ކުރިއަށް އޮތީ ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ފޯރާނެ ފަސް ދުވަސް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފައިވާއިރު، ދުންފުހުގެ ސަބަބުން ނޭވާހިއްލުން އިތުރަށް ގޯސްވެދާނެ ކަމަށާއި އެކަމުން ސަލާމަތްވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ވަނީ ވައި ނުސާފުވުމުގެ ސަބަބުން ޖެހިދާނެ ބަލިތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ. އެ ގޮތުން، ޖެހިދާނެ ބައެއް ބަލިތަކުގެ ތެރޭގައި އެ އެޖެންސީން ހާމަކޮށްފައިވަނީ:
- ނޭވާ ހިއްލުމާއި ސޯއޯޕީޑީ ފަދަ ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތައް
- ކުޑަކުދީންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސްއެޅުން
- ސިކުނޑިއާއި ނާރުގެ ބަލިތައް
- ބައެއް ބާވަތްތަކުގެ ކެންސަރު
- މާބަނޑު ދުވަސްވަރު ދިމާވާ ސިއްޚީ މައްސަލަތައް
- ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން
- ލޯ، ނޭފަތް، ކަރުތެރެ އަދި ހަންގަނޑު ހިރުވުން
- ބޮލުގައި ރިއްސުމާއި ނާޒުކު ފަރާތްތައް ބޯ އެނބުރުން
- ކެއްސުމާއި ނޭވާލުމަށް އުނދަގޫވުން
- ނޭވާލާ ނިޒާމުގެ ބަލިތަކާއި ނޭވާ ހިއްލުން އިތުރަށް ގޯސްވުން
- ނޭވާހިއްލުން ނުވަތަ ހިތުގެ މައްސަލަތައް އިތުރަށް ގޯސްވުން
ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެ ގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެއެވެ.
އެޗްޕީއޭއިން ވަނީ ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އިލްތިމާސްކޮށްފައެވެ.