ދެ އިންތިޚާބު އެކުގައި: ކުރިއަށް އަޅާ ފިޔަވަޅެއްތަ؟

ދެ އިންތިޚާބު އެކުގައި ބޭއްވުމުގެ ގެއްލުމާއި ފައިދާގެ ބަހުސް ގިނަ ބަޔަކު އަންނަނީ ކުރަމުން --

ވަރިވާ މީހުންނާއި ސިޔާސީ ޕާޓީތަކާ ވަރަށް އެއްގޮތް ސިފައެއް އޮވެއެވެ. އެއީ ގިނަ ފަހަރަށް ވަރިވާ ދެ މީހުންނަށް އަނެއް މީހާގެ ރަނގަޅު ސިފައެއް ދުވަހަކު ވެސް ނުފެންނާނެއެވެ. މުޅިން ދައްކާނީ ވަކިވި މީހާގެ ގޯސް ވާހަކައެވެ. އޭނާގެ ރަނގަޅު އެއް ކަމެއް ވެސް ނުފެންނަފަދައެވެ. ސިޔާސީ ޕާޓީތައް ވެސް އެހެންނެވެ. ކޮންމެ ކަމެއް ވިޔަސް ވަރިހަމައެވެ. އެއް ފަޅީގައި އޮންނަ ޕާޓީއިން އެ ކަމަކަށް ތާއީދު ކޮށްފިނަމަ އަނެއް ފަޅީގައި އޮންނަ ޕާޓީއިން އެކަމާ ހަދާނީ ދެކޮޅެވެ. ރާއްޖޭގައި މިކަން އަދި ވަރަށް ބޮޑެވެ. މިހާރު މިއުޅެނީ މައި ދެ އިންތިޚާބު އެއްކޮށްލުމުގެ ކަންތަކުގައި ހަމަ މިހެން ވެގެންނެވެ.

މިހާރު ރާއްޖޭގައި މުޅިން ވަކިން ބާއްވަމުން އަންނަ, ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭނުންފުޅުވި ގޮތަށް, ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު، އެއްވެސް ބަދަލެއް ނުގެނެސް, އެ މަނިކުފާނުގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފައެވެ. ނަމަވެސް މި ގޮތަށް މިކަން ކުރެވޭނީ ބާއްވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެކަމަށް ތާއީދު ކޮށްފިނަމައެވެ. އެ ފެންނަ ނުފެންނަ ވޯޓް, އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު ބޭއްވޭތޯ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން, ނިންމި ސަބަބެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވަނީ ޚަރަދު ކުޑަ ކުރެއްވުމެވެ. ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

އިދިކޮޅު ބޭފުޅުންގެ ތެރެއިން މި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. މި އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ހާމަކުރެއްވިއިރު، އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވަނީ އިސްލާހާ ދެކޮޅުކަން ހާމަކުރައްވާފައެވެ.

https://www.sun.mv/217771
ސިޔާސީ ބޭބޭފުޅުންނަށް ބަލާއިރު އެކަމަކީ ރަނގަޅު ކަމެއް ވިޔަސް, ތިމާއާ އިދިކޮޅު ޕާޓީން އެކަމާ އިސް ނަގާތީ އެކަމާ ދެކޮޅު ހެދުމަކީ ކުރެއްވުން ވަރަށް ގާތް ކަމެކެވެ. އެހެންކަމުން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުގެ ކުރިން ރައްޔިތުން ވިސްނަން ޖެހޭ ކަމަކީ ދެ އިންތިޚާބު އެއްކޮށްލުމުން ވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯއެވެ.

އަބަދު އިންތިޚާބު, އަބަދު އިންތިޚާބު: މިކަން ހައްލު ވާނެ

މިއޮއް ކުޑަ ދިވެހި ރާއްޖެއަށް ބަލާއިރު ސިޔާސީ ކަންކަމުގެ ސަބަބުން މިއޮންނަ ހަލަބޮލިކަން ވަރަށް ވެސް ބޮޑެވެ. އެހެން އެ ވާ މައިގަނޑު ސަބަބަކީ ކޮންމެ ފަސް އަހަރެއްގެ ތެރޭގައި ބޮޑު ތިން އިންތިޚާބު ބާއްވަން ޖެހޭތީއެވެ. ފުރަތަމަ ރައީސަކު ހޮވުމަށް ރިޔާސީ އިންތިޚާބެވެ. ދެން ގާނޫނު ހަދާ މަޖިލިސް ހޮވުމަށް މަޖިލީހުގެ އިންތިޚާބެވެ. ދެން އެކަމުން ސަލާމަތް ހަމަ ވާއިރަށް ސިޓީތަކާއި ރަށްރަށަށް ކައުންސިލަރުން ހޮވަންވީއެވެ. މީގެ އިތުރުން ކޮންމެވެސް މަގާމަކުން މީހަކު އިސްތިއުފާ ދީގެން ބައި އިލެކްޝަނެއް ދޭތެރެދޭތެރެއިން ބާއްވަން ޖެހެއެވެ. އާބާދީގެ ނިސްބަތުން ބަލާއިރު އެންމެ ގިނައިން ވޯޓްލާ ބަޔަކަށް ރާއްޖެވުން ގާތެވެ.

