އާދަޔާ ހިލާފަށް ދާހިއްލުން: މައްސަލައެެއްތަ؟

ހައިޕަރހައިޑްރޯސިސް ނުވަތަ އާދަޔާ ޚިލާފަށް ދާހިއްލުމަކީ ކިހާ ސީރިއަސް މައްސަލައެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އާދަޔާ ހިލާފަށް ދާހިއްލުމަކީ ނުވަތަ ހައިޕަހައިޑްރޯސިސް އަކީ ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ، ނަމަވެސް ގިނަ ފަހަރަށް ސަމާލުކަމެއް ނުދީ ދޫކޮށްލެވޭ ސިއްހީ މައްސަލައެކެވެ. މިއީ ހަމައެކަނި ފިޒިއޮލޮޖިކަލް ކަމެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މިއީ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށާއި އިޖުތިމާއީ ގުޅުންތަކަށް އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. ހޫނު މޫސުމަކާ ނުވަތަ ކަސްރަތަކާ ނުލައި ވެސް އަތްތިލަ، ފައިތިލަ އަދި ކިހިލިފަތްދޮށުން އާދަޔާ ހިލާފަށް ދާހިއްލުމަކީ މި ބަލީގެ އާންމު އަލާމާތްތަކެވެ. މި ހާލަތު ދެ ބަޔަކަށް ބެހިގެންވެއެވެ: އެހެން ބައްޔަކާ ގުޅުމެއްނެތި ދިމާވާ 'ޕްރައިމަރީ ފޯކަލް' އަދި އެހެން ސިއްހީ މައްސަލައެއްގެ ސަބަބުން ދިމާވާ 'ސެކަންޑަރީ ޖެނެރަލައިޒްޑް' ހައިޕަހައިޑްރޯސިސް އެވެ. ޑޮކްޓަރުން ބަޔާންކުރާ ގޮތުގައި މިއީ ސާފުތާހިރުކަމާ ގުޅުންހުރި ކަމެއް ނޫނެވެ. ރަނގަޅު ފަރުވާއާއި ދިރިއުޅުމުގެ އާދަތަކަށް ގެންނަ ހެޔޮ ބަދަލުތަކުން މި މައްސަލަ ކޮންޓްރޯލްކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެވޭނެއެވެ.

  • ހައިޕަހައިޑްރޯސިސް އަކީ ހަށިގަނޑު ފިނިކުރަން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ދާހިއްލުމުން ދިމާވާ ސިއްހީ މައްސަލައެކެވެ.
  • މި މައްސަލަ މައިގަނޑު ދެ ބަޔަކަށް ބެހިފައިވާއިރު، ސަބަބު ދެނެގަތުމަށް ޑޮކްޓަރުގެ ލަފާ ހޯދުން މުހިންމެވެ.
  • މިއީ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ދިމާވާ ކަމެއް ނޫންކަން އާންމުން ދެނެގަތުން މުހިންމެވެ.
  • ފަރުވާގެ ގޮތުގައި ބޭސް އުނގުޅުމުން ފެށިގެން އިންޖެކްޝަން އަދި ޒަމާނީ އެހެނިހެން ފަރުވާތައް ހިމެނެއެވެ.
  • ވައި ދައުރުވާ ފަދަ ހެދުން އެޅުމާއި ސްޓްރެސް ކުޑަކުރުމަކީ މިކަމަށް ލުޔެއް ލިބޭނެ ކަންކަމެވެ.

ހައިޕާހައިޑްރޯސިސް ނުވަތަ އާދަޔާ ޚިލާފަށް ދާހިއްލުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތަޖުރިބާކުރާ ކަމެކެވެ.

މިކަން ތަހައްމަލުކުރާ ގިނަ ބަޔަކަށް ހަމުގެ މައްސަލަތައް ކުރިމަތިވެ، ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ހުރަސްއެޅި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލޭ ހާލަތްތައް ވެސް މެދުވެރިވެއެވެ.

ސިއްހީ ހާލަތެއް ކަމަށްވާ 'ހައިޕާހައިޑްރޯސިސް' ނުވަތަ އާދަޔާ ހިލާފަށް ދާހިއްލުން ދިވާމާ މީހުންނަށް އެކަން ދިމާވާ ސަބަބުތަކާއި، އަލާމާތްތަކާއި، ފަރުވާ އަދި ދިރިއުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން އެބަހުރި ކަމަށް ކަމުގެ މާހިރުން ވަނީ ވިދާޅުވެފައެވެ.

މިއީ ގިނަ ފަހަރަށް މީހުން މާ ބޮޑު ކަމަކަށް ނުހަދާ ދޫކޮށްލާ ކަމެކެވެ. މިސާލަކަށް ސަލާމްކޮށްލާއިރު އަތްތިލަ ދާހިތްލާފައި ހުރުން، ބައްދަލުވުމެއްގެ ތެރޭގައި އަތްތިލަ ތެމުން، ނުވަތަ މޫސުމަށް ބެލުމެއްނެތި ހެދުމުން ދާހިއްލާފައި ހުރުން އޭގެތެރޭގައި ހިމެނެއެވެ.

