ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީގެ ކާމިޔާބު ފިލްމު "އާވާރާޕަން"ގެ ދެވަނަ ބައި ކަމަށްވާ "އާވާރާޕަން 2" ސިނަމާތަކަށް ގެންނަ ތާރީޚު އިއުލާނުކޮށްފިއެވެ.
ނިތިން ކައްކަރު ޑައިރެކްޓްކޮށްފައިވާ "އާވާރާޕަން 2" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ. ލޯބީގެ ރަހަތަކާ އެކު އުފައްދާ ވަރަށް ވަރުގަދަ މި އެކްޝަން ފިލްމުން އިމްރާންއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ދިޝާ ޕަޓާނީއެވެ.
މީގެއިތުރުން އިންޑިއާގެ ކުރީގެ މަޝްހޫރު ބަތަލާ ޝަބާނާ އަޒްމީވެސް "އާވާރާޕަން 2"ގެ މުހިއްމު ރޯލަކުން ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކުރަމުން ދިޝާ ވަނީ އަމިއްލަ އިންސްޓަގްރާމްގައި "އާވާރާޕަން 2"ގެ އާ ތީމްތަކެއް ދައްކުވައިދޭ ޕޯސްޓަރުތަކެއް ވެސް ބެލުންތެރިންނަށް ހިއްސާކޮށްފައެވެ.

"އާވާރާޕަން 2"ގެ އާ ތީމްތަކެއް ދައްކުވައިދޭ ޕޯސްޓަރުތަކެއް އަދި 2007 ވަނަ އަހަރުގެ ފިލްމު "އާވާރާޕަން"ގެ ޕޯސްޓަރެއް--ފޮޓޯ/އެމްއެސްއެން
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު ވިޝޭޝް ބަޓް ބުނީ، ފިލްމުގެ އަސްލު ބިނާވެފައި ވަނީ އޭގައި އެކުލެވޭ ކެރެކްޓާތަކާއި، ފުރިހަމަ މިއުޒިކާއި އަދި އަސަރުން ފުރިފައިވާ ވާހަކަތަކެއްގެ މައްޗަށް ކަމަށެވެ.
ފިލްމު "އާވާރާޕަން" އަކީ 2007 ވަނަ އަހަރު ޑައިރެކްޓަރު މޯހިތު ސޫރީ ގެނެސްދިން ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. އެ ފިލްމަކީ ނުކުތްއިރު ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމަކަށް ނުވި ނަމަވެސް، ފަހުން ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. ޚާއްސަކޮށް ފިލްމުގެ މިއުޒިކަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން އޭރު ލިބުނެވެ.
ފިލްމު މިއުޒިކް މިއަދާ ހަމައަށްވެސް ގިނަ ބައެއްގެ ހަނދާނުން ފޮހެވިފައިނުވާއިރު މިއީ އިމްރާންގެ ފިލްމީ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމުތަކުގެތެރޭ ހިމެނޭ އެއް ފިލްމެވެ. އެހެންވެ "އާވާރާޕަން 2"އަށް ބެލުންތެރިން އަންނަނީ ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.