އެއް ދުވަސްތެރޭ އެންމެ ގިނަ ފަތުރުވެރިން އައުމުގެ ރެކޯޑް، ހަފުތާއެއްހާ ދުވަހުން މުގުރާލައިފި

ފަތުރުވެރިންތަކެއް ރާއްޖެ އައުން: އެއް ދުވަސްތެރޭ އެންމެ ގިނަ ފަތުރުވެރިން އައުމުގެ ރެކޯޑް، ހަފުތާއެއްހާ ދުވަހުން ވަނި މުގުރާލައިފައި -- ފޮޓޯ/ އެމްއޭސީއެލް

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން، އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އައިސް، މި މަހުގެ އެއް ވަނަ ދުވަހުގެ ރިކޯޑު މުގުރާލައި، އެންމެ ގިނަ ފަތުރުވެރިން އެއްދުވަހެއްގެ ތެރޭގައި ރާއްޖެ ޒިޔާރަތް ކުރި ދުވަހަކަށް އިއްޔެ ވެއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އިއްޔެ ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 10،462 އެވެ. މިއީ މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން އެއްދުވަހެއްގައި ޒިޔާރަތް ކުރި މިމަހުގެ އެއް ވަނަ ދުވަހަށް ވުރެ 209 ފަތުރުވެރިން އިތުރު އަދަދެކެވެ. އެއީ 10،253 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 295,589 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، 5.6 އިންސައްތަ އިތުރު އަދަދެކެވެ.

https://sun.mv/217494

މި މަހުގެ އެއް ވަނަ ދުވަހުގެ ތަފާސްހިސާބުތަކުން، އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ގައުމަކަށް އޮތީ ރަޝިޔާ ނަމަވެސް، މި ހަފުތާގައި ޗައިނާއިން ވަނީ އެ ގައުމު ފަހަތަށް ޖައްސާލައިފައެވެ. ރަޝިޔާއިން ރާއްޖެއަށް 35,963 ފަތުރުވެރިން އައި އިރު، ޗައިނާއިން ވަނީ 37،304 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

އެ ދެ ގައުމަށް ފަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިޓަލީ، އިނގިރޭސިވިލާތް އަދި ޖަރުމަނުންނެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައީ ރިސޯޓުތަކަށެވެ. އެއީ 68 އިންސައްތަ ފަތުރުވެރިންނެވެ. އަދި ގެސްޓް ހައުސްތަކަށް 27.0 އިންސައްތަ އައިއިރު، ހޮޓެލްތަކަށް އައިސްފައިވަނީ 2.7 އިންސައްތަ ފަތުރުވެރިންނެވެ.

ރާއްޖޭގެ 19 އަތޮޅުގައި މިހާރު 179 ރިސޯޓެއް ހިންގާއިރު، 20 އަތޮޅުގައި 113 ގެސްޓުހައުސް ހިންގައެވެ.

comment ކޮމެންޓް