ދެހާސް ހަތަރުވަނަ އަހަރުގެ ކުރީގެ އިންތިޚާބުތަކަށް ބަލާއިރު, ރާއްޖޭގައި ވެސް 99 ޕަސެންޓް ތާއީދު ލިބުމާއި ވާދަކުރާނެ މީހަކު ނެތިގެން އިންތިޚާބަކާ ނުލައި ގޮނޑިތައް ލިބުމަކީ މީހަކު ހައިރާން ވާނެ ކަމެއް ނޫނެވެ. އެކަމަކު، ޑިމޮކްރަސީ ހަރުދަނާ ކުރަންވެގެން ދައުލަތަށް ބުރައަކަށްވާ ވަރަށް ހޭދަތައް ކުރާއިރު މިއީ އެންމެ ދެކެން ބޭނުންވާ މަންޒަރަށް ނުވެދާނެއެވެ. އެކަމަކު، މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު މި މަންޒަރު މި ވަނީ ފެންނަން ފަށާފައެވެ. އަދި، މިކަމުގެ ފަހަތުގައި ފޮރުވިފައި މިވާ ސަބަބާއި އެކަން އެކުރާ ގޮތުގެ ވާހަކައަކީ ކޮންމެހެން ވެސް ދައްކަން ޖެހޭ ވާހަކައެކެވެ.
މީގެ ދެ ރޭ ކުރިން, ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު, އަދި ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިޚާބުގެ ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހް ވަނީ ވާދަވެރި އިންތިޚާބަކާ ނުލައި ލޯކަލް ކައުންސިލްތަކުގެ އަށް ޕަސެންޓް ގޮނޑި ޕީއެންސީއަށް ކާމިޔާބު ވެފައިވާކަން އިއުލާނު ކުރައްވައިފައެވެ. އޭގެ ތެރޭގައި, އާބާދީ ވަރަށް މަދު, އދ. ދިއްދޫއާއި އެ އަތޮޅު މަންދޫ ކައުންސިލް ރައީސްގެ ގޮނޑިއާއި ހއ. ބާރަށާއި އެ އަތޮޅު އުތީމު ކައުންސިލް ރައީސްގެ ގޮނޑިއާއި، ބ. އޭދަފުށީ ކައުންސިލްގެ ދެ ގޮނޑިއާއި، ރ. ފައިނު ކައުންސިލުގެ ގޮނޑި ވެސް އިންތިޚާބަކާ ނުލައި ސަރުކާރަށް ވަނީ ލިބިފައި ކަމަށް ޕީއެންސީން ބުނެއެވެ. އަދި، ތ. ވިލުފުށިން ކައުންސިލަށް އިންތިޚާބު ކުރާ 10 ގޮނޑީގެ ތެރެއިން ނުވަ ގޮނޑި އިންތިޚާބަކާ ނުލައި ޕީއެންސީއަށް ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނީ -- ފޮޓޯ/ މޫސާ ނަދީމް
އިންތިޚާބަކާ ނުލައި މިހާ ގިނަ ގޮނޑިތަކެއް ޕީއެންސީއަށް ލިބިފައިވާ ކަމަށް އެ ޕާޓީން ބުނާއިރު މިކަމުގެ ފަހަތުގައިވާ ސަބަބު ބަލާލުމަށް ކުރި މަސައްކަތުން އިވުނީ, ޑިމޮކްރެޓިކް މުޖުތަމައެއްގައި އިވެން ނުވާނެ, އެކަމަކު ރާއްޖޭގައި މީގެ ކުރިން ވެސް ހިނގާފައިވާ ބައެއް ކަންކަން މި އިންތިޚާބާ ގުޅިގެން ވެސް ތަކުރާރުވާ ކަމުގެ އަޑުތަކެވެ. އޭގެ ތެރެއިން އެއް ކަމަކީ އިދިކޮޅުން ވާދަ ކުރަން އުޅޭ ކެންޑިޑޭޓަށް ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ވަޒީފާއެއް ދިނުމަށް ފަހު އިންތިޚާބުގައި ވާދަ ނުކުރުވުމެވެ.
