ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އިން ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި ކަމަށް އެ ކުންފުނިން މިއަދު އިއުލާންކޮށްފިއެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ސީއެމްސީން ބުނި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އެއްބަސްވުމުގައިވާ ހުރިހާ ޝަރުތުތަކަކާއި ޓެކްނިކަލް މިންގަނޑުތަކާ އެއްގޮތަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ކާމިޔާބީގެ އަސްލަކީ ސީއެމްސީގެ ބާނީ ރާޖް މަނިވަންނަން ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ކޮށްދެއްވާފައިވާ ދިގު ހިދުމަތެވެ. ސީއެމްސީން ބުނި ގޮތުގައި، ސުނާމީގެ ކާރިސާއަށްފަހު 2006 ވަނަ އަހަރު ބޮސްކާލިސް އިންޓަނޭޝަނަލް ރާއްޖެއަށް ތައާރަފްކޮށް، ސުނާމީގެ އަސަރުކުރި ރަށްތައް އާބާދުކުރުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އަދި ރައީސް މައުމޫންގެ ދައުރުން ފެށިގެން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުރާ ހަމައަށް، ސީއެމްސީން ދަނީ ދެފުށް ފެންނަ ގޮތެއްގައި ގައުމީ ފެންވަރުގެ ބޮޑެތި މަޝްރޫއުތައް ހިންގަމުންނެވެ.

ފޭސް ތިނެއް ހިއްކުމުގެ މަޝްރޫއުގެ ކާމިޔާބީގެ އަސްލަކީ ސީއެމްސީގެ ބާނީ ރާޖް މަނިވަންނަން ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ކޮށްދެއްވާފައިވާ ދިގު ޚިދުމަތް ---
ސީއެމްސީއިން ބުނި ގޮތުގައި، މި މަޝްރޫއަކީ އެންމެ ފުރަތަމަ ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް، މަސައްކަތުގެ ބަދަލުގައި ބިން ވިއްކައިގެން ނުވަތަ ކުއްޔަށް ދީގެން، ކޮންޓްރެކްޓަރ ފައިނޭންސިންގް އުސޫލުން ކުރިއަށް ގެންދަން އެއްބަސްވެވުނު މަޝްރޫއެކެވެ. ނަމަވެސް، ފަހުން މި އެއްބަސްވުން ވަނީ ބިމުގެ ބަދަލުގައި ފައިސާ ދައްކާ ގޮތަށް ބަދަލުކުރެވިފައެވެ. މި ބަދަލުތަކާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކާއި، ހުޅުމާލެ ފޭސް 3 އަދި ގިރާވަރު ފަޅުގެ މާސްޓަރ ޕްލޭނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލަސްތަކެއް ކުރިމަތިވި ނަމަވެސް، މިހާރުގެ މަސައްކަތްތައް ކުރިއަށް ދަނީ ސަރުކާރުން އެއްވެސް އެޑްވާންސް ފައިސާއެއް ދެއްކުމަކާ ނުލައެވެ.
އޭގެ ބަދަލުގައި، ސީއެމްސީން މިހާރު ބޭނުންކުރަމުންދަނީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާއެވެ. މިއީ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ސުނާމީއަށް ފަހު އެހީ ފޯރުކޮށްދިނުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން --
ސީއެމްސީން އިތުރަށް ފާހަގަކުރި ގޮތުގައި، ގިރާވަރު ފަޅު ހިއްކުމާއި ހިމާޔަތްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް ނިމުމާއެކު، ކުންފުނީގެ އަމާޒަކީ އެއްބަސްވެފައިވާ އެހެން ހުރިހާ މަޝްރޫއުތަކެއް ވެސް ހަލުވި މިނެއްގައި ނިންމައި، ސަރުކާރުގެ ތަސައްވުރު ހަގީގަތަކަށް ހަދައިދިނުމެވެ.
އެކި ގޮންޖެހުންތަކާ އެކު ވެސް ސީއެމްސީން ދިވެހި ރައްޔިތުންނަށްޓަކައި ކުރަމުންދާ މަސައްކަތްތަކުން އެ ކުންފުނީގެ ސާބިތުކަން ހާމަވެއެވެ. މިގޮތުން، އެއް ގްރޫޕެއްގެ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީން އިސްނަގައިގެން، "ގްލޯބަލް ގްރީން ސިޓީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ގުޅީފަޅު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ފާހަގަކޮށްލެވޭ މަޝްރޫއެކެވެ.

ރާއްޖޭގެ ފުރަތަމަ އެމިއުޒްމެންޓް ޕާކް ހަދައިފައިވަނީ، ސީއެމްސީއާ އެއް ގުރޫޕެއްގައި ހިމެނޭ ކުންފުންޏަކުން --
މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ފުރަތަމަ އެމިއުޒްމަންޓް ޕާކާއި، މާލެ ސަރަޙައްދުގައި އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ. އެ ބިމަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ ސަރުކާރުން އެ މަޝްރޫޢު ހުއްޓާލި ނަމަވެސް، ރާއްޖޭގެ ތަރައްޤީއަށްޓަކައި ސީއެމްސީއިން ކުރަމުންދާ މަސައްކަތްތަކަށް ބަދަލެއް ނައިސް، އެކި މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ. މިއީ ޤައުމުގެ ކުރިއެރުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަމާއި ބަހައްޓާ ގާތްކަން ރަމްޒުކޮށްދޭ ކަމެކެވެ.
ސީއެމްސީން އިތުރަށް ފާހަގަކުރި ގޮތުގައި، ގިރާވަރު ފަޅު ހިއްކުމާއި ހިމާޔަތްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް ނިމުމާއެކު، ކުންފުނީގެ އަމާޒަކީ އެއްބަސްވެފައިވާ އެހެން ހުރިހާ މަޝްރޫއުތަކެއް ވެސް ހަލުވި މިނެއްގައި ނިންމައި، ސަރުކާރުގެ ތަސައްވުރު ހަގީގަތަކަށް ހަދައިދިނުމެވެ.