ކަނޑުއޮޅި ކައިރިން ހުރަސްކުރަން އުޅުނު އިރާން ބޯޓެއް އަތުލައިގަނެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ހުރްމުޒް ކައިރިން ހުރަސް ކުރަން އުޅުުނު އީރާނު ބޯޓެއް އެމެރިކާއިން ހިފަހައްޓާފައިވާ ކަަމށް ވަނީ ބުނެފައި. ފޮޓޯ/އޭޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރެއްވި ގޮތުގައި، އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހިސޯރު މުގުރާލައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު އީރާނުގެ މުދާ އުފުލާ ބޯޓެއް އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ އަތުލައިގަނެފައެވެ. މި ހާދިސާއާ ގުޅިގެން އީރާނުން ވަނީ ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފައެވެ. މިކަން ހިނގާފައިވަނީ ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ މަޝްވަރާތަކެއް ފެށުމަށް އެމެރިކާއިން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

  • އެމެރިކާގެ ކަނޑުގެ ސިފައިން ހުރްމުޒް ކަނޑުއޮޅިން އީރާނުގެ ބޯޓެއް އަތުލައިގަނެފި
  • ޓޫސްކާ ނަމަކަށް ކިޔާ މި ބޯޓު އަތުލައިގަތީ އެމެރިކާގެ އިންޒާރުތަކަށް ބޯނުލެނބުމުން
  • މި ހަމަލާއާ ގުޅިގެން އެމެރިކާއާ ދެކޮޅަށް ބަދަލުހިފާނެ ކަމަށް އީރާނުން އިންޒާރުދީފި
  • މި ހާދިސާ ހިނގާފައިވަނީ ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާގެ ވަފުދެއް ޕާކިސްތާނަށް ދަތުރުކުރަން އުޅެނިކޮށް

އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހިސޯރު ފަހަނައަޅައި ހުރްމުޒް ކަނޑުއޮޅި ކައިރިން ހުރަސް ކުރަން އުޅުނު އީރާނުގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓެއް އެމެރިކާގެ ކަނޑުގެ ސިފައިން އަތުލައިގަނެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓޫސްކާ ނަމަކަށް ކިޔާ ބޯޓު ހުއްޓުވުމަށް އެމެރިކާގެ ނޭވީގެ ގައިޑްޑް މިސައިލް ޑިސްޓްރޯޔަރަކުން އިންޒާރު ދިން ނަމަވެސް އޭގައިތިބި ފަޅުވެރިން ވަނީ އެކެމާ ދެކޮޅު ހަދާފައި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމެރިކާގެ ކަނޑުގެ ސިފައިން ހަމަ އެވަގުތު އެމީހުން ހުއްޓުވި ކަމަށާއި މިހާރު ބޯޓު އޮތީ އެމެރިކާ މެރިންސްގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އެކަމާ ގުޅިގެން އީރާނުން ވަނީ ބަދަލު ހިފާނެ ކަމަށް ބުނެފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް، ސެންޓްކޮމްއިން ބުނީ ސިއަޑް ޓޫސްކާ ކިޔާ އެ ބޯޓު މިސްރާބު ޖެހީ އީރާނުގެ ބަނދަރު އައްބާސްއަށް ކަމަށާއި އިންޖީނު ރޫމް ހުސްކުރުމަށް ހަ ގަޑިއިރުގެ ތެރޭގައި އެމެރިކާއިން ދިން އެތައް އިންޒާރުތަކަށް އަޅާނުލި ކަމަށެވެ.

އެމެރިކާއިން އީރާނުގެ އެ ބޯޓަށް ހަމަލާދީފައިވާއިރު، މި މަހުގެ ކުރީކޮޅު ޗައިނާއަށް ދަތުރުކުރި އީރާނުގެ ވިޔަފާރީ ބޯޓަކަށް ވެސް އެެމެރިކާއިން ހަމަލާ ދީފައިވާ ކަމަށާއި، އެއީ މިހާރު އޮތް ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް އީރާނުގެ އެންމެ މަތީ ޖޮއިންޓް މިލިޓަރީ ކޮމާންޑުން ވަނީ ބުނެފައެވެ.

"އަޅުގަނޑުމެން އިންޒާރު ދިނިން އީރާނުގެ ހަތިޔާރު އެޅި ސިފައިން ⁠އެމެރިކާގެ އަސްކަރިއްޔާއިން ކުރާ މި ހަތިޔާރު އެޅި ކަނޑުފޭރުމާ ދެކޮޅަށް ވަރަށް އަވަހަށް ރައްދުދީ ބަދަލު ހިފާނެ ކަމަށް," ޚާތަމް އަލް އަންބިޔާގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

މީގެ ކުރިން އީރާނުގެ އޮފިޝަލުން ބުނެފައި ވަނީ އެމެރިކާގެ ހިސޯރު އޭޕްރީލް 13 އިން ފެށިގެން ކުރިއަށްދާއިރު، ބޯޓުތައް އެ މަގުން ދަތުރު ނުކުރާނެ ކަމަށެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު ހުރްމުޒް ކަނޑޮއޮޅީގެ ކޮންޓްރޯލު ނަގައި އުޅަނދުތައް ދަތުރުކުރުން ހުރަސް އަޅާފައެވެ. އޭގެފަހުން ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމެއް ގާއިމު ނުކުރެވުމުން އެމެރިކާއިން ވަނީ ކަނޑުއޮޅިން އީރާނުގެ ބަނދަރުތަކަށް ދާ ބޯޓުތަކަށް ހުރަސް އެޅުމަށް އެ ސަަރަހައްދު ހިސޯރުކޮށްފައެވެ.

އިސްރާއީލުން ލުބުނާނަށް ހަމަލާ ދިނުން 10 ދުވަހުގެ މުއްދަތަށް މެދުކަނޑާލުމާ ގުޅިގެން އީރާނުން ކަނޑުއޮޅި ހުޅުވާލިއެވެ. ނަމަވެސް އެމެރިކާއިން ހިސޯރު ކުރުން ހުއްޓާނުލުމުން އީރާނުން އަނެއްކާވެސް ވަނީ ކަނޑުއޮޅި ބަންދުކޮށްފައެވެ.

އީރާނުގެ ބޯޓަށް ހަމަލާދިންކަން ޓްރަމްޕް އިއުލާނުކުރެއްވީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަމާޒުކޮށްގެން އީރާނާއެކު ކުރެވިދާނެ މަޝްވަރާތަކަށް ހޯމަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް އެމެރިކާގެ ވަފުދުން ދަތުރުކުރާނެ ކަމަށް ވިދާޅުވިތާ މަދު ވަގުތުކޮޅެއް ފަހުންނެވެ.

ދެ ވަނަ ބުރުގެ މަޝްވަރާތަކަށް އީރާނުން މިހާތަނަށް އެއްބަސްވެފައިނުވާ އެ ގައުމުން ބުނެއެވެ.

comment ކޮމެންޓް