އާދަޔާ ހިލާފަށް ދާހިއްލުމަކީ ގިނަފަހަރަށް މާބޮޑުކަމެއްގެ ގޮތުގައި ގިނަބަޔަކު ނުބަލައި ދޫކޮށްލެވޭ މައްސަލައެއް--ފޮޓޯ/ނިއއިންޑިއަންއެކްސްޕްރެސް

ނަމަވެސް، މިއީ ހަމައެކަނި ދޭތެރެއަކުން ދިމާވާ އުނދަގުލެއް ނޫނެވެ. މިއީ މީހާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، ދިރިއުޅުމުގެ އާދަކާދަތަކާއި، ނަފްސާނީ ދުޅަހެޔޮކަމަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރުވާ ސިއްހީ މައްސަލައެކެވެ.

އާދައިގެ ގޮތަކަށް ދާހިއްލުމާއި މި ހާލަތާ ހުރި ތަފާތު ކިޔައިދެއްވަމުން، އެޕޯލޯ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ޑާމަޓޮލޮޖިސްޓް ޑރ. ސްވަޕްނާ ކުންޑުރު ވިދާޅުވީ، "ހައިޕަހައިޑްރޯސިސް އަކީ ހަށިގަނޑު ފިނިކުރުމަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް، އާދަޔާ ހިލާފަށް ދާހިއްލުމަށް މެދުވެރިވާ ސިއްހީ ހާލަތެއް" ކަމަށެވެ.

ހޫނުވުމުން ނުވަތަ ކަސްރަތު ކުރުމުން ދާހިއްލާ އުސޫލާ ހިލާފަށް، މި ހާލަތުގައި ފިނި މާހައުލުތަކުގައި ނުވަތަ އަރާމުކުރަން ތިބޭ ވަގުތުތަކުގައި ވެސް ދާހިއްލުން މެދުވެރިވެއެވެ. މިއީ ގިނައިން އަތްތިލަ، ފައިތިލަ، ކިހިލިފަތްދޮށް ނުވަތަ މޫނަށް ދިމާވާ ކަމެކެވެ.

މިކަމުގެ ސަބަބުން ދިރިއުޅުމުގެ ކަންކަމަށާއި، އިޖުތިމާއީ ކަންކަމުގައި މީހުންނާ ބައްދަލުކޮށް އުޅުމަށް ހުރަސްއެޅޭތީ، މިއީ ސިއްހީ އެހީތެރިކަމާއި ފަރުވާ ބޭނުންވާ ކަމެެއް ކަމަށް ޑރ. ސްވަޕްނާ ކުންޑުރު ވަނީ ވިދާޅުވެފައެވެ.

'ހައިޕަރހައިޑްރޯސިސް' ނުވަތަ އާދަޔާ ހިލާފަށް ދާހިއްލުން ކޮންޓްރޯލް ކުރެވިދާނެ ކަންކަން އެބަހުރި ކަމަށް ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/ނިއއިންޑިއަންއެކްސްޕްރެސް

ޑރ. ސްވަޕްނާ އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، މި ހާލަތު މައިގަނޑު ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ 'ޕްރައިމަރީ ފޯކަލް' އަދި 'ސެކަންޑަރީ ޖެނެރަލައިޒްޑް' އެވެ.

ޕްރައިމަރީ ހައިޕަހައިޑްރޯސިސް އަކީ އެހެން ބައްޔެއް ނެތި ހަށިގަނޑުގެ ވަކި ހިސާބުތަކަކުން (އަތްތިލަ، ފައިތިލަ، މޫނު) ދާހިއްލުމެވެ.

ސެކަންޑަރީ ހައިޕަހައިޑްރޯސިސް އަކީ އެހެން ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ނުވަތަ ހޯމޯންއަށް އަންނަ ބަދަލެއްގެ ސަބަބުން މުޅި ހަށިގަނޑުން ދާހިއްލުމެވެ. އެހެންކަމުން، ސަބަބެއް ނޭނގި މާ ބޮޑަށް ދާހިއްލާނަމަ، އޭގެ އަސްލު ދެނެގަތުމަށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ.

ޔަޝޯދާ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ޑާމަޓޮލޮޖިސްޓް ޑރ. ސިންދޫރާ މަންޑަވާ ވިދާޅުވީ، މިކަމާ ގުޅޭގޮތުން މީހުންގެ މެދުގައި ކުށްހީތަކެއް ފެތުރިފައިވާ ކަމަށެވެ.

އެގޮތުން، މާ ބޮޑަށް ދާހިއްލުމަކީ ސާފުތާހިރުކަން ކުޑަވުން ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. ނަމަވެސް މިއީ ސާފުތާހިރުކަމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، މިއީ ދާ އުފައްދާ ގްލޭންޑްތައް މާ ބޮޑަށް މަސައްކަތް ކުރުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލައެއް ކަމަށް ޑރ. ސިންދޫރާ މަންޑަވާ ވަނީ ވިދާޅުވެފައެވެ.

