މި ސަރުކާރުގެ ދެ ވަނަ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން, ގާތްގަނޑަކަށް 32 އަހަރުގެ ޚިދުމަތަށް ފަހު މިއަދު ފުލުހުންގެ މުއައްސަސާއިން ރިޓަޔާކުރައްވައިފިއެވެ.
ނަވީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިއަދު ފެށުނު ރަމަޟާން މަހާއެކު، އޭނާގެ ރިޓަޔާމެންޓް ވެސް ފައްޓަވައިފައިވާ ކަމަށެވެ.
ނަވީން ވަނީ އޭނާ ރިޓަޔާކުރައްވަނީ ގާތްގަނޑަކަށް 32 އަހަރު ފަހުންކަން ފާހަގަކުރައްވައި، އޭނާ ޚިދުމަތާ ދުރަށްޖެހިވަޑައިގަންނަވަނީ ވެސް، ޚިދުމަތާ ގުޅުނުއިރު ގެންގުޅުއްވި ގަބޫލުކުރުންތަކާއެކު ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭރު ވެސް ފުލުހުންގެ މުއައްސަސާއަށް ކުރި އިޙުތިރާމާއި، އިތުބާރާއި ގައުމަށް އޮތް ލޯތްބަށް ފަނޑުވުމެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ ފުލުހެއްގެ ގޮތުގައި ޚިދުމަތް ކުރުމަކީ، ލިބިވަޑައިގަތް ޝަރަފެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ނަވީން ސީޕީކަމާ ހަވާލުވެވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް، މިދިޔަ އަހަރުގެ އޭޕްރީލް 26ގައި އިސްތިއުފާ ދެއްވުމުންނެވެ. ޝުޖާއު ވެސް ވަނީ ރިޓަޔާ ކުރައްވައިފައެވެ.
ސީޕީ ކަމުގެ މަގާމަށް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ކުރިމަތިލެއްވިއެވެ.
މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ, ސީޕީ ނަވީން ހިމެނޭ ގޮތަށް، ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ލަފާދޭން ނިންމައިފައެވެ. އެ އޮފިސަރުން ސަސްޕެންޑުކުރަން ލަފާދެނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑާ ޚިލާފަށް އެ ބޭފުޅުން އަމަލުކުރެއްވި ކަމަށް ތުހުމަތު ކޮށެވެ.
ނަމަވެސް އެ ފިޔަވަޅު ތަންފީޒު ކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނަވީން ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ ޖުލައި 7، 1994ގައެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލޭންޑާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޯތަމްބްރިއާއިން މަތީ ތައުލީމު ހާސިލްކުރައްވާފައެވެ.