ފަތުރުވެރިކަމުގެ ދާއިރާއާއި ނޫސްވެރިކަމުގެ ދާއިރާގައި ވެސް ޒުވާނުން ތަމްރީނު ކުރުމާއި، ދިވެހީންނަށް މުހިންމު ވަޒީފާތައް ދިނުމުގެ މުހިންމުކަން، ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަޙްމަދު ސިޔާމް މުޙައްމަދު ރޭ ފާހަގަކުރައްވައިފިއެވެ.
ސަން އޮންލައިނާއި އެސްއެސްޓީވީ އާއި ސަން ޕްލޭ ފަދަ މީޑިއާގެ ވަސީލަތްތައް ހިންގާ, ސަން ސިޔާމް މީޑިއާގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ, މަންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ސިޔާމް ވިދާޅުވީ، ސަން ސިޔާމް މީޑިއާ އުފެއްދީ ވަރަށް މުހިންމު މަގުސަދެއްގައި ކަމަށެވެ. އެއީ، ރައްޔިތުންނަށް ރަނގަޅު ޚަބަރާއި މައުލޫމާތު، ވަކި އަތަކަށް ނުޖެހި ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަން ސިޔާމް މީޑިއާގެ އަހަރީ ހަފުލާގައި މި މީޑިއާގެ ވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު
މި މީޑިއާއަށް ފާއިތުވި ދިގު މުއްދަތުގައި ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވާކަމާއި އެއީ އެކި ސަރުކާރުތަކުން ކުރިމަތިކުރުވި ގޮންޖެހުންތައްކަން ސިޔާމް ފާހަގަކުރެއްވިއެވެ. އެއާއެކު ވެސް، ސަން ސިޔާމް މީޑިއާއިން ވަކި ފަރާތަކަށް ނުޖެހި، ރައްޔިތުންގެ ހައްގުގައި ބަސް ބުނަމުން އަންނަ ކަމަށް ސިޔާމް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މީހަކު މަސައްކަތެއް ކުރާއިރު، އޭގެ ސަބަބުން އެހެން މީހުންނަށް ވެސް ފައިދާއާއި ލާބަ ލިބޭތޯ ބަލަން ޖެހޭ ކަމަށެވެ. އެގޮތުން މީޑިއާއިން ވެސް ފައިދާކުރަނިވި ގޮތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ސިޔާމް ފާހަގަކުރެއްވީ، ސަން ސިޔާމް މީޑިއާގެ ދަށުން ހިންގާ އެސްއެސްޓީވީން ރަށްރަށުގައި ތިބި މީހުންނަށް ވެސް އާމްދަނީއެއް ލިބޭ ގޮތަށް މަސައްކަތުގެ ފުރުސަތު ދޭ ކަމެވެ. އަދި މަސައްކަތަށް ޝައުގުވެރިކަން ހުންނަ ޒުވާން ކުދިންނަށް ވެސް އެސްއެސްޓީވީން ފުރުސަތުތައް ދޭ ކަމެވެ.

ސަން ސިޔާމް މީޑިއާގެ ސުޕޮންސަރުންގެ އަގު ވަޒަންކޮށް ލިޔުން ދިނުން-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު
"މިއީ ހަގީގަތުގައި އަޅުގަނޑުމެން ބޭނުންވާ އެއްޗަކީ،" ދިވެހީންނަށް ފުރުސަތުތައް ފަހިކުރުމަށް އިޝާރާތް ކުރައްވައި ސިޔާމް ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީ ކުޑަކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހީން އިތުރުކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މިކުރަން ޖެހޭ ކަމަކީ އަޅުގަނޑުމެންގެ ކުންފުނިތަކުގައި، ދިވެހީންނަށް އޭގެ މައުލޫމާތު ދިނުމާއި އޭގެ ތަމްރީނުތައް ދިނުމާއި އެކަމަށް އަހުލުވެރިކޮށްދިނުން،" ސިޔާމް ވިދާޅުވިއެވެ.
"ޚާއްސަކޮށް ބޮޑެތި ވަޒީފާތަކަށް، ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް އަޅުގަނޑުމެން ޓްރެއިން ކުރަންވީ."

އެސްއެސްޓީވީ އިން ކުރިއަށް އޮތް ރޯދަ މަހު ގެނެސްދޭ ސަމާސާ ޕްރޮގްރާމްގެ ދެ ހޯސްޓުން ރޭގެ ހަފުލާގައި-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު
ދިވެހި ރައްޔިތުންނަށް ރަނގަޅު ވަޒީފާތައް ދޭން ޖެހޭކަން ތަކުރާރުކުރައްވައި ސިޔާމް ވިދާޅުވީ، ދިވެހީން ތަމްރީނު ކުރުމަށް އަދިވެސް ވިސްނަން ޖެހޭ ކަމަށެވެ. އެ މަނިކުފާނު ވަނީ، ސަން ސިޔާމް މީޑިއާއިން ޒުވާނުން ތަމްރީނުކޮށް، ގިނަ ބަޔަކަށް ފައިދާ ލިބޭ ގޮތަށް ފުރުސަތުތައް ދެމުންދާކަމާ މެދު ވަރަށް އުފާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަޅުގަނޑުގެ ބައްޕަ އަބަދުވެސް ބުނާނެ ދަރިފުޅާއޭ ކުރާ ކަމެއް ކުރާށޭ ރަނގަޅަށް، އެހެންނޫނީ އެކަން ނުކުރާށޭ، އެކަން ހުއްޓާލާށޭ. މިއީ ހަގީގަތުގައި އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް، ކުރާ ކަމެއް ކުރަން ޖެހޭނީ އެންމެ ރަނގަޅަށް، އެހެން މީހުންނަށް ވެސް ފައިދާވާ ގޮތަށް، ތިމާކުރާ ކަމަކުން އެހެން މީހުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް
ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަޙްމަދު ސިޔާމް މުޙައްމަދު
ސަން ސިޔާމް މީޑިއާގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ސިޔާމް ވަނީ މުޅި މީޑިއާއިން އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތައް ކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވައިފައެވެ. އަދި ސުޕޮންސަރުންގެ އަގު ވަޒަން ކޮށްފައި ވެސް ވެއެވެ. އަދި އެ މަނިކުފާނު ވަނީ، ސަން ސިޔާމް މީޑިއާގެ މުވައްޒަފުންގެ ތެރެއިން، އުމްރާ ދަތުރެއް ލިބޭ ނަސީބުވެރިއަކު ވެސް ހޮއްވަވައިދެއްވައިފައެވެ.