އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޑރ. މުޙައްމަދު ޒާހިރުގެ މެންބަރުކަމުގެ ދައުރު ހަމަވާތީ، އެ މަގާމަށް އައްޔަންކުރަން އެ ކޮމިޝަންގެ ކުރީގެ ލީގަލް ހެޑު ރިފްޢަތު ޢަބްދުاللهގެ ނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ޒާހިރުގެ ދައުރު ހަމަވާތީ އޭނާ ހުންނެވި މަގާމަށް އައްޔަންކުރާނެ މެންބަރަކު ހޯދަން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހު ޖުމުލަ ފަސް ބޭފުޅެއްގެ ނަން ފޮނުއްވާފައެވެ. އޭގެ ތެރޭގައި، މެންބަރުކަމުގެ ފުރަތަމަ ދައުރު ފުރިހަމަކުރައްވާ ޒާހިރުގެ ނަން ވެސް ހިމެނެއެވެ.
ނަމަވެސް، ރައީސް އިސްކަންދެއްވާފައިވަނީ ރިފްޢަތަށެވެ. ޒާހިރަށް އިސްކަންދެއްވީ ތިންވަނައަށެވެ.
ދެން ރައީސް ފޮނުއްވި ނަންތަކަކީ:
- އާމިނަތު ޝާދިޔާ / މ. ޕިސްތާގެ
- މުޙައްމަދު އަނީލް / މޭގަ، ތިނަދޫ ސިޓީ
- މުޙައްމަދު އަސްލަމް / ނެޝަނަލްހައުސް، ގދ. ގައްދޫ
އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް ރައީސް އިސްކަންދެއްވި ރިފްޢަތު ވަނީ މީގެ ކުރިން އެ ކޮމިޝަންގެ ލީގަލް ހެޑްގެ މަގާމު ފުރުއްވައިފައެވެ. ނަމަވެސް، އޭނާ އެ މަގާމު ފުރުއްވީ ކިހާ ދުވަހަކަށް ކަން ސާފުވާ ގޮތެއް ނުވިއެވެ.
ފެބްރުވަރީ 2021 ގައި އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރި ޒާހިރުގެ ދައުރު ހަމަވާނީ މި މަހުގެ 21ވަނަ ދުވަހަށެވެ.
ފާހަގަކުރެވޭ ގޮތުގައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، ގާނޫނާ ޚިލާފު އެތައް ކަމެއް ކުރިކަމުގެ ބޮޑެތި ތުހުމަތުތަކާ އެކު އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން ޒާހިރު ވަކިކުރަން މި ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮންނަ ވިހިވަނަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނޮވެންބަރު 2024ގެ ފަހުކޮޅު ނިންމިއެވެ.
އެ ގޮތުން, އެ ކޮމިޝަންގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައިގެން އެޕްލިކޭޝަން ހަދައި، ވަކި ޕާޓީއަކަށް އިންތިޚާބު ކާމިޔާބުކޮށްދޭން މަސައްކަތްކުރުމާއި، ވަކި ސިޔާސީ ޕާޓީއެއް އުވާލުމުގެ މަގުސަދުގައި ވަގުފޯމު ހެދުމާއި އެ ޕާޓީއަށް 3،000 މެންބަރުން ހަމަވިޔަނުދޭން މަސައްކަތް ކުރުމާއި، ދިވެހި ރައްޔިތުންގެ މައުލޫމާތު ވިއްކުމުގެ ތުހުމަތު، އޭނާގެ އިތުރުން އޭރު މެންބަރުކަން ކުރެއްވި ޢަލީ ނަޝާތާއި މުޙައްމަދު ޢާސިފަށް ކުރިއެވެ.
ނަމަވެސް, މަޖިލީހުގެ ތަޅުމަށް ތިން ބޭފުޅުން ވަކިކުރަން ފޮނުވުމުން ނިންމީ ޒާހިރު ވަކި ނުކުރުމަށެވެ.