އަދި ޑިއޯޑްރަންޓް ނުވަތަ އެންޓިޕާސްޕިރަންޓް ބޭނުންކުރުމަކީ ގެއްލުންހުރި ކަމެއް ކަމަށް ދެކެވޭ ވާހަކައަކީ ވެސް ހަގީގަތެއް ނޫން ކަމަށާއި، އިރުޝާދާ އެއްގޮތަށް ބޭނުންކުރުމުން އެއީ ރައްކާތެރި އެއްޗެއް ކަމަށް ޑރ. ސިންދޫރާ މަންޑަވާ ވަނީ ފާހަގަކުރައްވާފައެވެ.

ބަލި ދެނެގަތުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ސްވަޕްނާ ވިދާޅުވީ، ޑޮކްޓަރުން ބަލި ދެނެގަންނަނީ ބަލިމީހާގެ ކްލިނިކަލް ހިސްޓްރީ ބެލުމަށްފަހު އެކަމަށް ބޭނުންވާ ޚާއްސަ ތަހުލީލުތަކެއް ކުރުމަށްފަހު ކަމަށެވެ.

މީގެ އިތުރުން 'އައޮޑިން-ސްޓާޗް' ފަދަ ޓެސްޓުތަކުން ދާހިއްލާ ސަރަހައްދުތައް ދެނެގަނެވޭއިރު، ލޭގެ ޓެސްޓުތަކުން އެހެން ބައްޔެއް ހުރިތޯ ބަލައި، ސައްހަ ފަރުވާއެއް ކަނޑައެޅޭނެ ކަމަށް ޑރ. ސްވަޕްނާ ވިދާޅުވެފައިވެއެވެ.

ޑރ. ސިންދޫރާ ވިދާޅުވިގޮތުގައި ފަރުވާގެ ގޮތަށް ބަލާއިރު، ކޮންމެ މީހަކަށް ވެސް އެކަށީގެން ވަނީ ތަފާތު ފަރުވާއެކެވެ. އާދައިގެ މިންވަރަކަށް ދާހިއްލާނަމަ ހަމުގައި އުނގުޅާ ބޭސް ބޭނުންކުރެވިދާނެ ކަމަށާއި ނަމަވެސް ކަންބޮޑުވާ މިންވަރަށް ދާހިއްލާނަމަ، އިންޖެކްޝަން ޖެހުމާއި، އައޮންޓޯފޮރެސިސް ފަދަ ޒަމާނީ ފަރުވާތައް ބޭނުންކުރަން ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ޑރ. ސިންދޫރާ ވަނީ ވިދާޅުވެފައެވެ.

ސިއްހީ ފަރުވާގެ އިތުރުން، ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ބަދަލުތަކުން ވެސް މިކަމަށް ލުޔެއް ލިބިގެންދާނެ ކަމަށާއި، އެގޮތުން ވައި ދައުރުވާ ފަދަ ހެދުން އެޅުމާއި، ގަވާއިދުން ފެންވެރުމާއި، ދާހިއްލަން މެދުވެރިވާ ކަންކަމުން ދުރުހެލިވުމާއި، ނަފްސާނީ ބުރަދަން ނުވަތަ ސްޓްރެސް ކުޑަކުރުމަކީ އެހީތެރިވެދޭނެ ކަންކަމުގައި ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ހަމުގެ ސިއްހަތަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ޑރ. ސިންދޫރާ ވިދާޅުވީ، އަބަދު ހަންގަނޑު ތެމިފައި ހުރުމުގެ ސަބަބުން ފަންގަސް އަދި ބެކްޓީރިއާގެ އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ. އެހެންކަމުން، ދާހިއްލާ ސަރަހައްދުތައް މަޑު ސައިބޯނިން ދޮވެ، ރަނގަޅަށް ހިއްކުމަކީ (ޚާއްސަކޮށް އިނގިލިތަކުގެ ދޭތެރެ) ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ހައިޕަހައިޑްރޯސިސް އަކީ އަބަދު ފެންނަން ހުންނަ ކަމަކަށް ނުވި ނަމަވެސް، މީގެ އަސަރު ވަރަށް ފުންކޮށް ކުރެއެވެ. ނަމަވެސް، އުފާވެރި ހަބަރަކީ ރަނގަޅު ދެނެގަތުމަކާއި، ފަރުވާއާއި، ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ބަދަލުތަކާއެކު، މިއީ ކާމިޔާބުކަމާއެކު މެނޭޖްކުރެވި އަދި އިތުބާރާއެކު ދިރިއުޅުމާއިގެން ކުރިއަށް ދެވިދާނެ ކަމެއް ކަމަށް ކަމުގެ ސިއްހީ މާހިރުން ވަނީ އިރުޝާދު ދެއްވާފައެވެ.

comment ކޮމެންޓް