ކްރޮސް ސަބްސިޑީ އުސޫލުން ހަ އަތޮޅަކުން ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތައް ކުއްޔަށްދޭ ރޭޓުތަކަށް ލުއިތަކެއް ދީފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި، ކުއްޔަށް ދިނުމުގައި ކޮންސެޝަން ރޭޓުތައް ކަނޑައަޅައިފައިވަނީ، ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅުގެ އިތުރުން އައްޑޫ އަތޮޅުގެ ރަށްތަކަށެވެ. އަދި އެ ލުއިތައް ދެމިއޮންނާނީ ދެ އަހަރުގެ މުއްދަތަށް ކަމަށް އިއުލާނުގައިވެއެވެ.
މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓުތަކަށް ބަލާއިރު، ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ތ. އަތޮޅާއި އައްޑޫ އަތޮޅުގެ ރަށްތައް ކުއްޔަށް ދޭ ބޭސް ރޭޓަކީ ހަތަރު ލައްކަ އެމެރިކާ ޑޮލަރެވެ.
އެ ރަށްތައް ކުއްޔަށް ދިނުމުގައި ހެކްޓަރަކަށް ޖެހޭ ރޭޓަކީ 35,000 އެމެރިކާ ޑޮލަރު ކަމަށްވާއިރު، ލ. އަތޮޅު ކުއްޔަށް ދިނުމުގެ ބޭސް ރޭޓަކީ ހަތް ލައްކަ އެމެރިކާ ޑޮލަރެވެ. އަދި،ހެކްޓަރަކަށް ޖެހޭ ރޭޓަކީ 60,000 އެމެރިކާ ޑޮލަރެވެ.
މިނިސްޓްރީއާ ހަވާލާދީ، ޕީއެސްއެމްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާނީ ބޭސް ރޭޓާއި، ހެކްޓަރަކަށް ޖެހޭ ރޭޓް ބިމުގެ ބޮޑުމިނާ ގުނަކުރުމުން ނުކުންނަ އަދަދާއި، ސައިޒް ޕްރީމިއަމް އެއްކޮށްގެންނެވެ. އޭގެ ތެރެއިން 20 އިން 40 ހެކްޓަރާ ދެމެދުގެ ބިންތަކުން ސައިޒް ޕްރީމިއަމް ނުނަގާއިރު، 41 ހެކްޓަރަށްވުރެ ބޮޑެތި ބިންތަކަށް ސައިޒް ޕްރީމިއަމްގެ ގޮތުގައި ފަސް ލައްކަ އެމެރިކާ ޑޮލަރު ދައްކަންޖެހެއެވެ.
އިއުލާނުގައިވާ ގޮތުން، ރަށްރަށުގެ ބިމުގެ ބޮޑުމިން ބަލާނީ މީން ޓައިޑް ލައިން ތެރޭގައި ހިމެނޭ ސަރަޙައްދު ސާވޭކޮށްގެން ކަަމަށްވާއިރު، ފަޅު ހިއްކުމުގެ ހުއްދަ ދޭނީ ހިއްކާ ސަރަޙައްދަށް ދައްކަންޖެހޭ އެކުއިޒިޝަން އަގު ދެއްކުމުންނެވެ.
ކްރޮސް ސަބްސިޑީއަކީ، ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކުން، ދުރާލައި ކަނޑައަޅައިފައިވާ އަދަދަކަށް އެ ފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާ ކަމަށް ޓަކައި، އެ މަސައްކަތުގެ އަގުގެ މުގާބިލުގައި ދައުލަތުން އެ ފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށެވެ.