ގިނަ ފަހަރަށް އޮޅުން އަރާ އަދި ނުބައިކޮށް ބަލި ދެނެގަނެވޭ "ޓްރައިޖެމިނަލް ނިއުރަލްޖިއާ" އަކީ އާންމު ދިރިއުޅުމުގައި ކުރާ ކަންކަން، އިންތިހާ ދަރަޖައިގެ ވޭނަކަށް ބަދަލުކޮށްލާ ބައްޔެކެވެ.
މިއީ އަވަސް ފަރުވާއާއި، ފަރުވާތެރިކަމާ އެކު ބަލި ދެނެގަތުމުގެ އިތުރުން ދިގު މުއްދަތަކަށް އަޅާލުން ބޭނުންވާ ބައްޔެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ ކޮންމެ 20،000 މީހުންގެ ތެރެއިން އެކަކަށް ދިމާވާ ހާލަތެކެވެ.
މި ބަލީގެ ސަބަބުން މޫނުމައްޗަށް ކުއްލިއަކަށް ވަރަށް ގަދަ ތަދެއް އަރައެވެ. ދަތް އުނގުޅުން ނުވަތަ މޫނުގައި މަޑުމަޑު ވައިރޯޅިއެއް ބީހިލުން ފަދަ ދިރިއުޅުމުގެ އާދައިގެ ކަންކަމުގެ ސަބަބުން ވެސް މި ތަދު އުފެދިދާނެއެވެ. މި ވޭން އުފެދެނީ މޫނުގެ އިހުސާސްތައް ދެނެގަތުމަށާއި ކާއެއްޗެހި ހެފުމަށް އެހީތެރިވެދޭ "ޓްރައިޖެމިނަލް ނާވް"އަށް ދިމާވާ މައްސަލައެއްގެ ސަބަބުންނެވެ.
މޫނުމައްޗަށް ކުއްލިއަކަށް އަންނަ ކަރަންޓު ޝޮކެއް ފަދަ އިހުސާސެއް ސިކުންތު ކޮޅަކަށް އިހުސާސްވެފައި ކެނޑިގެން ދިއުމަކީ ފުރަތަމަ ކޮޅު އެހާ ބޮޑު ކަމަކަށް ނުފެނިދާނެއެވެ.

ޓްރައިޖެމިނަލް ނިއުރަލްޖިއާގެ އަލާމާތްތައް ފެންނަން ފެށުމާ އެކު ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށްފަހު އެކަށީގެންވާ ފަރުވާ ހޯދުން މުހިއްމު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ނަމަވެސް، މިއީ ގިނަ ބައެއްގެ ދިރިއުޅުމުގެ އާންމު ހަރަކާތްތަކަށް ހުރަސްއަޅާ ނާރުގެ ބަލީގެ ފެށުމެވެ. މި ބަލީގެ ސަބަބުން، ދިރިއުޅުމުގެ އެންމެ އާދައިގެ ކަންކަމަކީ ވެސް މޫނުމައްޗަށް އާދަޔާ ހިލާފު ތަދެއް އަރާ ކަންކަމަށް ބަދަލުވެގެންދެއެވެ.
މި ނާރަށް ބުރޫ އެރުމުން ކުރިމަތިވާ ތަދަކީ ކެތްކުރަން ދަތި، އިންތިހާއަށް ބާރުގަދަ ތަދަކަށް ވާތީ، މީގެ ސަބަބުން ދިރިއުޅުމުގެ އާދައިގެ ކަންކަން ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
މި ބައްޔާ ގުޅޭގޮތުން ހައިދަރުއާބާދުގެ ރެނޯވާ ސެންޗަރީ ހޮސްޕިޓަލްގެ ނިއުރޮލޮޖީ ޑިޕާޓްމަންޓުގެ ހެޑް ޑރ. ވައި. މުރަލީދަރު ރެޑީ ވިދާޅުވި ގޮތުގައި، ޓްރައިޖެމިނަލް ނިއުރަލްޖިއާ އަކީ މޫނުމައްޗަށް އިހުސާސްތައް ގެނެސްދޭ ނާރާ ސީދާ ގުޅުންހުރި ބައްޔެކެވެ.
