ސަވަޑޯ އަކީ ހާއްސަ ގޮތަކަށް ފާމެންޓްކޮށްގެން ތައްޔާރުކުރާ، މީރު ވަހެއް ދުވާ އަދި އޭގެ އެތެރެ މަޑު، ބޭރު ތޮށިގަނޑު ހަރުކޮށް ހުންނަ ޕާނެކެވެ. މިއީ ސިއްހަތަށް ފައިދާހުރި، އާދައިގެ ޕާނަށްވުރެ ފަސޭހައިން ހަޖަމުވާ އެއްޗެކެވެ.
ސަވަޑޯ ތައްޔާރު ކުރެވެނީ އާއްމުކޮށް ބޭކަރީތަކުގައި މި ބޭނުންކުރާ ޔީސްޓާ ނުލައި، ޔީސްޓް ތައާރަފްވުމުގެ ކުރިން އަސްލު ޕާން ހަދަން ބޭނުންކުރާ ޓެކްނިކް ބޭނުންކޮށްގެންނެވެ. އޭގެ މާނައަކީ ޔީސްޓް ނުލައި، ފުށް ކުނިކޮށްގެން (ފާމެންޓްކޮށްގެން)ނެވެ.
ސަވާޑޯ ބްރެޑަކީ ޔީސްޓް ބޭނުންނުކޮށް ގުދުރަތީ ފާމެންޓޭޝަންގެ ޕްރޮސެސްއަކުން ތައްޔާރުކުރެވޭ އެއްޗަކަށް ވާތީ އެހެން ބާވަތްތަކުގެ ޕާނާއި ބަނަހަށް ވުރެ، ގިނަ ސިއްހީ ފައިދާތައް ވެސް މީގައި ގިނައެވެ. އޭގެތެރޭގައި، ދުޅަހެޔޮ ބެކްޓީރިއާ، ވިޓަމިން، މިނަރަލް އަދި އެންޓި އޮކްސިޑަންޓްސް ހިމެނެއެވެ.

ސަވަޑޯ ފުށްގަނޑު ތައްޔާރުކުރުމަށް އެންމެ މުހިއްމު އެއް ބާވަތްކަމަށްވާ ސަވަޑޯ ސްޓާޓަ--ފޮޓޯ/އިންސްޓަގްރާމް
ނެދަލޭންޑްސްއަށް ނިސްބަތްވާ ރެޖިސްޓަޑް ޑައިޓީޝަން އަދި ނިއުޓްރިޝަނިސްޓް އެލީނާ ޕީޓްރޭ ވިދާޅުވެފައިވާ ގޮތުގައި،
ސަވަޑޯގައި ނިއުޓްރިއެންޓްސް ގިނައިން ހިމެނޭއިރު، ލޭގެ ހަކުރު ހަލުވިކަމާ އެކު މަތިވުމުގެ ފުރުސަތު ކުޑައެވެ. ހަމައެހެންމެ، ގްލޫޓެން ހިމެނޭ މިންވަރު ދަށްވެ، ހަޖަމުކުރަން ފަސޭހަ ޕާނުގެ ބާވަތެއްގެ ގޮތުގައި ސަވަޑޯ ފާހަގަ ކުރެވެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ސަވަޑޯގައި ހިމެނޭ ގުދުރަތީ ޔީސްޓުގެ ސަބަބުން ރޮށީގައި ހިމެނޭ ނިއުޓްރިއެންޓްސް އިތުރުވެ، ހަށިގަނޑަށް ހަޖަމުކުރަން ފަސޭހަވެއެވެ. ކޮވިޑް-19ގެ ދުވަސްވަރު ގިނަބަޔަކު ގޭގައި ބޭކްކުރުމަށް އޮތް ޝައުގުވެރިކަން އިތުރުވެ، ސަވަޑޯ ތައްޔާރުކުރުން ވަރަށް ގިނަ ބައެއްގެ މެދުގައި އޭރު މަގުބޫލުވިއެވެ.
ނަމަވެސް، ފިހާރަތަކުން ގަންނަން ލިބޭ ހުރިހާ ސަވަޑޯ ޕާނަކީ އަސްލު ސަވަޑޯ ނޫންކަން ހަނދާން ބަހައްޓަންޖެހެއެވެ. އެންމެ ފުރިހަމަ ސިއްހީ ފައިދާ ލިބޭނީ އާޓިސަން ބޭކަރީއަކުން ނުވަތަ ސަގާފީ ގޮތަށް ތައްޔާރުކުރާ ތަނަކުން ގަންނަ މިބާވަތުގެ ޕާނުން ކަމަށް ޑައިޓީޝަން އަދި ނިއުޓްރިޝަނިސްޓް އެލީނާ ފާހަގަކުރައްވާފައިވެއެވެ.

