ރައްޔިތުން މެސެޖު ދެއްވައިފި، ގާނޫނުއަސާސީއަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް: ރައީސް

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީއަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ ވޯޓުން ލިބުނު މެސެޖާ ގުޅިގެން ގާނޫނުއަސާސީއަށް އިތުރު ބަދަލުތަކެއް ގެނައުމުގެ ވިސްނުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރިޔާސީ އަދި މަޖިލީސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނެގުނު ވޯޓުގައި 69 އިންސައްތަ މީހުން ދެކޮޅު ހެދުމުން، ރައްޔިތުން ގާނޫނުއަސާސީ ބަދަލުކުރުމަށް ތާއީދުނުކުރާކަން ހާމަވެއްޖެއެވެ. އެހެންނަމަވެސް، މަޖިލީސް މެންބަރުންގެ އަދަދު ކޮންޓްރޯލްކުރުމަށާއި، އަންހެނުންނާއި ޒުވާނުންނަށް ގޮނޑި ޚާއްސަކުރުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހުކުރުން ފަދަ ކުރިން އިއުލާނުކޮށްފައިވާ ކަންކަން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

  • ގާނޫނުއަސާސީއަށް އިތުރު ބަދަލެއް ނުގެންނަވާނެކަމަށް ރައީސް ވިދާޅުވުން
  • އިންތިޚާބުތައް އެއްކޮށްލުމަށް ނެގި ވޯޓުގައި 69 އިންސައްތަ މީހުން ދެކޮޅު ހެދުން
  • ރައްޔިތުން ގާނޫނުއަސާސީ ބަދަލުކުރުމަށް ތާއީދުނުކުރާކަން ހާމަވުން
  • މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމާއި ޖޭއެސްސީ އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަން

ލޯކަލް ކައުންސިލް އިންތިޚާބާ އެކުގައި ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ވަރަށް ބޮޑު މެސެޖެއް ދެއްވައިފި ކަމަށާއި ގާނޫނުއަސާސީއަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން މަސައްކަތްކޮށްފައެވެ. އެކަމަކު، ގާނޫނުއަސާސީއަށް އެ ބަދަލު ގެންނަން ނެގި ފެންނަ ނުފެންނަ ވޯޓުގައި އެ ބަދަލަށް ތާއީދުކުރެއްވީ އެންމެ 31 އިންސައްތަ މީހުންނެވެ. ބާކީ 69 އިންސައްތަ މީހުން ވަނީ އެ ބަދަލާ ދެކޮޅު ހަދާފައެވެ.

އެހެންވެ، ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ރައްޔިތުން އެހާ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"ފެންނަ ނުފެންނަ ވޯޓުން ވަރަށް ބޮޑު މެސެޖެއް ރައްޔިތުން ދެއްވައިފި. ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ އެހާ ބޮޑަށް ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫނޭ، އެހާ ބޮޑަށް ފޭވާ ކުރާ ކަމެއް ނޫންކަން،" ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ ގާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަން ޖެހޭ ކަހަލަ އިސްލާހެއް ގެންނާކަށް އަޅުގަނޑުމެން ގަސްތެއް ނުކުރަން ދެނެއް،"

https://sun.mv/220562

އެކަމަކު، ކުރިން އިއުލާނުކޮށްފައި ހުރި ބަދަލުތަކުގެ މަސައްކަތް ކުރިއަށް ގެންދަވާނެއެވެ.

އެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނަ އައުން ހުއްޓުވަން ގެންނަންޖެހޭ ބަދަލުތަކުގެ އިތުރުން މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރުމުގެ މަސައްކަތްކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރުން ފަދަ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރު ހިންގާ ޕީއެންސީއަށް މަޖިލީހުން ލިބުނު ސުޕަމެޖޯރިޓީއާ އެކު ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތައް ގެނައެވެ. އޭގެ ތެރޭގައި އަތޮޅު ކައުންސިލްތައް އުވާލުމާއި، މަޖިލީސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތް ހެދުން ހިމެނެއެވެ.

comment ކޮމެންޓް