ދަރުމަވަންތަ ހޮސްޕިޓަލްގައި ނާރުގެ ބަލިތަކާއި ސްޓްރޯކަށް ޚާއްސަ ސެންޓަރެއް ރޭ ހުޅުވައިފިއެވެ.
ނާރުގެ ބަލިތަކާއި ސްޓްރޯކަށް ޚާއްސަކޮށްގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވި، "ނޭޝަނަލް ސެންޓާ ފޯ ނިއުރޯސައިންސް އެންޑް ސްޓްރޯކް"ގެ ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ މާލެ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް އަބްދުއްރައްޒާގް ހަލީމެވެ.
އެ ސެންޓަރުގެ ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މާލެ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވީ، އެސެންޓަރުގެ ސަބަބުން މުސްތަޤްބަލުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލައްތަކާއެކު ސިކުނޑިއާއި މައިބަދައިގެ އޮޕްރޭޝަންތައް ކުރެވިގެންދާނެ ކަމަށެވެ.
އަދި މުޅި ރާއްޖެ ގުޅާލެވޭ ވިއުގައެއް މެދުވެރިކޮށް ސްޓްރޯކްގެ ބަލިމީހުންނަށް ހަލުވިކަމާއެކު ފަރުވާލިބޭނެ ނިޒާމެއް ޤާއިމްވެގެންދާނެކަމަށާއި އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއެކު ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރިނަމަވެސް ފެންވަރު ރަނގަޅު ނާރުގެ ފަރުވާ ލިބުމަށް މަގުފަހިވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ ވަނީ ރޭ ހުޅުވި ސެންޓަރާއެކު، ނިއުރޯ ސައިންސްއާއި ގުޅުންހުރި ދާއިރާތަކުން އިންޓަގްރޭޑެޓް ފަރުވާއެއް ބަލިމީހުންނަށް ލިބިދެވޭނެކަމަށް އުންމީދު ކުރެވޭއިރު ބަލިމީހަކަށް ދެވޭ ފަރުވާއަކީ ވަށާޖެހޭ ފަރުވާއަށް ހެދޭނީ ހޮސްޕިޓަލުގެ ކަމާއި ބެހޭ ހުރިހާ ޑިޕާޓްމަންޓެއްވެސް ގުޅިގެން، ކަމަށް ވިދާޅުވެފައެވެ.
އޭނާ ވަނީ ސެންޓަރުގެ މަސައްކަތް ފެށޭއިރު ދިވެހި ފުރަތަމަ ނިއުރޮލިޖިސްޓް ޑރ. އަހުމަދު ރަޝީދާއި ފުރަތަމަ ނިއުރޯ ސާޖަން ޑރ. އަލީ ނިޔާފްގެ އިތުރުން ފުރަތަމަ ޕީޑިއަޓްރިކް ނިއުރޮލޮޖިސްޓް ޑރ. ސަމާހަތު އެ ސެންޓަރުން ބަލިމީހުން ބަލާނެ ކަމަށް ވިދާޅުވެފައެވެ.
މި އަހަރުގެ ތެރޭގައި ސިއްހީ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް ޓަކައި ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ވެސް އޭނާ ވިދާޅުވެފައެވެ.