ވޮޝިންޓަން (20 ފެބްރުއަރީ 2026) : ޣައްޒާއަށް ސުލްހަ ގެނައުމަށާއި ޣައްޒާ އަލުން އާރާސްތު ކުރުމަށް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް އެކުލަވާލެއްވި "ބޯޑް އޮފް ޕީސް" ނުވަތަ ސުލްހައިގެ ކޮމިޓީ ވޮޝިންގްޓަންގައި އިފްތިތާހް ކޮށްފިއެވެ.
މިކަމަށްޓަކައި ވައިޓް ހައުސްގައި ބޭއްވި ޖަލްސާގައި ދުނިޔޭގެ ބޮޑު ފަސް ބާރުގެ ތެރެއިން އެމެރިކާ ފިޔަވައި އެންމެ ގައުމެއްވެސް ބައިވެރިވެފައެއް ނުވެއެވެ. ޔޫރަޕްގެ މަދު ގައުމަކާއި އިސްލާމީ ވަރަށް މަދު ގައުމަކުން ނޫނީ މި ބޯޑުގައި ބައިވެރި ވެފައެއް ނުވެއެވެ.
"ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ޓްރަމްޕް 90 ގައުމަކަށް ދައުވަތު ދެއްވާފައިވާއިރު އޭގައި ބައިވެރިވެފައިވަނީ އެންމެ 47 ގައުމެވެ. މީގެތެރެއިންވެސް ހައެއްކަ ގައުމު ފިޔަވައި އެހެން ގައުމުތަކުން މި ބޯޑުގައި ތަމްސީލް ކުރަނީ ޚާރިޖީ ވަޒީރުންނާއި ޚާރިޖީ ވަޒީރުންގެ ނައިބު ފެންވަރުގެ މަސްއޫލުވެރިންނެވެ.
ނަމަވެސް އެމެރިކާ ތަމްސީލް ކުރަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. މިއީ ދުނިޔޭގައި އެމެރިކާ އެކަހެރިވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއްކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އިސްރާއީލުން ޣައްޒާ ހަލާކުކޮށްލާފައިވާ މިންވަރު
މި ބޯޑަކީ އދ. ން ބޭރުގައި ޓްރަމްޕް އަމިއްލައަށް އުފައްދާފައިވާ ބޯޑެކެވެ. އެހެކަމުން މި ބޯޑަކީ ބައިނަލްއަގްވާމީ ޝަރުއިއްޔަތު ލިބިފައިވާ ބޯޑަކަށް ނުވުމަކީ މީގައި ގިނަ ގައުމުތައް ބައިވެރިނުވާން ނިންމި އެއް ސަބަބެވެ.
އަނެއް ސަބަބަކީ ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގަމުން ގެންދާ މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސިފަކުރެވޭ ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ މި ބޯޓުގެ މެންބަރެއްގެ ގޮތުގައި ހުރުމެވެ. މި ދެ ސަބަބަކީ މި ބޯޑު ގެ ޝަރުއިއްޔަތު ގެއްލިގެން ދިޔަ މައިގަނޑު ދެ ސަބަބު ކަމުގައި މުހައްލިލުން ވަނީ ސިފަކޮށްފައެވެ.
ޕީސް ބޯޑުގެ ފުރަތަމަ ޖަލްސާއިންވެސް ފެނިގެން ގޮސްފައިވަނީ މި ބޯޑަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚުދުމުޚްތާރު މުށުތެރޭގައިވާ ބޯޑެއް ކަމުގައެވެ. މި ބޯޑަކީ ޣައްޒާއަށް ޚާއްސަކޮށްގެން އުފެއްދި ބޯޑެއް ނަމަވެސް މި ބޯޑުގައި ޣައްޒާ ނިސްބަތްވާ ފަލަސްތީނުގެ ރައްޔިތުންވެސް އަދި ފަލަސްތީނުގެ ވެރިކަމުގެ އިދާރާވެސް ތަމްސީލެއް ނުކުރެއެވެ.
ނަމަވެސް ޣައްޒާގެ ޖައްލާދު ނުވަތަ ޣައްޒާގައި ގަތުލުއާންމު ހިންގައި ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގަމުން ގެންދާ ޔަހޫދީ އިސްރާއީލު ގެ ބޮޑުވަޒީރު ނަތަންޔާހޫ މި ބޯޑުގައި ތަމްސީލު ކުރެއެވެ. ޣައްޒާގައި ޔަހޫދީން ހިންގާ ގަތުލު އާންމުތަކަށް ހިއްވަރުދީ އެކަމަށް ފަންޑްކުރާ އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މިބޯޑުގެ ވެރިޔާގެ މަގާމަށް އަމިއްލައަށް އިސްވެފައެވެ.

ޣައްޒާގައި އިސްރާއީލުން ހިންގާފައިވާ ގަތުލުއާންމެއްގައި ޝަހީދުކޮށްލާފައިވާ ބައެއްގެ ހަށިތައް
ޓްރަމްޕް ވަނީ މިއީ ހަމައެކަނި ޣައްޒާގެ ކަންތައް ބަލަހައްޓާ ބޯޑެއް ނޫންކަމާއި މިއީ މުޅި ދުނިޔޭގެ އަމަނާއި ސުލްހައިގެ ކަންތައްތައްވެސް މުސްތަގްބަލްގައި ބަލަހައްޓާނެ ބޯޑުކަމަށް ސިފަކުރައްވައި ވާހަކަ ދައްކަވާފައެވެ.
ދުނިޔޭގެ އަމަނާއި ސުލްހައިގެ ކަންތައްތައް ބެލެހެއްޓުމަކީ ގާނޫނީ ގޮތުން އދ. ގެ ސަލާމަތީ މަޖިލީހުގެ ޒިންމާއަކަށް ވާއިރު މިކަން މިބޯޑުގެ ޒިންމާއަކަށް ހެދުމަކީ ޣައިރު ގާނޫނީ ކަމެއްކަމަށް ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް ވަނީ ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޓްރަމްޕް ވަނީ ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތަށް 10 ބިލިޔަން ޑޮލަރު ޚާއްސަކޮށްފައިވާކަން މިޖަލްސާގައި އިއުލާން ކުރައްވާފައެވެ. މިއީ އެކި ގައުމުތަކުން ޣައްޒާ އަލުން އާރާސްތު ކުރުމަށް މިހާތަނަށް ދިން އެހީގެ ޖުމްލަ ކަމަށް ވެއެވެ.
ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވިތާ 4 މަސް ވެފައިވާއިރުވެސް އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތައް އެއްކޮށް ހުއްޓައެއް ނުލައެވެ. ދޭތެރެއަކުން އިސްރާއީލު ގެންދަނީ ޣައްޒާގެ އާންމުންނަށް ހަމަލާދީ ގަތުލުއާންމުތައް ހިންގަމުންނެވެ. ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި ފަހުންވެސް އިސްރާއީލު ވަނީ ގަތުލުއާންމު ހިންގައި 700 އަށް ވުރެގިނަ ފަލަސްތީނުގެ އާންމުން ޝަހީދުކޮށްލާފައެވެ.
އިސްރާއީލުން ޣައްޒާގައި ހިންގި ގަތުލުއާންމުތަކުގައި ޣައްޒާގެ 75 ހާހަށްވުރެގިނަ މީހުން ޝަހީދުކޮށް ދެ ލައްކައަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައިވާއިރު ހޮސްޕިޓަލްތަކާއި ގެދޮރާއި މަދަނީ ހުރިހާ އިންފްރާސްޓްރަކްޗަރ ވަނީ ހަލާކުކޮށްލާފައެވެ.