އަވަސް އަވަހަށް ކޮމިޝަނަރުން ބަދަލުވުމުން އާންމުންގެ އިތުބާރު ކުޑަވެ، ފުލުހުންގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ: ހަމީދު

ފުލުހުންގެ ކުރީގެ ކޮމިޝަނަރު މުޙައްމަދު ޙަމީދު: އޭނާ ލިޔުއްވިގޮތުގައި އަވަސް އަވަހަށް ކޮމިޝަނަރުން ބަދަލުވުމަކީ އާންމުންގެ އިތުބާރު ގެއްލޭނެ ކަމެއް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަވަސް އަވަހަށް ޕޮލިސް ކޮމިޝަނަރުން ބަދަލުވުމަކީ އެ މުއައްސަސާއަށް އާންމުން ކުރާ އިތުބާރު ކުޑަވެ، ފުލުހުންގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމަށް ކުރީގެ ކޮމިޝަނަރު މުޙައްމަދު ހަމީދު އިއްޔެ ވިދާޅުވެއްޖެއެވެ.

ހަމީދު އޭނާގެ ބްލޮގްގައި މިހެން ލިޔުއްވާފައިވަނީ، 32 އަހަރު ޚިދުމަތްކުރެއްވުމަށްފަހު، މި ސަރުކާރުގެ ދެވަނަ ފުލުހުންގެ ކޮމިޝަނަރު އިސްމާޢީލް ނަވީން އިއްޔެ ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

https://sun.mv/218107

މި ސަރުކާރުގެ ފުރަތަމަ ކޮމިޝަނަރު ޢަލީ ޝުޖާޢު މިދިޔަ އޭޕްރިލް މަހުގެ 28ވަނަ ދުވަހު ރިޓަޔާކުރެއްވުމާ ގުޅިގެން، ނަވީން އެ މަގާމަށް އައްޔަންކުރީ ޖޫން މަހުގެ 10 ވަނަ ދުވަހެވެ. އެހެންކަމުން އޭނާ ފުލުހުންގެ ކޮމިޝަނަރުކަން ކުރެއްވީ އެންމެ އަށް މަސް ދުވަސް ވަންދެނެވެ.

ކުރީގެ ކޮމިޝަނަރު އިސްމާޢީލް ނަވީން: އޭނާ ރިޓަޔާކުރެއްވީ އިއްޔެ --

ނަވީން ރިޓަޔާ ކުރެއްވި ސަބަބެއް މިހާތަނަށް ހާމަކުރައްވާފައިިނުވެއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ދެ ދުވަސް ކުރިން، ނޮވެންބަރު 15، 2023ގައި ކޮމިޝަނަރުކަމުން ރިޓަޔާކުރެއްވި ހަމީދުގެ ބްލޮގުގައި ލިޔުއްވާފައިވަނީ، ދެ އަހަރާއި ބައިގެ މުއްދަތުގައި ތިން ކޮމިޝަނަރަކު ރިޓަޔާކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އަވަސް އަވަހަށް ކޮމިޝަނަރުން ބަދަލުވުމަކީ ނުރައްކަލުގެ ރަނގަބީލެއްގެ ގޮތުގައި ހަމީދު ވަނީ ސިފަކުރައްވައިފައެވެ.

އަވަސް އަވަހަށް ކޮމިޝަނަރުން ބަދަލުވުމަކީ، ހަމީދު ލިޔުއްވިގޮތުގައި، ފުލުހުންގެ މަސައްކަތަށާއި އޮޕަރޭޝަންތަކަށް ބުރޫއަރައި، ފުލުހުންގެ ކޮމާންޑުގެ ތެރޭ ޝައްކު އުފެދެން މެދުވެރިވާނެ ކަމަށެވެ. އެގޮތުން، ފުލުހުންގެ ޚިދުމަތް ހިންގަނީ ޕްރޮފެޝަނަލްކޮށްތޯ، ނުވަތަ އެ ޚިދުމަތް އޮތީ ސިޔާސީވެފައިތޯ ފުލުހުން ސުވާލު އުފައްދާނެ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

