އިހުތިޖާޖުކުރާތީ، ނަން އިއްވި އެމްޑީޕީ މެންބަރުން ނުކުންނަންދެން ޖަލްސާ މެދުކަނޑާލައިފި

އެމްޑީޕީ މެންބަރުން ރިޔާސަތުގެ ކުރިމަތީ އިހުތިޖާޖުކުރައްވަނީ: ދެ މެންބަރެއްގެ ނަން ވަނީ އިއްވައިފަ --- ސްކްރީންޝޮޓް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމާއި ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދުގެ ނަން އިއްވައި، އެ މެންބަރުން ނުކުމެވަޑައިގަންނަވަންދެން މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.

މަޖިލީހުގައި އެމްޑީޕީ މެންބަރުން ދިޔައީ ރިޔާސަތު ކުރިމަތީގައި އިހުތިޖާޖުކުރަމުންނެވެ.

މިއަދުގެ ޖަލްސާ މެދުކަނޑާލި ވަގުތު ކުރިއަށް ދިޔައީ، ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހެޅުއްވި އިސްލާހުގެ ބަހުސެވެ.

ބަހުސްގެ ތެރެއިން ފަލާޙް ދެވަނަ ފުރުސަތަކަށް އެދުމުން ރިޔާސަތުން ވަނީ އޭނާއަށް އެ ފުރުސަތު އަރުވައިފައެވެ. މައްސަލަ ހޫނުވީ އެ ހިސާބުންނެވެ.

https://sun.mv/217765

އެ ގޮތުން، ފަލާޙްގެ ވާހަކަ ވަކި ހިސާބަކަށް ދިޔަތަނާ އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވަނީ އެކަމާ ނުރުހުން ފާޅުކުރައްވައިފައެވެ. ޒިޔާދު ވިދާޅުވީ، އޭނާ އެދުނީ ފުރަތަމަ ފުރުސަތަށް ކަމަށާއި މަޖިލީހުގެ ގަވާއިދުގައި ވާގޮތުން ދެވަނަ ފުރުސަތަކަށް އެދުނު މެންބަރަކަށް ދެވޭނީ އޭގެ ފަހުން ކަމަށެވެ.

ނަމަވެސް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ، ޒިޔާދު ފުރުސަތަށް އެދިވަޑައިގަތުމަށް ފަހު ކެންސަލްކުރެއްވީ ކަމަށާއި މެންބަރުންނަށް ފުރުސަތު ދެމުން އަންނަނީ އެދިފައިވާ ތަރުތީބުން ކަމަށެވެ.

އަނެއްކާ ވެސް ފަލާޙް ވާހަކަދައްކަވަން ޢަބްދުއްރަޙީމް ފުރުސަތު ދެއްވުމުން، އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކުރައްވަމުން ގެންދެވީ އެ ހިސާބުންނެވެ.

"މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑު ފުރުސަތު އެރުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތަށް، އަޅުގަނޑު ކުރިމަތީ ހުރި ޕޯޓަލުގައި އޮތް ތަރުތީބުން އަޅުގަނޑު ފުރުސަތު އެރުވީ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް: އެމްޑީޕީ މެންބަރުން ވަނީ ތަޅުމުން ނެރެފައި -- ފޮޓޯ/ މަޖިލިސް

އިހުތިޖާޖުކުރަން ފެށުމުން ޢަބްދުއްރަޙީމް އެންމެ ފުރަތަމަ އިއްވެވީ ޒިޔާދުގެ ނަމެވެ. ޒިޔާދަށް ފަހު ދެން އިއްވެވީ މީކާއީލްގެ ނަމާއި ނިއުޝާދުގެ ނަމެވެ. އެއަށް ފަހު، ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދާއި މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ޢަބްދުއްރަޙީމް ގެންދެވީ ތަކުރާރުކުރައްވަމުންނެވެ.

އެ މެންބަރުން ތަޅުން ދޫކުރައްވައި ވަޑައިގަންނަވަންދެން ކަމަށް ވިދާޅުވެ، މިއަދުގެ ޖަލްސާ ވަނީ މެދުކަނޑާލައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހާ ފާސްކުރަން ފެންނަކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ނިންމިގޮތުގެ ރިޕޯޓު ހުށަހަޅައި ނިމި، ބަހުސަށް ހުޅުވާލުމުން ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މަޢުރޫފް ޒާކިރު ވަނީ އިހުތިޖާޖު ކުރައްވައިފައެވެ.

މަޢުރޫފްގެ ނަން އިއްވައި އޭނާ ވަނީ ތަޅުމުން ބޭރުކޮށްލައިފައެވެ.

comment ކޮމެންޓް