ދަގަނޑުގެ ބައި މަދުވުމުގެ ކުރީކޮޅުގެ އަލާމާތެއް ކަމަށްވާ "ލޯ ފެރިޓިން" ނުވަތަ ހަށިގަނޑުގައި ރައްކާކުރެވިފައި ހުންނަ ދަގަނޑުގެ މިންވަރު މަދުވުމަކީ، އަޅުގަނޑުމެންނަށް ސަމާލުކަން ނުދެވި އޮންނަ ނަމަވެސް ވަރަށް މުހިއްމު ސިއްހީ މައްސަލައެކެވެ.
ލޭގެ ރިޕޯޓުތަކުން ހުރިހާ ކަމެއް "އާދައިގެ" ގޮތަކަށް ދެއްކި ނަމަވެސް، މާބޮޑަށް ވަރުބަލިވުމާއި، އިސްތަށި ފޭބުމާއި ނުވަތަ ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން ފަދަ ކަންކަން ތަހައްމަލު ކުރަންޖެހިފައިވޭ ހެއްޔެވެ؟
މިއީ ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުމުގެ ކުރީކޮޅުގެ ނިޝާނެއް ކަމަށްވާ "ލޯ ފެރިޓިން"ގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެއެވެ. މިއީ ގިނަ ބަޔަކަށް އެކަމުގެ މަޢުލޫމާތު އެނގިފައި ނުވުމުގެ ސަބަބުން ސަމާލުކަން ނުދެވި އޮންނަ ސިއްހީ މައްސަލައެކެވެ.

ހަށިގަނޑުގައި ރައްކާކުރެވިފައި ހުންނަ ދަގަނޑުގެ މިންވަރު މަދުވުމުން ފެނިދާނެ ބައެއް އަލާމާތްތައް--ފޮޓޯ/އެވްރީޑޭހެލްތު
އާންމުކޮށް ލޭގެ ޓެސްޓުތައް ހަދާއިރު ބަލަނީ ހީމޯގްލޯބިންގެ މިންވަރަށެވެ. ނަމަވެސް ހީމޯގްލޯބިންގެ މިންވަރު ރަނގަޅަށް ހުރި ނަމަވެސް، ހަށިގަނޑުގައި ދަގަނޑުގެ ބައި ރައްކާކުރެވިފައި ހުރި މިންވަރު ދައްކައިދޭ "ފެރިޓިން" ދަށްވެދާނެއެވެ.
ހައިދަރުއާބާދުގެ ރެނޯވާ ސެންޗަރީ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ފިޒީޝަން، ޑރ. ވެންކަޓާ ކްރިޝްނާ ކުމާރު ތައްލޫރީ ވިދާޅުވާ ގޮތުގައި، ފެރިޓިން އަކީ ހަށިގަނޑުގައި ދަގަނޑުގެ ބައި ރައްކާކޮށްދޭ ޕްރޮޓީނެކެވެ.
މިއީ ހަށިގަނޑުގެ "އަޔަން ބޭންކު"ގެ ގޮތުގައި ވެސް ސިފަކުރެވިދާނެ ކަމަށް ޑރ. ވެންކަޓާ ކްރިޝްނާ ކުމާރު ވިދާޅުވެފައިވެއެވެ. ހީމޯގްލޯބިން އިން ދައްކައިދެނީ ލޭގެ ރަތް ސެލްތައް އުފެއްދުމަށް މިވަގުތު ބޭނުންކުރަމުންދާ ދަގަނޑުގެ މިންވަރެވެ. ނަމަވެސް ފެރިޓިންއިން ދައްކައިދެނީ މުސްތަގުބަލަށްޓަކައި ރައްކާކުރެވިފައި ހުރި މިންވަރެވެ.

ދަގަނޑުގެ ބައި ހަށިގަނޑަށް ލިބޭ މިންވަރު އިތުރުކުރުމަށް ދަގަނޑުގެ މާއްދާތައް ގިނަ ކެއުންތައް ދުވަހުގެ ކެއުމުގައި ހިމަނާލެވިދާނެ--ފޮޓޯ/އެވްރީޑޭހެލްތު
އެހެންކަމުން، ހީމޯގްލޯބިން ރަނގަޅަށް ހުރި ނަމަވެސް ފެރިޓިން ދަށްވެއްޖެނަމަ، އެއީ ހަށިގަނޑުގެ ރައްކާވެފައި ހުރި ދަގަނޑުގެ ބައި ހުސްވަމުންދާ ކަމުގެ ނިޝާނެކެވެ. މީގެ ސަބަބުން ލޭމަދުވުމުގެ މައްސަލަ ނުވަތަ އެނީމިއާ ކުރިމަތިވުމުގެ ކުރިންވެސް ބައެއް އަލާމާތްތައް ފެންނަން ފަށާނެއެވެ.
އެޕޯލޯ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް މެޑިކަލް އޮންކޮލޮޖިސްޓް ޑރ. ސްރީނާތު ބަރަދްވާޖް ވިދާޅުވާ ގޮތުގައި، ފެރިޓިންގެ މިންވަރު 30 ng/mLއަށްވުރެ ދަށްވުމަކީ ޑޮކްޓަރުން ކަންބޮޑުވާ ކަމެކެވެ. އަދި 15 ng/mL އަށްވުރެ ދަށްވެއްޖެނަމަ އެއީ ދަގަނޑުގެ ބައި މަދުވުން ކަމަށް ކަނޑައެޅިގެން ބެލެވޭނެއެވެ.
އަންހެނުންނާއި، ކުޅިވަރު ކުޅޭ މީހުން އަދި ދާއިމީ ބަލިތައް ތަހައްމަލު ކުރާ މީހުންގެ ފެރިޓިން ލެވެލް 30 އާއި 50އާ ދެމެދުގައި ހުރި ނަމަވެސް ބައެއް އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ. ސްރީނާތު ބަރަދްވާޖް ވިދާޅުވެފައިވެއެވެ.