މިހާ އިންތިޚާބު ގިނަ ވީމާ ހަމައެކަނި ބާރު ބޮޑުވަނީ ދައުލަތުގެ ބަޖެޓަށް އެކަންޏެއް ނޫނެވެ. އިޖުތިމާއީ ގޮތުން ވެސް އުފުލަން ޖެހޭ ބުރަ ވަރަށް ބޮޑެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް އުފެދޭ ހަލަބޮލި ކަމުގެ ތެރޭގައި ޖަގަހަ ތަކުން އިންތިހާއަށް އަޑުގަދަ ކުރުމާއި އެކަކު އަނެއްކަކާ އޮންނަ ވާދައިގެ ތެރެއިން މި ހިނގާ ކަންކަމުގެ ސަބަބުން ހަގީގަތުގައި ގައުމަށް ގެއްލުން ވެއެވެ. ސިޔާސީ ކަމެއް ނޫންކަމެއް ނެތް މީހުންނަށް މިއީ "ސަޅި" ކަމަކަށް ވެދާނެއެވެ. އެކަމަކު ދުނިޔޭގައި އެހެން ކަންކަން ވެސް ކުރަން ބޭނުންވާ މީހުންނަށް މިއީ އެހާ ރަނގަޅު ގޮތެއް ނޫނެވެ.

އިންތިޚާބުތައް އެކުގައި ބޭއްވުމުން ލިބޭ އަނެއް ފައިދާއަކީ ގައުމުގެ ތަރައްގީއައިގެން އުޅުމުގެ ފުރުސަތު ސަރުކާރުތަކަށް ވެސް ލިބޭތީއެވެ. މިހާރު ކޮންމެ އާ ސަރުކާރެއް ގައުމާ ހަވާލުވުމަށް ފަހު ދެން އުޅެން މި ޖެހެނީ ކޮންމެވެސް އިންތިޚާބެއް ކާމިޔާބު ކުރުމުގައެވެ. އެކަމަށް އެ ހޭދަ ކުރަން ޖެހޭ ވަގުތާއި ފައިސާގެ ސަބަބުން ތަރައްގީއަށް އޮންނަނީ ފޯކަސް ނުކުރެވިފައެވެ.

އެހެންކަމުން އިންތިޚާބުތައް އެއްކޮށްލައިގެން ބޭއްވުމަކީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކާއި ކުރިއަރަމުން އަންނަ ގައުމުތަކުގައި ވަރަށް އާއްމު ކަމެކެވެ. އެގޮތުން އިންޑޮނޭޝިއާ، ބްރެޒިލް އަދި އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުގައި އެއްފަހަރާ ރިޔާސީ އިންތިޚާބާއި ގާނޫނު ހަދާ މަޖިލިހުގެ އިންތިހާބު ބާއްވައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެކިއެކި މަގާމުތަކާއި އެ ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅަކު މި ރިޕޯޓަށް ވާހަކަ ދައްކަވަމުން ވިދާޅުވިގޮތުގައި އިންތިޚާބުތައް އެއްކޮށްލައިގެން ބޭއްވުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުން އަމަލު ކުރާ, އަދި އޭގެ ސަބަބުން އެތައް ފައިދާއެއް ކުރާނެ ކަމެކެވެ.