"ހއ. އަތޮޅު ރަށަކުން އެބަހުރި ނަން ނަގުވާފައި ވަޒީފާ ދީގެން. އަދި އަޅުގަނޑަށް އެނގިގެން ހަމަ މި އަތޮޅުގެ އެހެން ދެ ރަށެއްގެ ކެންޑިޑޭޓުގެ ނަން ނަގާ ގޮތަށް އެބަހުރި ވަޒީފާ ހުށަހަޅާފައި. އެކަމަކު އެ ދެ މީހުން ނަމެއް ނުނެގި. ރަނގަޅު ވަޒީފާތައް ދޭން ބުނެގެން ބައެއް ކެންޑިޑޭޓުން ނަން ނަގާ," މި ދައުރުގައި ކައުންސިލަރުކަން ކުރައްވަމުން އަންނަ ބޭފުޅަކު ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީން އަންނަނީ ފާޅުގައި ޕީއެންސީއާއި ސަރުކާރަށް މި ތުހުމަތުތައް ކުރަމުންނެވެ. ކައުންސިލު އިންތިޚާބާ ގުޅޭ އެމްޑީޕީގެ ތަރުޖަމާނު ޢަބްދުالله ވަޙީދު ވިދާޅުވި ގޮތުގައި ޕީއެންސީން މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ހޯދަން އެންމެ ބޮޑު އަމާޒަކަށް ހަދާފައި އޮތީ އިދިކޮޅު ކެންޑިޑޭޓުން ވާދަ ކުރުމުގެ ފުރުސަތު ނުދިނުން ކަމަށެވެ. އެކަން ކުރުވުމަށް އެންމެ ބޮޑަށް ބޭނުންކުރަނީ ވަޒީފާ ދިނުމާއި ވަޒީފާގެ ބިރުދެއްކުން ކަމަށް ވަހީދު ވިދާޅުވިއެވެ.
"އެމްޑީޕީގެ ފަރާތުން ވާދަކުރާ މީހާއަށް އެ މީހުންގެ ޓިކެޓް ދިނުން. ނޫނީ ވަޒީފާ ހުށަހެޅުން. މީގެން ކޮންމެހެން އެއްގޮތަކުން ވާދަ ކުރިޔަ ނުދޭން ޕީއެންސީން މަސައްކަތް ކުރީ،" ވަހީދު ވިދާޅުވިއެވެ.
ވަހީދު ވަނީ އިލެކްޝަންސް ކޮމިޝަނުން ވެސް އެ ފުރުސަތު ޕީއެންސީއަށް ފަހިކޮށްދެމުން އަންނަ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެ ގޮތުން، ކެންޑިޑޭޓުންގެ ނަންބަރު ގުރުނެގުމުގެ ދުވަސް އާއްމުކޮށް ފަސްކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެހެން ޕާޓީތަކަށް ނުދޭ މައުލޫމާތު ކަމަށްވާ, އިންތިޚާބުތަކުގައި ވާދަކުރީ ކޮންކޮން ބައެއްކަން ޕީއެންސީއަށް, އިލެކްޝަންސްގެ ތެރެއިން ދެމުން އަންނަ ކަމަށް ވަހީދު ވިދާޅުވިއެވެ.
"އިލެކްޝަނުން ދެނީ ވާދަކޮށްފައިވާ ކެންޑިޑޭޓުންގެ މައުލޫމާތު. އެހެންވެ އެ މީހުންނަށް އެޕްރޯޗްކޮށްގެން ނަން ނެގުމުގެ މަސައްކަތް މިހާރު ކުރަނީ. އަޅުގަނޑުމެންނަށް މިހާރު ވެސް އެބަ އެނގޭ ރަނގަޅު އޮފާތައް ދީގެން ނަން ނެގުވުމަށް މަސައްކަތް ކުރާކަން. އެކަމަށް ބޭނުންވާ ވަރުގެ މުއްދަތެއް [އިލެކްޝަނުން] މި އޮތީ ދީފައި،" ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީގެ މި ތުހުމަތުތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާ ސުވާލުކުރުމުން އެ ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވިދާޅުވީ, އެ ކޮމިޝަނުން އެއްވެސް ސިޔާސީ ޕާޓީއަކަށް އެހެން ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުންގެ މައުލޫމާތު ނުދޭ ކަމަށެވެ.
