2 އިންތިޚާބު އެއްކުރަން ފާސްކުރީ ވަލު ދޮރާށިން ދެވަނަ ދައުރެއް ހޯދަން: ފައްޔާޒު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް: ދެ އިންތިޚާބު އެއްކޮށްލަނީ ޕީއެންސީން ވަލު ދޮރޯށިން ދެވަނަ ދައުރު ހޯދަން ކަމަށް ލިޔުއްވި -- ފޮޓޯ/ އެމްޑީޕީ

ގާނޫނުއަސާސީއަށް ބަދަލު ގެނެސް، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ސަރުކާރުން މަސައްކަތްކުރަނީ ދެވަނަ ދައުރެއް "ވަލު ދޮރޯށިން" ހޯދަން ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ތުހުމަތުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު ފާސްކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރުމެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުاللهގެ ވޯޓާ އެކު، ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން މިއަދުގެ ޖަލްސާގައިވަނީ މި އިސްލާހު ފާސްކޮށްފައެވެ. ޖުމުލަ 72 މެންބަރަކު ބިލާ އެއްކޮޅަށް ވޯޓު ދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓުދެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން އެކަންޏެވެ. އެމްޑީޕީގެ ހަތަރު މެންބަރަކު ތަޅުމުން ނެރެ، ވިއްސަކަށް މިނެޓު ވަންދެން މެދުކަނޑާލި ޖަލްސާގެ ވޯޓު ވަގުތު އެމްޑީޕީގެ އެއްވެސް މެންބަރަކު ބައިވެރިވެވަޑައިނުގެންނެވިއެވެ.

https://sun.mv/217771

'އެކްސް'ގައި ފައްޔާޒް މިއަދު ލިޔުއްވި ޕޯސްޓެއްގައިވަނީ ގާނޫނުއަސާސީއަށް ސަރުކާރުން ބަދަލު ގެންނަން ހުށަހެޅީ ޚަރަދު ކުޑަކުރުމުގެ މަގުސަދުގައި ނޫން ކަމަށެވެ.

"މިއީ ރައްޔިތުންގެ މެދުގައި ސަރުކާރަށް ތާއީދު ނެތުމުން ދެވަނަ ދައުރެއް ވަލު ދޮރާށިން ހޯދުމަށް ގެންނަ ބަދަލެއް،" ފައްޔާޒް ލިޔުއްވާފައިވެއެވެ.

ދެ އިންތިޚާބު އެއްކޮށްލުމުގެ އިތުރުން، އަތޮޅު ކައުންސިލުތައް އުވާލުމާއި ތަމުސީލުކުރާ ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެން ގެނައި ބަދަލުތަކެއް ކަމަށް ލިޔުއްވައި، އެއީ "ޚުދުމުޚުތާރު ވެރިން ބާރުގައި ތިބުމަށް" ފަހިކޮށްދޭ އިސްލާހުތަކެއް ގޮތުގައި ވަނީ ސިފަކުރައްވައިފައެވެ.

މި ވަގުތު ރާއްޖޭގައި ތިންބާރު ވަކިވެފައި އޮންނަ ވެރިކަމުގެ ނިޒާމުން ދިމިގުރާތީ ހަރަކާތުގެ އުންމީދުތައް ފުރިހަމައަަށް ހާސިލުނުކޮށްދެވޭ ކަމަށް ވެސް އޭނާ ލިޔުއްވާފައިވެއެވެ.

"ބޭނުންވަނީ ވެރިކަންކުރާ ޕާޓީގެ ބާރުތައް ވަރުގަދަކުރުމަށް ފަރުމާކޮށްފައިވާ ބަދަލުތަކެއް ނޫން. އޭގެ ބަދަލުގައި ސަރުކާރާއި އަދި މުޅި ދައުލަތް ޒިންމާދާރުކުރުވުމަށް ރައްޔިތުންނަށް ލިބިދޭ ބާރުތައް މިހާރަށްވުރެ އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރަން ޖެހޭ،" ފައްޔާޒް ލިޔުއްވާފައިވެއެވެ.

އޭނާ ވަނީ ސަރުކާރުގެ މި ނިންމުމަށް ނޫނެކޭ ބުނެ، ސިޔާސީ ފިކުރާއި ޕާޓީތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތާ މެދު ވިސްނުމަށް ގޮވާލައްވައިފައެވެ.

https://sun.mv/217769

ފާހަގަކުރެވޭ ގޮތުގައި މި އިސްލާހަށް މިއަދު ކުރި ބަހުސްގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ދެ އިންތިޚާބު އެއްކޮށްލަނީ 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ޕީއެންސީން ވަގަށް ނަގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުރު ދަންމާލުމުގެ އިތުރުން، މި ހިނގާ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު ކުރުކޮށްލުމަށް ކަމަށް ތުހުމަތުކުރައްވައިފައެވެ.

ފަލާޙް ގާނޫނުއަސާސީއަށް މިދިޔަ ޖަނަވަރީ މަހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ.

އެއާއެކު، 20ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ހުށަހެޅުއްވިއެވެ.

comment ކޮމެންޓް