"މި ބަލީގެ ސަބަބުން މޫނުމައްޗަށް އިންތިހާ ދަރަޖައިގެ ތަދު އަރައި، ދިރިއުޅުމުގެ އާންމު ކަންކަމަށް ބުރޫއަރާ. މިއީ ސިކުނޑިން ނިކުންނަ ފަސްވަނަ ނާރު ނުވަތަ ޓްރައިޖެމިނަލް ނާރަށް ޖެހޭ ބައްޔެއް. މި ނާރަކީ ބޮލާއި މޫނަށް އިހުސާސްތައް ފޯރުކޮށްދޭ ނާރެއް. ނާރުގެ ފައިބަރުތަކަށް ލިބޭ ގެއްލުމެއްގެ ސަބަބުން ނުވަތަ ފިއްތުމެއް ކުރިމަތިވުމުގެ ސަބަބުން އުފެދޭ މި ތަދަކީ ނިއުރޯޕެތިކް ވޭނެއް," ޑރ. މުރަލީދަރު ތަފްސީލުކޮށްދެއްވިއެވެ.

ޓްރައިޖެމިނަލް ނިއުރަލްޖިއާ އަކީ ފަރުވާ ކުޑަ ނުކޮށް ވީހާވެސް އަވަހަށް ފަރުވާ ހޯދުން މުހިއްމު ބައްޔެއް ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ގިނަ ފަހަރަށް ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކަކީ ދަތުގެ މައްސަލައެއް ނުވަތަ ސައިނަސްގެ އުނދަގުލެއް ކަމަށް ބަލައި ފަރުވާކުޑަކޮށްލެވެއެވެ. މީގެ ސަބަބުން ސައްހަ މެޑިކަލް ފަރުވާއާ ހަމައަށް ދިއުމަށް ބަލިމީހުންނަށް އެތައް މަހެއް ނަގައެވެ.
މިކަމަށް އިޝާރާތް ކުރައްވަމުން އެޕޯލޯ ހޮސްޕިޓަލްސްގެ ކޮންސަލްޓަންޓް ނިއުރޮލޮޖިސްޓް ޑރ. ސަންދީޕް ނަޔާނީ ވިދާޅުވީ، ބަލީގެ ފެށުމެއްގެ ގޮތުން ބަލިމީހުންނަށް އިހުސާސް ކުރެވޭނީ ކުއްލިއަކަށް އަރާފައި ކެނޑޭ ތޫނު ތަދެއް ގޮތަށެވެ.
މި ތަދަކީ ހޫނު އެއްޗަކުން ފިހޭ ފަދަ ނުވަތަ ކޮންމެވެސް އެއްޗެއް ހަރާލާ ފަދަ އިހުސާސެއް ކަމަށާއި، މިއީ ސިކުންތު ކޮޅަކުން ފެށިގެން މަދު މިނެޓު ކޮޅަކަށް ދެމިގެންދާ، ނަމަވެސް ދުވާލަކު އެތައް ފަހަރަކު ތަކުރާރުވާ ތަދެއް ކަމަށް ޑރ. ސަންދީޕް ނަޔާނީ ފާހަގަކުރެއްވިއެވެ.
އުމުރުން ދުވަސްވުމަކީ މި ބަލިޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ނަމަވެސް، މިއީ ހަމައެކަނި ދޮށީ އުމުރުގެ މީހުންނަށް ޖެހޭ ބައްޔެއް ނޫނެވެ. ޑރ. މުރަލީދަރު ވިދާޅުވި ގޮތުގައި، އެންމެ އާންމުކޮށް މި ބަލި ޖެހެނީ ލޭހޮޅިއަކުން (އާންމުކޮށް ސުޕީރިއާ ސެރެބެލާ އާޓަރީ) ނާރަށް ފިއްތުމުންނެވެ.
މީގެ އިތުރުން މަލްޓިޕްލް ސްކްލެރޯސިސް، ޓިއުމަރު ނުވަތަ ލޭހޮޅީގެ އައިބެއްގެ ސަބަބުން ނާރަށް ލިބޭ ގެއްލުމަކީ ވެސް ބަލި ޖެހޭ ސަބަބުތަކެވެ. ބައެއް ހާލަތްތަކުގައި ބަލި ޖެހޭ ސަބަބެއް ނުހޯދިދާނެއެވެ. މި ބަލި ޖެހުމުގެ ފުރުސަތު ބޮޑީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުކުރެވޭ މީހުންނާއި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން އަންހެނުންނަށެވެ.