"ކެންޑިޑޭޓުން އަމިއްލަފުޅަށް ނަން އަނބުރާ ގެންދިއުމަށް އެދިގެން މައި ޕޯޓަލް މެދުވެރިކޮށް އެ ކެންޑިޑޭޓެއްގެ ލޮގިންއިން ހުށަހެޅުމުން ނޫނީ އެ ފަރާތެއްގެ ނަން އަނބުރާ ގެންދެވޭނެ ގޮތެއް ހަމަޖެހިފައެއް ނުވޭ. އަދި، އެ ލޮގިންގެ އެކްސަސް އެހެން ފަރާތަކަށް ވެސް ލިބިގެން ނުވާނެ," ޞަލާޙް ވިދާޅުވިއެވެ.
https://www.sun.mv/210190
"ސަން"އިން ކުރި މަސައްކަތުން އެނގުނު ގޮތުގައި ކުރިން އެމްޑީޕީއިން ރަސްކަން ކުރި ބައެއް ރަށްރަށުން މިފަހަރު އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓެއް ނުވި އެހެން ސަބަބުތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި އެ ރަށެއް ނުވަތަ އެ ދާއިރާއެއްގައި އެ ޕާޓީ ތަމުސީލު ކުރި އިސްވެރިން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންގެ މަސްލަހަތު ދޫކޮށް, އަމިއްލަ ވިޔަފާރިއަށް ނާޖާއިޒު ގޮތުގައި ހޯދި ކަމަށް ތުހުމަތުކުރެވޭ މަންފާތަކާއި ތިމާގެ ގާތް މީހުންނަށް ފުލެޓާއި އެހެނިހެން މަންފާތައް ހޯދައިދީ އެހެން މީހުން ބާކީ ކުރި ކަމަށް ކުރެވޭ ތުހުމަތުތަކާ އެކު އުފެދިފައިވާ ނުތަނަވަސްކަން ވެސް ހިމެނެއެވެ. ވަކި ރަށެއް ނޫނެވެ. މިއީ އެހެން ރަށްރަށުން ވެސް އިވޭ ވާހަކަތަކެވެ.
ލިބޭ އެއްޗަކުން ނުހިންގޭތަނުގައި, ދަރަނި އިންތިހާއަށް އޮތް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާތައް ބެހުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. މިއީ ހަމަ ކޮންމެ ސަރުކާރަކުން ވެސް ކުރާ ކަމެކެވެ. މި ނުރަނގަޅު އާދައިގެ ސަބަބުން ކުންފުނިތައް ބަންގުރޫޓުވާ ހިސާބަށް ގޮސްފައިވީ ނަމަވެސް ސިޔާސީ މަންފާއަށްޓަކައި ސިޔާސީ މީހުން އަންނަނީ މި ކަންކަން ކުރަމުންނެވެ.
"ކައުންސިލަށް ހޮވުނީމާ ލިބޭ މުސާރަ އެ ދެނީ ސަރުކާރު ކުންފުންޏަކުން. ކަމެއް ކުރާކަށް ނުޖެހޭނެ. އަނެއްކާ އިންތިޚާބެއް ވިޔަސް ކާމިޔާބު ވާނެ ކަމެއް ވެސް ނޭނގޭތާ. އަނެއްކޮޅުން ކާމިޔާބުކުރަން މަސައްކަތާއި ހަރަދުތަކެއް ވެސް ކުރަން ޖެހޭނު. އެކަން ނުކޮށް ވާނު ވަޒީފާ ގަބޫލުކޮށްލީމާ. އެހެންވެ ވެސް ބައެއް މީހުން މިހެން ޑީލް ހަދާ," ސިޔާސީ ދާއިރާގައި ވަރަށް ހަރަކާތްތެރި ބޭފުޅަކު ކަން ހިނގާގޮތް ކިޔައިދެއްވަމުން ވިދާޅުވިއެވެ.
