލުކުރާ ގޮތަށް ނަޝީދު އަލިއަޅުއްވާލެއްވިއެވެ. އަދި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ފެށުނު ފަހުން މިދިޔަ މާރިޗް މަހު ރައީސް ވަނީ، އީރާނުން ހަމަލާތައް ދެމުން ދިޔުމަށް ހިތްވަރަށް ދެއްވައިފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރައީސް ހިތްވަރު ދެއްވީ ރާއްޖެއާ އެކުވެރި އިސްލާމީ ގައުމަކަށް ހަމަލާ ދިނުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން: އެމްޑީޕީން އިޒްރޭލަށް ތާއީދެއް ނުކުރާނެ ކަމަށާއި ޕާޓީ އޮންނާނީ ފަލަސްތީނާއެކު ކަމަށް ނަޝީދު ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ
އެ މަނިކުފާނު ވިދާޅުވީ ރައީސް އެ ވާހަކަ ދެއްކެވީ އެމެރިކާއިން އޭޝިއާއަށް ކަނޑައަޅައިފައި ހުންނަވާ ޚާއްސަ މަންދޫބު ރާއްޖޭގައި ހުންނަވަނިކޮށް ކަމަށެވެ.
"މި މަންދޫބާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވާން އޮތް ގަޑީގައި، އެ ބައްދަލުވުން ކެންސަލްކުރައްވައިފައި ދެން ރައީސް އޮފީހުގެ ޕޯޑިއަމަކަށް ނުކުންނަވައިފައި، އަނެއްކާވެސް ނިޝާން ޖެހި [ޕޯޑިއަމެއްގައި]، ނުކުންނަވައިފައި މި ވިދާޅުވަނީ ރަނގަޅަށް ބޮން އަޅާލާށޭ،" ނަޝީދު ވިދާޅުވިއެވެ.
"މިއީ ދިވެހި ދައުލަތަށް، ދިވެހި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް."
އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ މަސައްކަތުގައި ސައުދީ އަރަބިއްޔާއާއި ގަލްފުގެ ގައުމުތަކުން އެހީވެދޭ މިންވަރަށް، ވަރަށް މަދުން ނޫނީ އެހީ ނުލިބޭ ކަމަށެވެ. އަދި އެފަދަ ގައުމުތަކަށް ބޮން އަޅަން ގޮވާލުމުން ރާއްޖެއަށް ލިބެނީ ގެއްލުންކަން ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު، މިދިޔަ މާރިޗު މަހުގެ 23ގައި ދެއްކެވި ވާހަކަފުޅުގައި ވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގައި ހަމަލާދޭ އެއްވެސް ފަރާތަކުން ދެނީ، ދީގެންވާނެ ހަމަލާތަކެއް ނޫން ކަމަށް ސިފަކުރައްވައިފައެވެ. އަދި އީރާނުން ހަމަލާދޭނަމަ ދޭންޖެހޭނީ ސީދާ އިޒްރޭލަށް ކަމަށާއި، އިސްލާމީ ގައުމަކާ ދެކޮޅަށް ދޭ ހަމަލާއަކަށް ރާއްޖޭން ޖާގައެއް ނުދޭނެ ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.