ރާއްޖޭން ޑޮލަރު ހުސްވެ، ރައްޔިތުންނަށް ތަހައްމަލުކުރަން ދަތި މިންވަރަކަށް އަސާސީ ތަކެތީގެ އަގު އުފުލިއްޖެ ކަމަށް ކުރީގެ ރައީސް އަދި މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭން ޑޮލަރު ހުސްވެ ޑޮލަރުގެ އަގު އުފުލިއްޖެ ކަމަށެވެ. އެހެން ދިމާވީ މި ސަރުކާރަށް ހިލޭ އެހީއާއި ދަރަނީގެ ގޮތުގައި ވެސް ޑޮލަރު ނުގެނެވުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ދަރަނި ދައްކައި ޚަލާސްކުރުމުގައި ސަރުކާރަށް އެއްވެސް ހަމައެއް ނުހޯދުނު ކަމަށާއި، ރިޒާވްގައި ހުރި ޑޮލަރުތައް ސަރުކާރުން ހުސްކޮށް، މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ދަރަނި އަނބުރާ ދައްކަން ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށެވެ.
"ދެން ރާއްޖޭގައި ހުންނާނީ ކޮން އެއްޗެއްތޯ؟ ރާއްޖެއަކު ނެތް ޑޮލަރެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ކެމްޕޭން ހަރަކާތެއްގައި: -- ފޮޓޯ/ އެމްޑީޕީ ސަޕޯޓާސް، އެކްސް
ރާއްޖޭގައި ތަކެތީގެ އަގު އުފުލިގެން ދިޔަ ސަބަބެއް ކަމަށް ނަޝީދު ވިދާޅުވީ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމެވެ. އެއާއެކު ބާޒާރުގައި ބައެއް ތަކެތި އިއްޔެ ވިއްކި އަގުތައް އެމަނިކުފާނު ހިއްސާކުރެއްވިއެވެ. އެގޮތުން:
- ބާސްމަތީ ހަނޑޫ (ފަސް ކިލޯ): 110 ރުފިޔާއަށް
- ކުކިން އޮއިލް (އެއް ލީޓަރު): 35 ރުފިޔާއަށް
- އޮލިވް އޮއިލް (550 މިލިލީޓަރު): 179 ރުފިޔާއަށް
- މުގު (އެއް ކިލޯ): 50 ރުފިޔާއަށް
- ނޫޑުލިސް ޕެކެޓެއް: ހަ ރުފިޔާއަށް
- ލޮނު (އެއް ކިލޯ): ހަ ރުފިޔާއަށް
- ސައިފަތް ފޮށްޓެއް: 30 ރުފިޔާއަށް
- ކޮފީ ފުޅިއެއް: 260 ރުފިޔާއަށް
- ބިހެއް: ދެ ރުފިޔާ 50 ލާރިއަށް
- ރަތް ބިހެއް: ތިން ރުފިޔާއަށް
"ރާއްޖޭގައި ތަކެތީގެ އަގު އުފުލިގެން މިހާރު މި ދަނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެން ރާއްޖޭ ރައްޔިތުންނަށް ތަހައްމަލުވާ މިންވަރަކަށެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
ތަކެތީގެ އަގު އުފުލިގެން ދާއިރު ވަކިވަކި ފަރުދުންގެ އާމްދަނީއަށް ބަދަލު ނާންނާތީ ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި އެމްޑީޕީން އަންނަނީ ތަކެތީގެ އަގު އުފުލޭ ވަރު ވަޒަންކުރަމުންނެވެ.
ރާއްޖޭގެ މިސްރާބު މި ވަގުތު ހުރީ އަނދިރި ދަތުރަކަށް ކަމަށް ސިފަކުރައްވައި ނަޝީދު ވިދާޅުވީ، މި ދަތުރުން އަރައިގަތުމަށްޓަކައި ސަރުކާރުގެ އެއްވެސް ސިޔާސަތެއް އަދި ތަސައްވުރެއް ނެތް ކަމަށެވެ
މީގެ އިތުރުން ރާއްޖޭގެ މައި ވިޔަފާރި ބަނދަރަށް ގެންނަ މުދާ ނުބޭލިގެން ކޮންޓެއިނަރުތައް ސިނގަޕޫރަށާއި ސްރީ ލަންކާގެ ކޮލަމްބޯއަށް ދާ ކަމަށާއި، ރާއްޖެ އެނބުރި އަންނައިރު ޑެމޮރޭޖަށް އަރާ މިންވަރާއި ފްރައިޓް ބޮޑުވުމުން ތަކެތީގެ އަގުތައް އުފުލެމުން ދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖޭގައި އަހަރު ބާކީ ބައިގައި ތަކެތީގެ އަގު އިތުރަށް އުފުލޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން ލަފާކޮށްފައިވެއެވެ.
މި މަހުގެ ނުވަވަނަ ދުވަހު އޭޑީބީން ނެރުނު ރިޕޯޓުގައި ވަނީ މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނީ އެންމެ 1.0 އިންސައްތައިގައި ކަމަށް ލަފާކޮށްފައެވެ. އެއީ މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާފައިވާ 6.3 އިންސައްތައާ އަޅައިބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
އޭޑީބީން އެ ރިޕޯޓުގައި ވަނީ، ރާއްޖޭގެ އިންފްލޭޝަން ރޭޓު, ނުވަތަ ތަކެއްޗާއި ޚިދުމަތުގެ އަގުތައް 5.0 އިންސައްތައަށް އުފުލޭނެ ކަމަށެވެ.
އޭޑީބީން ވަނީ މި ސަަރަހައްދުގައި ތަކެތީގެ އަގު އުފުލެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި ދަތުރުފަތުރާއި ކާބޯތަކެތީގެ އަގު އުފުލޭތީކަން ފާހަގަކޮށްފައެވެ. އަދި ރާއްޖެއަކީ ތެލާއި އެހެނިހެން މުދަލުގެ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވާއިރު، އަހަރުގެ ފުރަތަމަ މަސްތަކުގެ ތެރޭގައި ތަކެތީގެ އަގުތައް ކޮންމެވެސް މިންވަރަކަށް ހިފެހެއްޓިފައި ހުރުމަށް ފަހު، އަހަރުގެ ބާކީ ބައިގައި އަގުތައް އުފުލޭނެ ކަމަށް އޭޑީބީން ވަނީ ލަފާކޮށްފައެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި ފިޔަވަޅުތަކުގެ ތެރޭގައި، ކަރަންޓާއި ކާބޯތަކެތި އަގުހެޔޮ ކުރުމަށް އެންމެނަށް ދޭ ސަބްސިޑީ، އެހީ ބޭނުންވާ މީހުންނަށް ދިނުން ހިމަނައިފައެވެ. އެގޮތުން އެ ކަންކަމަށް 2.4 ބިލިއަން ރުފިޔާ ބަޖެޓުން އުނިކޮށް އޭގެ ބަދަލުގައި ޑައިރެކްޓްކޮށް ސަބްސިޑީ ދިނުމުގެ ބަޔަށް 900 މިލިއަން ރުފިޔާ އިތުރުކޮށްފައި އޮތެވެ.
އެހެންނަމަވެސް، މިދިޔަ އަހަރުގެ ވަކި ހިސާބަކުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އިސްލާހުތައް ތަންފީޒު ނުކުރުމަށް ނިންމަވައިފައެވެ. އެއީ، ރައްޔިތުންނަށް ދެމުން އައި އެއްޗެއް އުނިނުކުރުމުގެ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ އެ ނިންމެވުމަށް އިގުތިސާދީ މާހިރުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ.