އާލިއާގެ އޭއައި ފޮޓޯ ބޭނުންކޮށްގެން ޕާކިސްތާނު ހެދުން ބްރޭންޑެއް އިޝްތިހާރުކުރާތީ، ސަޕޯޓަރުން ނުރުހިއްޖެ

ބަތަލާ އާލިއާ ބަޓް އަދި އާލިއާގެ ފޮޓޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އޭއައި އިޝްތިހާރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ޕާކިސްތާނުގެ އަންނައުނު އުފައްދާ ބްރޭންޑެއް ކަމަށްވާ ވަޖަޔޭޝާ އޮފިޝަލްއިން އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އާލިއާ ބަޓްގެ އޭއައި ފޮޓޯތަކެއް ބޭނުންކޮށްގެން އެ މީހުންގެ ސިލްކް ކަލެކްޝަން އިޝްތިހާރުކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ސޯޝަލް މީޑިއާގައި މި ފޮޓޯތައް ވައިރަލްވުމާއެކު، އާލިއާގެ ސަޕޯޓަރުން ވަނީ މިއީ އޮޅުވާލުމެއްކަން ފާހަގަކޮށް، މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެފައެވެ. ބްރޭންޑުން މިކަމަށް ރައްދުދީ ބުނެފައިވަނީ އާލިއާ ދައުވާ ނުކުރާނެ ކަމަށާއި، މި ޕޯސްޓް ވައިރަލްކޮށްލުމަށް އެހީތެރިވުމަށެވެ.

  • ޕާކިސްތާނުގެ އަންނައުނު ބްރޭންޑަކުން އާލިއާ ބަޓްގެ އޭއައި ފޮޓޯތަކެއް އިޝްތިހާރުކުރުމަށް ބޭނުންކުރުން
  • ވަޖަޔޭޝާ އޮފިޝަލްއިން އާލިއާ ބޭނުންކޮށްފައިވަނީ ސިލްކް ކަލެކްޝަން ޕްރޮމޯޓްކުރުމަށް
  • އާލިއާގެ ސަޕޯޓަރުން މި އަމަލު ކުށްވެރިކޮށް، ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރުން
  • އާލިއާ ދައުވާ ނުކުރާނެ ކަމަށް ބުނެ ބްރޭންޑުން ފާޑުކިޔުންތަކަށް ރައްދުދިނުން
  • ހުއްދަ ނެތި ފިލްމީ ތަރިންގެ ފޮޓޯ ބޭނުންކުރާ މައްސަލަތައް އިންޑިއާގައި ކޯޓަށް ހުށަހެޅުން އިތުރުވުން

ޕާކިސްތާނުގެ ބްރޭންޑަކުން އޭއައި ބޭނުންކޮށްގެން އިންޑިއާގެ ބަތަލާ އާލިއާ ބަޓްގެ ފޮޓޯތަކެއް އޮޅުވާލައިގެން ބޭނުންކުރަމުން އަންނަ މައްސަލައަށް އާއްމުންގެ ސަމާލުކަން ހުއްޓިއްޖެއެވެ.

އާލިއާގެ ބަޓް މޮޑެލްއެއްގެ ގޮތުގައި ދައްކުވައިދޭ ފޮޓޯތަކެއް އާއްމުކޮށްފައިވަނީ ޕާކިސްތާނުގެ އަންނައުނު އުފައްދާ ބްރޭންޑެއް ކަމަށްވާ "ވަޖަޔޭޝާ އޮފިޝަލް"އިންނެވެ. މި ފޮޓޯތައް އާއްމުކުރުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުން އެ ބްރޭންޑުގެ ހިންގުންތެރިންނަށް އަމާޒުވެ، ސޯޝަލް މީޑިއާގައި މި ކަމާ ގުޅޭ ބޮޑު ބަހުސެއް ވަނީ ފެށިފައެވެ.