"މިކަމުގެ ސަބަބުން އާންމުންގެ އިތުބާރު ގެއްލިގެން ދާނެ،" ހަމީދު ލިޔުއްވާފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ދައުރު ދެބައިވާން ކައިރިވެފައިވާކަން ފާހަގަކުރައްވައި ހަމީދު ލިޔުއްވިގޮތުގައި، ކުރިއަށް އޮތް ދެ އަހަރާ ބައިގެ މުއްދަތުގައި ސަރުކާރުން މަސައްކަތްކުރާނީ ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރުމަށް ކަމަށެވެ. އެހެންވެ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވާދަވެރިކަން ބޮޑުވެއްޖެނަމަ، ސަރުކާރުގެ ސިޔާސީ ވިސްނުމާ ދާދި އެއްގޮތް ވިސްނުމެއް ގެންގުޅުއްވާ ބޭފުޅަކު ކޮމިޝަނަރުކަމަށް އައްޔަންކުރަން ސަރުކާރުން ބޭނުންވާނެ ކަމަށް އޭނާ ލިޔުއްވިއެވެ.

ކުރީގެ ކޮމިޝަނަރު ނަވީން (މ-ވ)، ރައީސް ޑރ. މުޢިއްޒާއި (މ) ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާނާ (މ-ވ) އެކު -- ފޮޓޯ/ ރައީސް އޮފީސް

ހަމީދު ލިޔުއްވިގޮތުގައި، މިއީ ހަމަހަމަކަމާއި، ނަޒާހާތްތެރިކަމާއެކު، ނުފޫޒުގައި ނުޖެހި މަސައްކަތްކުރައްވާނެ ކޮމިޝަނަރަކު އައްޔަންކުރަން ސަރުކާރަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

"އެފަދަ ބޭފުޅަކު [ފުލުހުންގެ ޚިދުމަތް ހިންގަން] އައްޔަންކުރުމުން އެ ދެވެނީ ފުލުހުންގެ އޮފިސަރުންގެ އިތުރުން އާންމުންނަށާއި ބައިނަލްއަގުވާމީ މުޖުތަމައަށް ވަރުގަދަ މެސެޖެއް،" ހަމީދު ލިޔުއްވާފައިވެއެވެ.

ފުލުހުންގެ ތެރޭގައިވެސް ސިޔާސީ ކަންކަމުގައި ސީދާކޮށް އަދި ނުސީދާކޮށް ބައިވެރިވާ ފުލުހުން ތިބިކަން ފާހަގަކުރައްވައި، ހަމީދު ވަނީ، އެ ފުލުހުން ތާއީދުކުރާ ސިޔާސީ ފިކުރަށްވުރެ އެ މުއައްސަސާގެ ޚިދުމަތް އިސްކުރުމަށް ގޮވާލައްވައިފައެވެ.

ފުލުހުންނަކީ ދިމިގުރާތީ ވެރިކަމެއް ހިންގުމުގެ އެއް ތަނބުކަން ފާހަގަކުރައްވައި، ހަމީދު ލިޔުއްވިގޮތުގައި ފުލުހުންގެ ޚިދުމަތުން ގާނޫނު ނެގެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތުގައި ހަމަހަމަކަން ގެއްލުވާލައި، ވަކި ބަޔަކަށް ގާނޫނު ތަންފީޒުކުރާނަމަ، ދިމިގުރާތީ ނިޒާމު ބަލިކަށިވާނެއެވެ.

"ފުލުހުންގެ ޚިދުމަތް ރައްޔިތުންގެ ތެރޭ ފެއިލްވެގެން ނުވާނެ،" އޭނާ ލިޔުއްވިއެވެ.

https://sun.mv/218124

ނަވީން، ރިޓަޔާކުރެއްވުމާ ގުޅިގެން، އެ މުއައްސަސާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ވަނީ ހަވާލުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޝުޖާއު ސީޕީގެ މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް އޭރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ނަވީންގެ އިތުރުން ފަރުހާދާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ހިމެނުނެވެ.

ފަރުހާދަށް ފުލުހުން އިދާރާގެ ވަގުތީ ހިންގުން ދެއްވިއިރު، އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕްގެ މައްސަލައެއްގައި ހެކި ނައްތާލި ކަމުގެ ސީރިއަސް ތުހުމަތެއް ފަރުހާދަށް ކުރެވެއެވެ. ނަމަވެސް މިކަމުގެ ހަގީގަތް އަދި ހާމައެއް ނުވެއެވެ.

comment ކޮމެންޓް