ހަށިގަނޑުގައި ދަގަނޑުގެ ބައި ރައްކާކުރެވިފައި ހުރި މިންވަރު ބެލުމަށް އެކަމަށް ހާއްސަ ޓެސްޓެއް ހެދިދާނެ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މިކަމުގެ އެންމެ އާއްމު އަލާމަތަކީ ވަރުބަލިވުމާއި ބޮލުން އިސްތަށި ފޭބުން ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކުޑަކޮށް ހަރަކާތްތެރިވުމުން ނޭވާ ކުރުވުން، ބޯ އެނބުރުން، ބޮލުގައި ރިހުން، ހިތް ތަޅުވުން، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން އަދި ރޭގަނޑުގެ ވަގުތު ފައިގައި ވަރު ދެރަވުން ފަދަ ކަންކަން ހިމެނެއެވެ.
ގިނަ ފަހަރަށް ޒުވާނުން މިކަންކަމަކީ ބުރަކޮށް އުޅުމުގެ ސަބަބުން ނުވަތަ ސްޓްރެސްގެ ސަބަބުން ދިމާވާ ކަންކަން ކަމަށް ބަލައި އަޅާނުލާ ދޫކޮށްލެވެއެވެ.
ދަގަނޑުގެ ބައި ހަށިގަނޑަށް ލިބޭ މިންވަރު މަދުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ކެއުމުގައި ޕްލާންޓް ބޭސްޑް ބާވަތްތައް ގިނަވުމާއި، ދަގަނޑުގެ ބައި ގިނަ ކާނާ ބޭނުންކުރާ މިންވަރު މަދުވުން ހިމެނެއެވެ.
މީގެ އިތުރުން އަންހެނުންނަށް ދިމާވާ މައްސަރު ކަންތަކުގައި ހަށިގަނޑުން ގިނައިން ލޭ ބޭރުވުން، މާ އަވަސް އަވަހަށް ބަލިވެއިނުން، އުމުރުފުރާވަރަށް އަރަމުން އަންނަ ދުވަސްވަރު ސިއްހަތަށް ފައިދާހުރި ކެއުންތަކާއި ދުރުވުން، ގާތުން ދޭ ދުވަސްވަރު ސިއްހަތަށް ފައިދާހުރި އަދި ދަގަނޑުގެ މާއްދާ ހިމެނޭ ކެއުންތައް އިތުރު ނުކުރުން، ކެއުމުގައި ހިމެނޭ ބާވަތްތަކުން ލިބިދޭ ސިއްހީ ފައިދާތަކާ ގުޅޭ މައުލޫމާތު ރަނގަޅަށް އެނގިފައި ނެތުން އަދި ގަޑިން ގަޑިއަށް ކެއުމަށް ސަމާލުކަން ނުދެވުން ފަދަ ކަންކަމަކީ ހަށިގަނޑަށް ދަގަނޑުގެ ބައި ދަމައިގަތުމަށް ހުރަސްއަޅާ ކަންކަމަށް ޑރ.ވެންކަޓާ ފާހަގަކުރައްވާފައިވެއެވެ.
ގަވާއިދުން ދަގަނޑުގެ ބައި ހުންނަ ބޭސް ބޭނުންކުރި ނަމަވެސް ފެރިޓިން މަތިނުވާ މައްސަލަ ދިމާވެދާނެއެވެ. މިކަން މިހެން ދިމާވަނީ ބޭސް ބޭނުންކުރާއިރު ސައި، ކޮފީ ނުވަތަ ކެލްސިއަމް އެކުގައި ބޭނުން ކުރުމުން ހަށިގަނޑަށް ދަގަނޑުގެ ބައި ދަމައިގަތުމަށް ހުރަސްއެޅޭތީއެވެ. ނުވަތަ ބޭސް ބޭނުންކުރާ މިންވަރު ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ މަދުވުމުންނެވެ.
ދަގަނޑުގެ ބައި މަދުވުން ކުޑަނަމަ އެކަމަށް ފަރުވާ ހޯދާ ރައްކާތެރިކަން ހޯދިދާނެ ގޮތްތަކެއް ވެސް ޑޮކްޓަރުން ވަނީ ކިޔައިދެއްވާފައެވެ. އެގޮތުން ގުޅަ ބޭސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ފެރިޓިން މާބޮޑަށް ދަށްނަމަ ނުވަތަ ހަށިގަނޑަށް ބޭސް ނުގުޅޭނަމަ، އައި.ވީ މެދުވެރިކޮށް ދަގަނޑުގެ ބައި ހަށިގަނޑަށް ފޯރުކޮށްދެވިދާނެއެވެ.
ފަރުވާއާއެކު ކެއުމަށް ބަދަލު ގެނައުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ކެއުމުގައި ފެހިކަން ގަދަ، ފަތުގެ ބާވަތްތައް، މުގު، ހަކުރު ހަރު، ކަދުރު އަދި ވިޓަމިން ސީ ގިނަ ކާނާ ބޭނުންކުރުން އިތުރުކުރެވިދާނެއެވެ.
ލޯ ފެރިޓިން އަކީ ސިއްރުވެފައި އޮންނަ މައްސަލައަކަށް ވިޔަސް، ވަގުތުން ޓެސްޓުކޮށް އެކަށީގެންވާ ފަރުވާ ހޯދައިފިނަމަ މިއީ ފަސޭހައިން ހައްލުކުރެވިދާނެ ކަމެއް ކަމަށް މިކަމުގެ ހާއްސަ ސިއްހީ ޑޮކްޓަރުން ވިދާޅުވެއެވެ.