މި ފޮޓޯތައް ވައިރަލްވުމާ އެކު، އާލިއާގެ ސަޕޯޓަރުން ވަނީ އެއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯތަކެއްކަން ވަގުތުން ފާހަގަކޮށްފައެވެ. މި ބްރޭންޑުން އާލިއާގެ ފޮޓޯތައް އޮޅުވާލައިގެން ބޭނުންކުރި ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު، އެ ބްރޭންޑުން ދަނީ އެ ފާޑުކިޔުންތަކަށް ތަފާތު ގޮތްގޮތަށް ޖަވާބު ދެމުންނެވެ.

ވަޖަޔޭޝާ އޮފިޝަލްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށްފައިވާ މި ފޮޓޯތަކުން އާލިއާ ފެންނަނީ އެ ބްރޭންޑްގެ އެންމެ ފަހުގެ "ސިލްކް ސޫޓް" ކަލެކްޝަންގައެވެ.

އާލިއާގެ ފޮޓޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އޭއައި އިޝްތިހާރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކަޅު، ރަތް، ފެހި އަދި މަޑު ދަނބު ކުލައިގެ ހެދުންތަކުގައި އާލިއާ ވަރަށް ފުރިހަމައަށް ފެނެއެވެ. މި ފޮޓޯތަކާ އެކު ޖަހާފައިވާ ކެޕްޝަނުގައި ބުނެފައިވަނީ "އާލިއާ ބަޓަށް ވެސް އަހަރެމެންގެ ސިލްކް ކަލެކްޝަން ވަރަށް ކަމުދާ" ކަމަށާއި ބޭނުން ކުލައަކުން ހެދުން ފަރުމާކޮށްދޭނެ ކަމަށެވެ.

އާންމުކޮށް ކުދި ބްރޭންޑްތަކުން ދުނިޔޭގެ މަޝްހޫރު ތަރިންގެ ފޮޓޯ ބޭނުންކުރުމަކީ ފެންނަ ކަމެއް ނަމަވެސް، ޑިޖިޓަލްކޮށް ފޮޓޯތައް އޮޅުވާލައިގެން ބޭނުންކުރުމުން އާލިއާގެ ސަޕޯޓަރުން ތިބީ އެ ކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

މީސްމީޑިއާ ބޭނުންކުރާ މީހަކު، އާލިއާ އެ ބްރޭންޑާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ބުނެ ކޮމެންޓްކުރުމުން އެއަށް ރައްދު ދެމުން އެ ބްރޭންޑުން ބުނީ، އާލިއާ އެގޮތަށް އަމަލު ނުކުރާނެ ކަމަށެވެ. އަދި، އެ ޕޯސްޓް ވައިރަލް ކޮށްލަދިނުމަށް އެހީތެރިވެދިނުމަށާއި އޭރުން އާލިއާއަށް ވެސް އެ ބްރޭންޑުގެ ޝޫޓިންއާ ބެހޭގޮތުން މައުލޫމާތު ލިބޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮމެންޓްތައް ބަދަލުކޮށްފައިވެއެވެ.

އޭއައިގެ އެހީގައި އާލިއާގެ ފޮޓޯތައް ބޭނުންކޮށްގެން ޕާކިސްތާނުގެ ބްރޭންޑެއް އިޝްތިހާރުކުރުމަށް ހިންގި އެ އަމަލަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ.

މި ކަމާ ގުޅޭގޮތުން މިހާތަނަށް އާލިއާގެ ފަރާތުން ވަކި އެއްޗެއް ބުނެފައިނުވާއިރު، ހުއްދަ ނެތި އިންޑިއާގެ ފިލްމީ ތަރިންގެ ފޮޓޯތައް ބޭނުންކުރާ މައްސަލަތައް ވަރަށް ގިނަ ފިލްމީ ތަރިން އަންނަނީ ކޯޓަށް ހުށަހަޅަމުންނެވެ. އެ ގޮތުން، ޕާސަނަލް ރައިޓްސް ހިމާޔަތްކޮށްދިނުމުގެ ގާނޫނުގެ ދަށުން ފިލްމީ ތަރިންނާއި މަޝްހޫރު އެކި ފަރާތްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ހުއްދަނެތި ބޭނުންކުރާ އެފަދަ ހުރިހާ ޕްލެޓްފޯމްތަކުން ނެގުމަށް ކޯޓުން ވަނީ އަމުރު ނެރެފައެވެ.

comment ކޮމެންޓް