ތަފާތު އެކި ޑިޒައިންތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސަވަޑޯތަކެއް--ފޮޓޯ/ޕިންޓްރެސްޓް
ސަވަޑޯ ޕާނުގެ ނިއުޓްރިޝަން ބިނާވެފައި ވަނީ އެ ތައްޔާރުކުރަން ބޭނުންކުރާ ފުށުގެ ބާވަތުގެ މައްޗަށެވެ. އާންމުގޮތެއްގައި، ހުދުފުށުން ތައްޔާރުކޮށްފައިވާ މެދުމިނުގެ ސަވަޑޯ ފޮއްޗެއްގައި ހިމެނޭ ނިއުޓްރިޝަން މާއްދާތަކުގެތެރޭ، ކެލޮރީ، ޕްރޮޓީން، ފެޓް، ކާބޯހައިޑްރޭޓްސް، ފައިބަ، ސެލެނިއަމް، ފޯލޭޓް، ތަޔަމިން، ނިއަސިން އަދި އަޔަން ހިމެނެއެވެ.
ސަވަޑޯ ތައްޔާރު ކުރުމުގައި ބޭނުންކުރާ ފާމެންޓޭޝަން މަރުހަލާގެ ސަބަބުން އޭގެ ނިއުޓްރިޝަން ރަނގަޅުވެގެންދެއެވެ. ހޯލްގްރެއިން ޕާނުގައި ޕޮޓޭސިއަމް، މެގްނީޒިއަމް އަދި ޒިންކް ފަދަ މިނަރަލްތައް ހުރި ނަމަވެސް، ފައިޓިކް އެސިޑް ހުރުމުގެ ސަބަބުން މި މާއްދާތައް ހަށިގަނޑަށް ދަމައިގަތުމަށް ހުރަސްއެޅެއެވެ.
ސަވަޑޯގައި ހިމެނޭ ލެކްޓިކް އެސިޑް ބެކްޓީރިއާގެ ސަބަބުން މި ފައިޓިކް އެސިޑް ނިއުޓްރަލައިޒްވެ، ހަށިގަނޑަށް މިނަރަލްތައް ލިބުން ފަސޭހަވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ސަވަޑޯ ފާމެންޓޭޝަނުން ފައިޓިކް އެސިޑް 70 ޕަސެންޓަށް ވުރެ ބޮޑަށް މަދުކޮށްދެއެވެ.
ސަވަޑޯގައި ހިމެނޭ ބެކްޓީރިއާ އާއި ޔީސްޓުގެ ސަބަބުން ގޮވާމުގައި ހުންނަ "އެންޓި-ނިއުޓްރިއެންޓްސް" ނައްތާލައި، ހަޖަމުކުރުމުގެ ނިޒާމަށް ލުއިކޮށްދެއެވެ. މީގެ އިތުރުން، މި މަރުހަލާގައި އުފެދޭ "ޕްރީބަޔޮޓިކްސް"ގެ ސަބަބުން ބަނޑުގެ ސިއްހަތު ރަނގަޅުވެއެވެ. އަދި ފުށުގައި ހުންނަ ގްލޫޓެން ޕްރޮޓީންތައް ބަހާލައި ކުދިކޮށްދޭތީ، ގްލޫޓެންއަށް ނާޒުކު މީހުންނަށް ވެސް މީގެ ސަބަބުން ލުއިކަން ލިބެއެވެ.
އެހެންނަމަވެސް، ސީލިއެކް ބަލި ހުންނަ މީހުން ގޮދަން ނުވަތަ ބާލީ ހިމެނޭ ސަވަޑޯ ބޭނުން ކުރުމުން ދުރުހެލިވާންޖެހޭނެ ކަމަށް ނިއުޓްރިޝަނިސްޓް އެލީނާ އިރުޝާދު ދެއްވައެވެ.
ސަވަޑޯގެ ސަބަބުން ލޭގެ ހަކުރު މަތިވުން ކުޑަކޮށްދެއެވެ. މީގެ ސަބަބަކީ ފާމެންޓޭޝަންގެ ތެރޭގައި ކާބޯހައިޑްރޭޓްސްގެ އޮނިގަނޑަށް އަންނަ ބަދަލުތަކެވެ. މީގެ ސަބަބުން އޭގެ ގްލައިސީމިކް އިންޑެކްސް ދަށްވެ، ހަކުރު ލޭގެ ތެރެއަށް ދާ މިންވަރު ލަސްކޮށްދެއެވެ.
ސަވަޑޯ އަކީ އާދައިގެ ޕާނަށްވުރެ މާ ބޮޑަށް ވެސް ސިއްހަތަށް ފައިދާހުރި އެއްޗެކެވެ. މީގައި ނިއުޓްރިއެންޓްސް ގިނަވެފައި، ހަޖަމުކުރަން ފަސޭހަވެފައި، އަދި ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. ރަހައާއި ވަހަށް ބެލިޔަސް، މިއީ އާދައިގެ ޕާނަށްވުރެ ގިނަ ބަޔަކަށް ކަމުދާ ބާވަތެކެވެ.
އެންމެ ރަނގަޅު ފައިދާ ހޯދުމަށްޓަކައި، ހޯލްގްރެއިން (މުގުރި ގޮވާން) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސަވަޑޯ އިހްތިޔާރުކުރުން ބުއްދިވެރި ކަމަށް ނިއުޓްރިޝަނިސްޓް އެލީނާ އިރުޝާދު ދެއްވައެވެ.