އެ ބޭފުޅާ ވެސް ވިދާޅުވިގޮތުގައި އިރުއިރުކޮޅާ އިންތިޚާބުތައް ބާއްވާތީ އެ އުފެދޭ ހަލަބޮލިކަމުގެ ތެރެއިން ކިޔަވާ ކުދިންނާއި މުޖުތަމައުގައި އުޅޭ އެހެން މީހުންނަށް ގިނަ ދަތިތަކެއް ކުރިމަތިވެއެވެ. އެ މައްސަލަ ހައްލު ކުރަން ވެސް އިންތިޚާބުތައް އެއްކޮށްގެން ބޭއްވުން ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ މަދު ވެގެން 50 މިލިއަން ދައުލަތުން ސަލާމަތް ކުރެވޭނެ އިންތިޚާބުތައް އެއްކޮށްލައިގެން ބާއްވައިފިއްޔާ. އެކަމަށް އެކަނި ބެލިޔަސް މިއީ ހަމަ ކުރަން ޖެހޭ ކަމެކޭ އަޅުގަނޑު ދަންނަވާނީ," އެ ބޭފުޅާ ވިދާޅުވިއެވެ.

އަބަދު އިންތިޚާބުތައް ބޭއްވުމާ ގުޅޭގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބިލިއަނަރެއް ކަމަށްވާ, މުހައްމަދު އަލަބާރު ވަރަށް މުހިންމު ވާހަކައެއް ބުނެފައި އޮވެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ އާއި ޔޫރަޕް ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން އިންތިހާބަށް ބޮޑު ސަމާލުކަމެއް ދޭއިރު، ޔޫއޭއީ އިން އިސްކަން ދެނީ ގައުމުގެ ތަރައްގީއަށެވެ.

އޭގެ ނަތީޖާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއާލައިން އެގައުމުގައި އޮތުމާއި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސިއްހީ ނިޒާމާއި ތައުލީމާއި އެކިއެކި އިންފްރާސްޓްރަކްޗާ އެ ގައުމަށް ލިބިފައިވުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވާގޮތުގައި އެހެން ގައުމުތަކުން އަބަދު އަބަދު އިންތިޚާބު ބާއްވާއިރު ޔޫއޭއީއިން އަބަދު ކުރަނީ ކަންކަން ބިނާ ކުރުމުގެ މަސައްކަތެވެ. އޭގެ ނަތީޖާއަކީ އެ ގައުމަށް އައިސްފައިވާ ބޮޑު ކުރިއެރުން ކަމަށް އޭނާ ސިފަ ކުރައްވަވައެވެ.

އިދިކޮޅަށް މިކަން ހަމަ ކަމަކު ނުދޭ: މައްސަލައަކީ ކޮބާ؟

އެމްޑީޕީއާއި ސަރުކާރާ އިދިކޮޅު އެހެން ބައެއް ލީޑަރުން ވެސް ފާޅުގައި އިންތިޚާބުތައް އެއްކުރުމާ ދެކޮޅު ހަދާއިރު, މިކަން ކޮށްގެން ދިމާވެދާނެ މައްސަލަތަކަށް ވެސް ބަލާލަން ޖެހެއެވެ.

މައި އިންތިޚާބުތައް އެއްކޮށްލުމުން ކުރިމަތިވެދާނެ އެންމެ ބޮޑު މައްސަލައެއް ކަމަށް ފެންނަނީ އެއް ޕާޓީއަކަށް އެއް ފަހަރާ ގިނަ ބާރުތަކެއް ލިބިގެން ދިއުމެވެ. މިސާލަކަށް އެއް ފަހަރާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އޮތުމުން އޭރު އެންމެ މަގުބޫލު ޕާޓީއިން ދެ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އޭގެ ނަތީޖާއަކަށް ވާނީ ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ކުޑަވުމެވެ.

https://www.sun.mv/217769

ބައެއް ގައުމުތަކުން އިންތިޚާބުތައް ވަކިން ބާއްވަނީ އެ ފުރުސަތު ދިނުމަށެވެ. ނަމަވެސް އެއީ ރާއްޖެއަށް ބަލާއިރު އެކަން އޮތްގޮތެއް ނޫނެވެ. ހަގީގީ މިނިވަން އިންތިޚާބުތަކެއް އާ ގާނޫނުއަސާސީގެ ދަށުން ބާއްވަން ފެށިފަހުން ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ނަޝީދު ނޫން ހުރިހާ ރައީސުންނަކަށް މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ލިބުނެވެ. އެހެންކަމުން ދެ އިންތިޚާބު ވަކިން ބާއްވައިގެން ސަރުކާރު ޖަވާބު ދާރީ ކުރުވާނެ ބަޔަކު ރާއްޖެއަކު އިންތިޚާބު ކުރެވިފައެއް ނެތެވެ. އޭރަކު އޮންނަ ސަރުކާރަކުން ފޯރުވާ ނުފޫޒުތަކާއެކު ގިނައިން ހޮވެނީ ސަރުކާރުން ބުނިހާ ގޮތެއް ހަދައިގެން ތިބޭ ފަދަ މެންބަރުންނެވެ.

