މިދިޔަ މަހު ޑެންގީ ކޭސް އިތުރު، އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން ދަށަށް

އައިޖީއެމްއެޗް ކުރިމަތި -- ފޮޓޯ/ މާނިއު މުހައްމަދު

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފެބުރުވަރީ މަހާ އަޅާބަލާއިރު މާރިޗު މަހު ރާއްޖޭގައި ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ނަމަވެސް އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި އަދަދު ވަނީ ދަށްވެފައެވެ. ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސާފުތާހިރުކަމަށް ސަމާލުކަންދީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

  • ފެބުރުވަރީ މަހުގެ 428 ކޭސްއާ އަޅާބަލާއިރު މާރިޗު މަހު ޑެންގީގެ 535 ކޭސް ވަނީ ރިޕޯޓުކޮށްފައި
  • އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު 25,010 އިން 20,761 އަށް ވަނީ ދަށްވެފައި
  • ބޭރަށް ހިންގުމުގެ ކޭސްތައް ވަނީ 8,629 އިން 4,441 އަށް މަދުވެފައި
  • މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ސަމާލުވުމަށް އިރުޝާދުދީފައިވޭ

ފެބްރުއަރީ މަހަށްވުރެ މިދިޔަ މަހު ފާހަގަވީ ޑެންގީ ކޭހުގެ އަދަދު ގިނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން މި މަހުގެ ނުވަވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ ފެބުރުވަރީ މަހާ އަޅާބަލާއިރު މިދިޔަ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު ވަނީ އިތުރުވެފައެވެ. ނަމަވެސް، އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރި އަދަދު ވަނީ ދަށަށް ގޮސްފައެވެ.

ޑެންގީ ހުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުވަރީ މަހު ރިޕޯޓްކޮށްފައިވަނީ 428 ކޭސްއެވެ. ނަމަވެސް މިދިޔަ މަހު މި އަދަދު ވަނީ 535 އަށް އިތުރުވެފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

މަދިރީގެ ޒަރީއާއިން ފެތުރޭ މި ބަލިން ރައްކާތެރިވުމަށްޓަކައި، ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމާއި، މަދިރި ރެޕެލެންޓް ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި މަދިރި އާލާވާ ފަދަ ފެން ހަރުލާ ތަންތަން ސާފުކުރުމަކީ މުހިއްމު ކަމެކެވެ. ބަލި ޖެހިއްޖެނަމަ ގިނައިން ދިޔާއެއްޗެހި ބޭނުންކުރުމަށާއި، ތިން ދުވަހަށްވުރެ އިތުރަށް ހުން އަންނަނަމަ ޑޮކްޓަރަށް ދެއްކުމަށް ވަނީ އިރުޝާދު ދީފައެވެ.

އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ކޭސްތަކަށް ބަލާއިރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރި އަދަދު ފެބުރުވަރީ މަހު ހުރީ 25,010 ގައެވެ. ނަމަވެސް މާރިޗް މަހު މި އަދަދު ވަނީ 20,761 އަށް ދަށްވެފައެވެ.

އިންފްލުއެންޒާއަށް ޓެސްޓްކުރި އަދަދުވެސް ވަނީ މަދުވެފައެވެ. މާރިޗް މަހު ޓެސްޓްކުރި 105 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ ފަސް ސާމްޕަލެވެ. މިފަދަ ރޯގާތަކުން ރައްކާތެރިވުމަށް އަތްދޮވުމާއި، ކެއްސާ ކިބިހިއަޅާއިރު ޓިޝޫ ބޭނުންކުރުމަށް ސަމާލުކަން ދިނުން މުހިއްމެވެ.

ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރި އަދަދު ވަނީ ފެބުރުވަރީ މަހާ އަޅާބަލާއިރު މާރިޗް މަހު ވަރަށް މަދުވެފައެވެ. ފެބުރުވަރީ މަހު 8,629 ކޭސް ރިޕޯޓްކުރިއިރު، މާރިޗް މަހު ރިޕޯޓްކޮށްފައިވަނީ 4,441 ކޭސްއެވެ. ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ކާބޯތަކެތީގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި، ކެއްކުމަށާއި ބުއިމަށް ސާފު ފެން ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ.

ބަލިތަކުގެ ޙާލަތަށް ބަލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމުގައި އެޗްޕީއޭއިން ފާހަގަކުރެއެވެ.

comment ކޮމެންޓް