ދުންފުހުން އަދިވެސް އެއްކޮށް ސަލާމަތްނުވާއިރު، ކުރިއަށް އޮތީ ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ފޯރާނެ ފަސް ދުވަސް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ.
ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައި ނުސާފުވެ، ސިއްހީ ގެއްލުންތައް ވެސް ލިބެއެވެ. މި ފަހުން ދުންފުހުގެ އަސަރުކުރާ މިންވަރު އަންނަނީ ބޮޑުވަމުންނެވެ.
މެޓް އޮފީހުން މިއަދު ބުނީ، މުޅި ރާއްޖެއަށް މިއަދު ދުންފުހުގެ އަސަރުކުރާނެ ކަމަށެވެ.
އެންމެ ބޮޑަށް މިއަދު ދުންފުހުގެ އަސަރުކުރަނީ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށެވެ. އެ ގޮތުން، މޫސުމާ ބެހޭ ރިޕޯޓުތަކުގައި ވާގޮތުން ދުރުފެންނަ މިންވަރު ތިން ކިލޯމީޓަރަށް ވުރެ ރިޕޯޓުކުރަމުންދާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މީގެ އިތުރުން، އިރުއުތުރުން އަންނަ ވަޔާ އެކު ކުރިއަށް އޮތް ފަސް ދުވަހު ވެސް ދުންފުހުގެ އަސަރު ރާއްޖެ މަތީގައި ހުންނާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެހެންވެ، ބޭރުގައި އުޅޭ މީހުންނާއި، ކަނޑުދަތުރުފަތުރުކުރާ މީހުން ވެސް އެ ކަމަށް ޚާއްސަ ސަމާލުކަމެއް ދޭން މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ދުންފުހުގެ އަސަރު ކުރަމުންނެވެ.
ދުންފުސް، ނުވަތަ ހޭޒްގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އައިކިއުއެއާއިން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިއަދު އުޅެނީ 105 އަށްވުރެ މަތީގައެވެ.
"ފޮގް ވުން" އަދި "މިސްޓް"އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލްތަކެކެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ.
ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެ ގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެއެވެ.
އެޗްޕީއޭއިން ވަނީ ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އިލްތިމާސްކޮށްފައެވެ.