ދެ އިންތިޚާބު އެކުގައި ބޭއްވުމުން, ދެން އޮތް އަނެއް ނުރައްކަލަކީ މަޖިލީހަށް މެންބަރުން ހޮވުމަށް އިސްކަން ދިނުމުގެ ބަދަލުގައި ރައީސްގެ ވޯޓަށް މީހުންގެ ސަމާލުކަން ބޮޑުވެދާނެތީއެވެ. އަދި ހަމައެއާއެކު ދެ އިންތިޚާބު އެކުގައި ބާއްވައިފިނަމަ ބޮޑެތި ޕާޓީތަކަށް ނެގެން އޮންނަ ފައިދާ ބޮޑުވެފައި, ކުދި ޕާޓީތަކަށް އޮންނަ ފުރުސަތު ހަނިވުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ކުރީގެ އިސް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް މިހާރު މިއޮންނަ ގޮތަށް އޮންނަ ނަމަ ދެ އިންތިޚާބު އެއްކޮށްލައިގެން އެއް ދުވަހަށް އިންތިޚާބުގެ ކަންކަން ނިންމާލެވުމުގެ ފުރުސަތު ރާއްޖޭގައި ވަރަށް ކުޑައެވެ.

ރިޔާސީ އިންތިޚާބު ބާއްވާއިރު މިހާރު ރާއްޖޭގައި ރައީސްކަމަށް އާދެވެނީ ވޯޓްލާ މީހުންގެ 50 ޕަސެންޓަށް ވުރެން ގިނައިން ވޯޓް ހޯދައިގެންނެވެ. ނޫންނަމަ ދެން ޖެހެނީ އެންމެ ގިނައިން ވޯޓް ހޯދި ދެ ކެންޑިޑޭޓުން ދެ ވަނަ ބުރެއްގައި ވާދަ ކުރާށެވެ. މީގެ ބަދަލުގައި ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓް ހޯދާ ކެންޑިޑޭޓް ހޮވޭގޮތަށް ގާނޫނު ބަދަލު ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމުގެ އަޑުތައް މީގެ ކުރިން ވަނީ އިވިފައެވެ.

ކުރިން ވާހަކަ ދެއްކެވި އީސީގެ މެންބަރުކަން ކުރެއްވި ބޭފުޅާ ވިދާޅުވިގޮތުގައި ދެ އިންތިޚާބު އެއްކޮށްލާއިރު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް އޮންނަ ނަމަ, މަޖިލީހުގެ ގިނަ ގޮނޑި ލިބޭ ޕާޓީއިން ރައީސްކަން ހޯދުމަކީ ވަރަށް ގާތް ކަމެކެވެ.

"ދެ އިންތިޚާބު އެކުގައި ބޭއްވުން މިއީ ވަރަށް ބަރުލަމާނީ ސިފައެއް ބޮޑަށް. އެކަމަކު ރިޔާސީ ނިޒާމެއްގައި ވެސް އެކަން ކުރެވިދާނެ. އެއީ މައްސަލައެއް ނޫން. ރާއްޖޭގައި ދެން ބޮޑަށް މި އޮންނަނީ ވަރަށް މަސްހުނި ނިޒާމެއް ދެއްތޯ،" އެ ބޭފުޅާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ދުވަސް ކޮޅެއް ފަހުން މަޖިލިސް އިންތިޚާބު ބާއްވައިފިނަމަ ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތް ބަލައި ސަރުކާރު ޖަވާބުދާރީ ކުރުވާނެ މެންބަރުން މަޖިލީހަށް އިންތިޚާބު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް އޮވެއެވެ. ނަމަވެސް ރާއްޖޭގައި އެ ފުރުސަތު އޮވެމެ, އަމަލު ކުރަމުން އަންނަނީ އެ ގޮތަކަށް ނޫނެވެ. އަދި މަޖިލީހަށް މެންބަރުން ހޮވާއިރު ވެސް ގާބިލު ކަމަށްވުރެ ހަމަ އިސްކަން ދެވެނީ ތިމާއަށް ލިބޭނެ ފައިދާއަށް ބަލައި ވޯޓް ދޭ އުސޫލަށެވެ.

