ފިލްމު 'ދުރަންދަރު 2'ގެ ޓީޒާއިން އާ ކަންތައްތަކެއް ނުފެނި ސަޕޯޓަރުން މާޔޫސްކޮށްލައިފި

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކުގައި ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ދުރަންދަރު"ގެ ދެވަނަ ބައިގެ ޓީޒާ މިއަދު އާއްމު ކުރުމާ އެކު ޓީޒާއިން މާ ޝައުގުވެރި ކަންކަމެއް ނުފެނުނު ކަމަށް ގިނަ ބަޔަކު ބުނެފިއެވެ.

ފިލްމު "ދުރަންދަރު 2"ގެ އާ ޕޯސްޓަރެއް މިއަދު ހެނދުނުގެ ވަގުތެއްގައި އާއްމުންނަށް ދައްކާލީ ފިލްމުގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ގެނެސްދޭނެކަން އިއުލާނު ކުރަމުންނެވެ. އެހެންވެ ފުރަތަމަ ފިލްމުން ނުފެންނަ އާ މަންޒަރުތަކެއް ޓީޒާއިން ފެންނާނެ ކަމަށް ގިނަ ބަޔަކު އިންތިޒާރުކުރިއެވެ.

ނަމަވެސް "ދުރަންދަރު 2"ގެ ޓީޒާ އަކީ އެ ފިލްމުގެ މާކެޓިންގް ޓީމުން އެޅި ގޯސް ފިޔަވަޅެއް ކަމަށާއި ދެވަނަ ބައިގެ ޓީޒާއިން ބެލުންތެރިންގެ ޝައުގުވެރިކަން ހާސިލުނުކުރެވި އެ ޓީމު ފެއިލްވެއްޖެ ކަމަށް ބުނެ އެކްސްގައި ގިނަ ބަޔަކު ވަނީ ޚިޔާލުފާޅުކޮށްފައެވެ.

ފިލްމު "ދުރަންދަރު 2"ގެ މުޅިން އާ ވިޝުއަލްތަކެއް ފެންނާނެކަމަށް ބެލުންތެރިން އުއްމީދުކުރި ނަމަވެސް އަނެއްކާވެސް އެއް މަސްވަންދެން އެކަމަށް އިންތިޒާރުކުރުން ނޫންގޮތެއް ނެތް ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

ފިލްމު "ދުރަންދަރު"ގެ މަންޒަރެއްގައި ރަންވީރު އަދި ދާނިޝް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

"ދުރަންދަރު: ދަ ރިވެންޖް"ގެ ނަމުގައި ރިލީޒްކުރި ޓީޒާގައި ރަންވީރު ސިންގްގެ ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ދައްކައިލި ނަމަވެސް އެއީ ފުރަތަމަ ބައިން ވެސް ފެނުނު، ދާދި އެއްކަހަލަ މަންޒަރުތަކެއް ކަމަށް ބެލުންތެރިޔަކު ވަނީ ބުނެފައެވެ.

ޑައިރެކްޓަރު އަދިތިޔަ ދަރުގެ "ދުރަންދަރު 2"ގެ ޓީޒާ ބައެއް ބެލުންތެރިންނަށް ކަމުދިޔައިރު މި ފިލްމު ރިލީޒްކުރާ ތާރީޚުގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު "ޓޮކްސިކް" ރިލީޒްކުރުން އެހެން ދުވަހަކަށް ބަދަލުކުރަން ފެންނަ ކަމަށާއި އެހެން ނޫނީ މި ފިލްމުގެ ހިޔަނި ކަންނާޑާ އެކްޓަރު ޔަޝްގެ ފިލްމަށް އެޅުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ބެލުންތެރިޔަކު ބުނެފައިވެއެވެ.

އަދިތިޔަ ގެނެސްދިން ކާމިޔާބު ފިލްމު "އުރީ: ދަ ސަޖިކަލް ސްޓްރައިކް"ގެ ވަރަށް މަޝްހޫރު ޑައިލޮގްތައް "ދުރަންދަރު 2"ގައި ހިމަނާފައިވާތީ މި ފިލްމުން އަދިތިޔަގެ ކުޅަދާނަކަން ބެލުންތެރިންނަށް ދައްކާލާނެކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

މިހާތަނަށް ރިލީޒްކުރި އެންމެ ކާމިޔާބު ހިންދީ ފިލްމުގެ ލަގަބު ހޯދާފައިވާ "ދުރަންދަރު"އަށް ބޮކްސް އޮފީހުގައި 1،428 ކްރޯޑު ރުޕީސް (158.1 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ހޯދިފައިވާއިރު 52 މިލިއަން ޑޮލަރު ހޭދަކޮށްގެން އުފައްދާ ދެވަނަ ފިލްމަށް ވެސް މިފަދަ ކާމިޔާބީއެއް ލިބޭނެ ކަމަށް ސަޕޯޓަރުން ވަނީ ބުނެފައެވެ.

ފިލްމު "ދުރަންދަރު"ގެ މައިގަނޑު ކާސްޓުންގެތެރޭ ރަންވީރު ސިންގް، އަކްޝޭ ކަންނާ، ސަންޖޭ ދަތު، އާރް މާދަވަން އަދި އަރުޖުން ރާމްޕާލްގެ އިތުރުން ސާރާ އަރުޖުން ހިމެނެއެވެ. ނަމަވެސް ދެވަނަ ފިލްމުން އަކްޝޭ ކަންނާ ނުފެންނާތީ އެކަމާ މާޔޫސްވާ ކަމަށް ވެސް ބެލުންތެރިން ވަނީ ބުނެފައެވެ.

ދެވަނަ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ މި އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ. މި ބައި ހިންދީ ބަހުގެ އިތުރުން ތެލުގޫ، ތަމަޅަ، ކަންނާޑާ އަދި މަޅަޔާލަމް ބަހުން ރިލީޒްކުރަން ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް