އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ދުވަހަކަށް މިދިޔަ އާދިއްތަ ދުވަސް

ވީއައިއޭގައި ފަތުރުވެރިން: އާދިއްތަ ދުވަހު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފަ-- ފޮޓޯ/ ވީއައިއޭ

އާދިއްތަ ދުވަހު ރާއްޖެއަށް 10,000އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އެއީ އެއް ދުވަހެއްގައި އެންމެ ގިނަފަ ތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ދުވަސް ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން އެއް ދުވަހެއްގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހެވެ. އެއީ 10،213 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 10،253 އެވެ. އެހެންކަމުން މިއީ ރެކޯޑު އަދަދެކެވެ.

އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު މިމަހުގެ ފުރަތަމަ ދުވަހާ ހަމައަށް ރާއްޖެއަށް 235,041 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކޮށްފައިވަނީ 224,358 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ އެ އަދަދާ އަޅައި ބަލާއިރު 4.8 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނައިރު، ފަތުރުވެރިކަމުގެ ތާރީޚުގައިވެސް އެންމެ ގިނަ ފަތުރުވެރިން އެއް މަހެއްގައި ޒިޔާރަތް ކުރި މަހަކީ މިދިޔަ ޖަނަވަރީ މަހެވެ. އެގޮތުން ޖަނަވަރީ މަހު 224,788 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

https://sun.mv/217436

ފަތުރުވެރިކަމުގެ ތަފާސްހިސާބުން ދައްކާ ގޮތުން މި އަހަރު ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 68.4 އިންސައްތަ އައިސްފައިވަނީ ރިސޯޓުތަކަށެވެ. އަދި 26.6 ފަތުރުވެރިން ގެސްޓު ހައުސްތަކަށް އައިސްފައިވާއިރު، ހޮޓެލްތަކަށް 2.7 އިންސައްތަ ފަތުރުވެރިން ވަނީ އައިސްފައެވެ.

މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތައް:

  • ރަޝިޔާ: 30,484 ފަތުރުވެރިން
  • ޗައިނާ: 24,576 ފަތުރުވެރިން
  • އިޓަލީ: 24,498 ފަތުރުވެރިން
  • އިނގިރޭސި ވިލާތް: 21,354 ފަތުރުވެރިން
  • ޖަރުމަނު: 14,671 ފަތުރުވެރިން

ރާއްޖޭގެ 19 އަތޮޅުގައި މިހާރު 179 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ.

comment ކޮމެންޓް