މައި ދެ އިންތިޚާބު އެއްކޮށްލުމާ ބެހޭގޮތުން ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައި، ގާނޫނުއަސާސީ "ފުނޑާލަން" މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ލިބޭ ވޯޓުލުމުގެ ހައްގު އެއްކޮށް ނިގުޅައިގަނެ ރިޔާސީ ދައުރު ދަންމާލުމަށް ޓަކައި ކަމަށް، އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ތުހުމަތު ކުރައްވަވައެވެ. އެމްޑީޕީން ދެކޭގޮތުގައި މިއީ ރައީސް ދެވަނަ ދައުރެއް ހޯއްދަވަން ކުރައްވާ މަކަރުވެރި ކަމެކެވެ.

ދެ އިންތިޚާބު އެއްކޮށްލުމުގެ އިސްލާހުގެ މަގުސަދަކީ، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވިދާޅުވިގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގުކުރުމެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީއެންސީން ގާނޫނުއަސާސީ ބަދަލުކުރަން ފެށީ ރައީސް ޑރ. މުޢިއްޒުގެ ދައުރު ދިގުކުރުމަށް ޓަކައެވެ.

"ރައްޔިތުންނަށް ލިބޭ ވޯޓުލުމުގެ ހައްގު، އެއީ ޑިމޮކްރަސީ ދިވެހިރާއްޖެއަށް އައިސް، ދިވެހި ރައްޔިތުންނަށް ރައްޔިތުންގެ ހަގީގީ ބާރު ބޭނުންކޮށްލަން ލިބުނު ހަމައެކަނި ފުރުސަތު، އެ ވޯޓުލުމުގެ ހައްގު އެއްކޮށް އެ ނިގުޅައިގަންނަނީ، ނިގުޅައިގަނެ ރިޔާސީ ދައުރު ދަންމާލުމަށްޓަކައި،" މަޢުރޫފް ވިދާޅުވިއެވެ.

އެކަމާ ދެކޮޅަށް ދިވެހި ރައްޔިތުން އިހުތިޖާޖުކުރަން ޖެހޭ ކަމަށާއި، ނޫނެކޭ ބުނަން ޖެހޭ ކަމަށް، އޭނާ ވިދާޅުވިއެވެ.

އިންތިޚާބުތައް އެއްކޮށްލަނީ ހަރަދު ކުޑަ ކުރަން ކަމަށް ރައީސާއި ސަރުކާރުގެ އިސްވެރިން ވިދާޅުވާއިރު އެއީ ހަގީގަތުގައި ގަބޫލު ކުރަން އެހާ ފަސޭހަ ވާހަކައެއް ނޫނެވެ. ސަބަބަކީ މި ސަރުކާރަކީ އެއްގޮތަކަށް ވެސް ޚަރަދު ކުޑަކުރަން އުޅޭ ބައެއް ކަމަށް ނުފެންނާތީއެވެ. ސިޔާސީ މަގާމުތަކާއި އެކަށީގެންވާ މަސައްކަތެއް ނުކުރާ މީހުންނަށް މާ ސިންގާ މުސާރަ ދީގެން އުޅޭ އުޅުމަކީ މީގެ ހެއްކެކެވެ. ޚަރަދު ކުޑަ ކުރަން ބޭނުންނަމަ އެ މަގާމުތައް އުވާލުން މާ މުހިންމެވެ.

ހަގީގަތަކީ ދިވެހި ގައުމު މިއޮތީ އޮންނަން ޖެހޭ ވަރާ ގާތަށް ވެސް ތަރައްގީ ނުވެއެވެ. އެހެން އެކަން އެ ވަނީ ވެރިންގެ އިހުމާލުންނެވެ. ގައުމަށް ވުރެން އަމިއްލަ ބާރާއި އަމިއްލަ ތަނަވަސްކަން އިސްކުރާ ސިޔާސީ ބޭފުޅުންގެ ސަބަބުންނެވެ. އެހެންކަމުން މި ގައުމުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި, ގިނަ ބަދަލުތަކެއް ބޭނުންވެއެވެ. އިންތިޚާބުތައް އެއްކޮށްލައިގެން ބޭއްވުމަކީ މިގޮތުން ކުރެވިދާނެ ކަމެކެވެ. ހަމައެކަނި މައި ދެ އިންތިޚާބެއް ނޫނެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވެސް ހަމަ އެކުގައި ބާއްވައި ނިންމާލަންވީއެވެ. މަދު ބަޔަކު ބޭނުން ވިޔަސް, އަބަދު އަބަދު ސިޔާސީ ހަލަބޮލި ކަމެއްގެ ތެރޭގައި އުޅުމަކީ ގައުމަށް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މިކަމުގައި ވެސް ގޮތް ނިންމާނީ ތިކޮޅުންނެވެ. އެއީ ރައްޔިތުންނެވެ.

comment ކޮމެންޓް