ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިދޭ ބްރިޖު ދެއަކާއި ތިނަކާ ދޭތެރޭ އޮންނަ ކުރެދިމާ ހިނގުން، އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ، އެ ބަދަލު ގެންނަން ނިންމީ އެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް ގިނަވެފައިވާތީ، މަގުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ.
އެ ބަދަލާއެކު، އެ މަގުން މިހާރު ދަތުރުކުރެވޭނީ މަގުގެ ހުޅަނގަށް އެކަންޏެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓުތައް މަދު ތަންތަނަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަރަށް ގިނައެވެ. އެކްސިޑެންޓުތައް މަދު ކުރުމަށްޓަކައި މީގެ ކުރިން ވެސް މާލެއާއި ހުޅުމާލޭގެ މަގުތަކަށް ބަދަލު ގެނެސް، ރައުންޑް އެބައުޓްތައް ވެސް ބަހައްޓާފައިވެއެވެ.
ހުޅުމާލޭގެ މަގުތަކުގައި ކުޑަ ސްޕީޑް ބްރޭކަރުތަކެއް ވެސް އެޗްޑީސީން ހަރުކުރިއިރު، އެ ސްޕީޑް ބްރޭކަރުތަކާމެދު އާންމުންގެ ޝަކުވާ ވަރަށް ބޮޑުވިއެވެ. އެހެންވެ އެ ކޯޕަރޭޝަނުން ފަހުން ވަނީ ސްޕީޑް ބްރޭކަރުތައް ނަގައިފައެވެ.
އެ މައްސަލައިގައި ފުލުހުން ބުނީ އެ ބަމްޕަރުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ، އޭގެ ޒާތުގައި ރަނގަޅު ބަމްޕަރުތަކެއް ކަމަށެވެ. އަދި މައްސަލައަކީ، ދުއްވާ މީހުންގެ އަމަލުތައް ކަމަށާއި އެ މީހުން ބަމްޕަރަށް އެރުމުގެ ކުރިން ސްޕީޑް މަޑުކުރަންޖެހޭ ވަރަށް މަޑުކުރާނަމަ، ފައިދާ ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހުޅުމާލޭގެ މައި މަގުކަމަށްވާ ނިރޮޅުމަގުގައި ބަމްޕަރު ހަރުކުރުމުން އެކްސިޑެންޓް މަދުވިކަން ފާހަގަވި ކަމަށް ވެސް ފުލުހުން އޭރު ވަނީ ބުނެފައެވެ.