ޕީއެންސީއާ ވާދަ ކުރާނަމަ ވަޒީފާގެ ބިރު ދައްކާކަމުގެ އަޑުތައް ފެތުރޭއިރު އެ ކަމަށް ތުހުމަތުކުރެވޭ ކަމެއް މި ފަހުން ވެސް ވަނީ ހިނގާފައެވެ. އެއީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲގެ އެއްމާބަނޑު ކޮއްކޮ، އަބްދުލްކަރީމް އަބްދުﷲ, ލ. ފޮނަދޫގެ ކައުންސިލް ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމައިފައިވަނިކޮށް، އޭނާގެ ދެ ދަރިން ސަރުކާރުގެ ވަޒީފާތަކުން ވަކިކުރުމެވެ. ކަރީމް ވިދާޅުވާ ގޮތުގައި އޭނާގެ ދެ ދަރިން ވަޒީފާތަކުން ވަކިކުރީ ޕީއެންސީއާ ދެކޮޅަށް އޭނާ ވާދަކުރާތީއެވެ.
ވޯޓު ހޯދަން ވަޒީފާތައް އޮއްސާނެ؟
އެކިއެކި ކެންޑިޑޭޓުންނަށް ވަޒީފާ ދީގެން ނަން ނެގުމަކީ އަދި އިންތިޚާބު ކާމިޔާބުކުރަން ކުރާނެ ހަމައެކަނި ކަންތައް ކަމަކަށް ނުބެލެވެއެވެ. ވޯޓު ދޭން ޝަރުތުކޮށް ވަޒީފާ ބެހުމަކީ ވޭތުވެދިޔަ ހުރިހާ ވެރިކަންތަކެއްގައި ވެސް ކުރި ކަމެކެވެ. އަދި، ކުރިއަށް އޮތް އިންތިޚާބުގައި މިކަން މާ ބޮޑަށް ކުރާނެ ކަމަށް ބެލެވެއެވެ. އެއީ ސަރުކާރުގެ ޕޮޕިއުލަރިޓީ މަތިކަން ދެއްކުމުގެ ބޭނުމުގައި ސިޔާސީ ގޮތުން އެކަން ސަރުކާރަށް ވަރަށް މުހިންމު ވާތީއެވެ.
ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް ވަޒީފާތައް ބެހުމަށް ސަރުކާރުން ކުރިއާލާ ތައްޔާރުވި މަންޒަރު ފެންނަން އެބައޮތެވެ. އެއީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސް އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ކުންފުނިތަކުގެ މެންޑޭޓަށް ވެސް ބެލުމެއް ނެތި, ސަރުކާރުގެ ގިނަ ކުންފުނިތަކަކާ ހަވާލުކުރި މަސައްކަތްތަކުންނެވެ.

ރައީސާއި ފަލާހް ސަލާމްކުރައްވާއިރު، ފަހަތުން އަބްދުއްރަހީމް: އަބްދުއްރަހީމްގެ ސިޔާސީ މަގާމުން މިހާރު ފެންނަނީ ފަލާހް -- ފޮޓޯ/ ޕީއެންސީ
މަގު ހެދުމުގެ މަސައްކަތަށް ޚާއްސަކޮށްގެން އުފައްދާވައިވާ, މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އާރުޑީސީ)އާ މި ސަރުކާރުން އެތައް ހޮސްޕިޓަލެއް އަޅަން ހަވާލުކޮށްފިއެވެ. މަގު ހަދާ ކުންފުނިން ހަވާލުވި ކަންކަމުގެ ތެރޭގައި ހއ. އިހަވަންދުއާއި ޅ. ނައިފަރާއި ހުޅުމާލޭގައި ހޮސްޕިޓަލް އިމާރާތް އެޅުން ހިމެނެއެވެ. އެ މައްސަލައަކާ ހެދި ދިވެހީންނަށް ހަމަޖެހުމެއް ނުލިބޭ, ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އުފައްދާފައިވާ, ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަށް އަދި ބޯހިޔާވަހިކަން ހައްލު ކުރެވޭވަރާ ގާތަށް ވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. ނަމަވެސް، ސަރުކާރުން އެދިގެން އެ ކުންފުނިން މިހާރު މިވަނީ ރަށްރަށުގައި ސްކޫލު ކްލާސް ރޫމާއި މަލްޑިޕާސްޕޯސް ހޯލް އަޅަން ހަވާލުވެފައެވެ. އެ ވެސް ފިއްކަނޑައިގެންދާ ވަރުގެ ބޮޑެތި އަގުތަކެއްގައެވެ.
