ރަންވީރަށް އިންޒާރުތަކެއް ދިންތާ މާގިނަ ދުވަހެއްނުވެ އެކްޓަރުގެ މެނޭޖަރަށް ވެސް ވަރުގަދަ އިންޒާރުތަކެއް

ރަންވީރު ސިންގް--ފޮޓޯމިޑްޑޭ

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ރަންވީރު ސިންގްއަށް އިންޒާރުތަކެއް ދިންތާ ހަފުތާއެއްވީ ފަހުން އެކްޓަރުގެ މެނޭޖަރަށް ވެސް އިންޒާރުގެ މެސެޖުތަކެއް ލިބިއްޖެއެވެ.

ހެރީ ބޮކްސާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވަތްސްއަޕް ނަމްބަރަކުން ފޮނުވި އިންޒާރުގެ މި އޯޑިއޯ މެސެޖުގައި ވަނީ 20 ކްރޯޑު ރުޕީސް ހޯދުމަށް ޑިމާންޑުކޮށްފައެވެ. ރަންވީރަށާއި އެކްޓަރުގެ މެނޭޖަރަށް ލިބުނު އިންޒާރުގެ މި މެސެޖުތަކާ ގުޅިގެން މުމްބާއީގެ ކްރައިމް ބްރާންޗުން ވަނީ އިންޑިއާގެ މަޝްހޫރު ގޭންގްސްޓާރުން ކަމަށްވާ ހަރީޗަންދުރާ، މަޝްހޫރު ނަމުން ނަމަ ހެރީ ބޮކްސާ ހޯދުމަށްފަހު ހައްޔަރު ކުރުމުގެ ނޯޓިސްއެއް ނެރެފައެވެ.

ހަރީ ޗަންދުރާ އަކީ އިންޑިއާގެ އެންމެ ނުރައްކާތެރި އެއް ގޭންގު ކަމަށްވާ ލޯރެންސް ބިޝްނޯއި ގޭންގަށް ނިސްބަތްވާ މީހެކެވެ.
އޭއެންއައި ނިއުސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރަންވީރުގެ މެނޭޖަރަށް ލިބުނު އިންޒާރުގެ އޯޑިއޯ މެސެޖު ޕަންޖާބު އަދި ހަރިޔާނާގެ ކަމާގުޅޭ އިދާރާތަކަށް މިހާރު ފޮނުވާފައިވާ ކަމަށާއި އެއީ ކާކުކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

ރަންވީރު ސިންގް އަނބިމީޙާ ދީޕިކާ ޕަދުކޯ އަދި އަލަތު ދަރިފުޅު ދުއާއާ އެކު--ފޮޓޯމިޑްޑޭ

ރިޕޯޓުތައް ބުނާގޮތުން މި މެސެޖުގައި ޑިމާންޑުކޮށްފައިވާ ފައިސާ ރަންވީރުގެ ފަރާތުން ނުލިބިއްޖެނަމަ އެކްޓަރާ އެކު ގާތުން މަސައްކަތްކުރާ އަދި އެކްޓަރުގެ ގާތް މީހުން މި ގޭންގުގެ އަމާޒަކަށް ހަދާނެކަމަށް ބުނެ ވަނީ ބިރުދައްކާފައެވެ. މުމްބާއީގެ ކްރައިމް ބްރާންޗުން ގަބޫލުކުރާގޮތުގައި ރަންވީރަށާއި އެކްޓަރުގެ މެނޭޖަރަށް މެސެޖު ފޮނުވާފައި ވަނީ ވީޕީއެން މެދުވެރިކޮށެވެ.

މި މައްސަލަ މުމްބާއީގެ ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން ރަންވީރު ދިރިއުޅެމުން އަންނަ އެޕާޓްމަންޓްގެ ސެކިއުރިޓީ ވަރުގަދަކޮށް އެކްޓަރުގެ ޓީމުން ވެސް އެކަމަށް ސަމާލުވެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް ވަނީ އަންގާފައެވެ.

ރަންވީރަށް އިންޒާރުގެ މެސެޖުތަކެއް ލިބުނުއިރު ދާދިފަހުން ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީ ދިރިއުޅެމުން އަންނަ މުމްބާއީގެ އެޕާޓްމަންޓަށް ވެސް ވަނީ ބަޑީގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ޒިންމާ ބިޝްނޯއީ ގޭންގުން ނަގާފައިވާއިރު މި މައްސަލައާ ގުޅުންހުރި 11 މީހަކު ފުލުހުން ވަނީ މިހާތަނަށް ހައްޔަރުކޮށްފައެވެ.

ރަންވީރަކީ ރޯހިތު ޝެޓީގެ ދެ ފިލްމެއްގައި މަސައްކަތްކޮށްފައިވާ އެކްޓަރަކަށްވާއިރު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ވަރަށް ގިނަ ތަރިންނަށް އިންޒާރުގެ މެސެޖުތަކާ އެކު ބަޑީގެ ހަމަލާތައް ދިނުން މިފަހުން ވަނީ އާއްމުވެފައެވެ.

އޭގެތެރޭގައި ސަލްމާން ޚާން، ދިޝާ ޕަޓާނީ، އޭޕީ ދިލޮން އަދި ކަޕިލް ޝަރުމާގެ އިތުރުން ބަތަލާ ކަންގަނާ ރަނައުތު ހިމެނެއެވެ.

comment ކޮމެންޓް