މި ބަލި ދެނެގަތުމުގައި ލެބޯޓްރީ ޓެސްޓުތަކަށްވުރެ ބޮޑަށް ބަލިމީހާގެ ވާހަކަތަކަށް ސަމާލުކަން ދިނުން މުހިންމެވެ. ޑރ. ސަންދީޕް ހާމަކުރެއްވި ގޮތުގައި، ބަލި ދެނެގަނެވެނީ މައިގަނޑު ގޮތެއްގައި ބަލިމީހާގެ ފަރާތުން ލިބޭ މައުލޫމާތާއި ފެންނަ އަލާމާތްތަކުގެ މައްޗަށެވެ.
ތަދު އަރާ ގޮތާއި، ތަދުވާ ތަނާއި، ތަދުގެ ބާވަތުން ބައްޔާ ބެހޭ ވަރުގަދަ ހެކިތަކެއް ލިބެއެވެ. ނާރަށް ފިއްތުންތަކެއް ހުރިތޯ ބެލުމަށް އެމްއާރްއައި ސްކޭނެއް ހެދުމަށް ލަފާދެވުނު ކަމުގައި ވިޔަސް، މި ބަލި ޔަގީންކޮށްދޭނެ ވަކި ލޭގެ ޓެސްޓެއް ނޯވެއެވެ.
ބަލީގެ ފަރުވާއާ ގުޅޭގޮތުން ޑރ. މުރަލީދަރު ވިދާޅުވީ، އެންމެ ފުރަތަމަ ފަރުވާއެއްގެ ގޮތުގައި ދެވެނީ ބޭހެވެ. އޭގެ ތެރޭގައި ފިޓުޖެހުމަށް ދޭ ބޭސްތަކާއި ނާރުގެ ބަލިތަކަށް ދޭ ބޭސްތައް ހިމެނެއެވެ.
ބޭހުން ރަނގަޅު ނުވާނަމަ، އޮޕަރޭޝަން ކުރުމަށް އިރުޝާދު ދެވެއެވެ. މީގެ ތެރޭގައި ނާރަށް ދެވޭ އެކި ބާވަތުގެ ސާޖިކަލް ފަރުވާތަކާއި، ރޭޑިއޯސާޖަރީ އަދި ނާރަށް ފިއްތާ ލޭހޮޅި ދުރުކުރުމުގެ އޮޕަރޭޝަންތައް ހިމެނެއެވެ.
ކެއުމާއި، ވާހަކަދެއްކުމާއި ނުވަތަ ފިނި ވަޔަށް ނުކުތުން ފަދަ ދިރިއުޅުމުގެ އާދައިގެ ކަންކަމަކީ ވެސް މި ބަލި ހުންނަ މީހުންނަށް ބޮޑު ތަދެއް ކުރިމަތި ކުރުވާ ކަންކަމެވެ. ޑރ. ސަންދީޕް ލަފާދެއްވާ ގޮތުގައި، ތަދު ކުރިމަތިކުރުވާ ކަންކަން ދެނެގަނެ އެކަންކަމުން ދުރުހެލިވުން މުހިންމެވެ.
ފިނި މޫސުމުގައި މޫނު ނިވާކުރުމާއި، މާ ހޫނު ނުވަތަ މާ ފިނި ކާތަކެތިން ދުރުހެލިވުމާއި، މަޑު ކާތަކެތި ބޭނުން ކުރުމަކީ ތަދު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ. މީގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމާއި އަރާމުކުރުމަކީ ވެސް މުހިންމު ކަމެކެވެ.
ޓްރައިޖެމިނަލް ނިއުރަލްޖިއާއާ އެކު ދިރިއުޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ބައެއް މީހުންނަށް މި ބަލީގެ ވޭން އިހުސާސްނުވެ ގިނަ ދުވަސްތަކެއް ހޭދަކުރެވުނު ނަމަވެސް، އަނެއް ބަޔަކު މި ތަދު ދާއިމީކޮށް ތަހައްމަލުކޮށް ނުވަތަ ބައެއް ހާލަތްތަކުގައި އިތުރަށް ބަލި ގޯސްވާ ފަހަރުވެސް އާދެއެވެ.
ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި، ދުވަސްވުމުން ބޭހުގެ އަސަރު ކެނޑިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ގަވާއިދުން ޗެކަޕް ހެދުން މުހިންމެވެ.
އެކަށީގެންވާ ވަގުތުގައި ބަލި ދެނެގަނެވި، ރަނގަޅު ފަރުވާގެ ޕްލޭނަކާ އެކު ކުރިއަށް ގޮސްފިނަމަ، ގިނަ ބަލިމީހުންނަށް މިކަމުން ލުޔެއް ލިބި އާންމު ދިރިއުޅުމަށް އެނބުރި އާދެވޭނެއެވެ.