މީގެ ކުރިން ޕްރޮފެޝަނަލް މެނޭޖުމަންޓްތަކުން ވަރަށް ރަނގަޅަށް, ރައްޔިތުންގެ އިތުބާރު ހޯދައިގެން ހިންގަމުންދިޔަ, އެއާޕޯޓް ކުންފުނި, އެމްއޭސީއެލްއިން ހަވާލުވީ 63 ރަށެއްގައި ކަސްރަތު ކުރާނެތަންތަން ހަދާށެވެ. މައި އެއާޕޯޓްގައި ކުރަން ޖެހި, ނުކުރެވި އެތައް ހާސް ކަމެއް ހުއްޓައި، ކަމާ ނުވެސް ބެހޭ ކަމަކާ ހަވާލުވީއެވެ. މިހެން ގޮސް އަދިވެސް ކަންކަން ހަވާލުކުރަނީއެވެ.
އެކަން ކަމަށް ބަލާއިރު އަދި މި ސަރުކާރުން ވެސް ސަރުކާރު ހިއްސާވާ ކުންފުނިތައް ބޭނުން ކުރަމުން އަންނަ ގޮތަށް ބަލާއިރު ކުރިއަށް އޮތް އިންތިޚާބާއި އެހެނިހެން ސިޔާސީ މަންފާތަކުގެ ބޭނުމުގައި ކުންފުނިތަކުގެ ވަޒީފާތަކާއި ވަސީލަތްތައް ބޭނުންކުރުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ.
ސަރުކާރާއި ޕީއެންސީއަށް މި ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން އެ ފަރާތުގެ ބަހެއް ހޯދާލުމަށް ސުވާލު ފޮނުވި ނަމަވެސް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
މިފަދަ ކަންކަން ބަލަން އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ފަދަ ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަ ކުރާ މުއައްސަސާތަކަށް ގާނޫނުއަސާސީއިން ލާޒިމު ކޮށްފައިވީ ނަމަވެސް، އެއްވެސް ސަރުކާރެއްގައި އެ ސަރުކާރުގެ މައްސަލައެއް ބަލައި ފިޔަވަޅު އަޅަން ކެރޭވަރުގެ އިހުލާސްތެރިން އެ ތަންތަނުގައެއް ނުތިބެއެވެ.
ސިޔާސީ ޕާޓީތަކުން އިންތިޚާބުތައް ކާމިޔާބުކުރަނީ އެކިއެކި ދަޅަ ދައްކައިގެންނެވެ. މި ސަރުކާރަށް ބަލާއިރު ފަހުން ކަންކަން 180 ޑިގްރީއަށް ބަދަލުވި ނަމަވެސް ވެރިކަން ހޯދި ކާލާމަންނައަކީ "އިންޑިއާ އައުޓް"އެވެ. މަޖިލިސް ހޯދީ ތަރައްގީ އަވަސް ކުރާށޭ ބުނެއެވެ. ދެން އޮތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެވެ. ފެންނަ މަންޒަރަކީ މި ފަހަރު ބަހާނެ އެއްޗަކީ ނުވަތަ ބޭނުން ކުރާނެ އެއްޗަކީ ވަޒީފާތައް ކަމެވެ. ސުވާލަކީ އޭގައި ހިފައި ވޯޓު ދޭނީތޯއެވެ؟ ގޮތް ނިންމާނީ ރައްޔިތުންނެވެ. މި ކޮޅަކުން ނޫނެވެ. މި ކޮޅުން މިހެން ހަމަ ލިޔާނީއެވެ.