އިންޑިއާގެ ރައްޔިތުންގެ ޕްރައިވަސީއަށް އުނިކަން ލިބޭގޮތަށް އަމަލުކުރާނަމަ އަދި ގައުމުގެ ގާނޫނުއަސާސީއަށް އިހުތިރާމް ނުކުރެވޭނަމަ، އިންޑިއާ ދޫކޮށް ދިއުމަށް ފޭސްބުކް އަދި ވަޓްސްއެޕްގެ މައި ކުންފުނި "މެޓާ" އަށް އިންޑިއާގެ ސުޕްރީމް ކޯޓުން ވަރުގަދަ އިންޒާރެއް ދީފިއެވެ.
އަންގާރަ ދުވަހު ބޭއްވި އަޑުއެހުމެއްގައި އުއްތަމަ ފަނޑިޔާރު ސޫރިޔާ ކާންތު އިސްކޮށް ހުންނެވި ބެންޗަކުން ވަނީ މެޓާ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ޕްރައިވަސީއާ ކުޅޭނަމަ އެކަން ބަލައެއް ނުގަނެވޭނެ. އަހަރެމެންގެ ރައްޔިތުންގެ ޑޭޓާގެ އެންމެ ފިއްޔެއްވެސް ހިއްސާކުރުމުގެ ފުރުސަތެއް ނުދޭނަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލައަކީ ވަޓްސްއެޕުން 2021 ވަނަ އަހަރު ގެނައި ޕްރައިވެސީ ސިޔާސަތާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ. އެ ސިޔާސަތުގެ ދަށުން ވަޓްސްއެޕްގެ ޔޫޒަރުންގެ މައުލޫމާތު އިޝްތިހާރު ކުރުމުގެ ބޭނުމަށް މެޓާގެ އެހެން ޕްލެޓްފޯމްތަކާ ހިއްސާކުރަން މަޖުބޫރު ކުރެއެވެ. މިކަމާ ގުޅިގެން އިންޑިއާގެ ކޮމްޕެޓިޝަން ކޮމިޝަން (ސީސީއައި) އިން ވަނީ ވަޓްސްއެޕް 213 ކްރޯޑް ރޫޕީސްއިން ޖޫރިމަނާކޮށްފައެވެ.
ކޯޓުން ވަނީ ވަޓްސްއެޕްގެ ޕްރައިވަސީ ސިޔާސަތު ލިޔެފައިވާ ގޮތާމެދުވެސް ސުވާލު އުފައްދާފައެވެ. "މި ސިޔާސަތުތަކަކީ އިންޑިއާގެ ފަގީރު، އާންމު ރައްޔިތުންނަށް ދޭހަވާނެ އެއްޗެއްތަ؟ މަގުމަތީގައި ވިޔަފާރިކުރާ މީހާއަށް ނުވަތަ ހަމައެކަނި ތަމަޅަ ބަހުން ވާހަކަދައްކާ މީހާއަށް މީގައި އޮތް އެއްޗެއް ފަހުމްވާނެތަ؟" ކޯޓުން ސުވާލު ކުރިއެވެ.
އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، ކިޔަވައިގެން ތިބި މީހުންނަށްވެސް މި ސިޔާސަތުތައް ދެނެގަންނަން އުނދަގޫވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ އަމިއްލަ މައުލޫމާތު "ވަގަށް ނެގުން" ފަދަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ، ޑޮކްޓަރަކަށް ބައްޔަކާ ގުޅޭގޮތުން ވަޓްސްއެޕުން މެސެޖެއް ފޮނުވާލާއިރަށް، އެ ބައްޔަކާ ގުޅޭ ބޭހުގެ އިޝްތިހާރުތައް ފޯނުން ފެންނަން ފަށާ ކަމަށެވެ.
މެޓާގެ ވަކީލުން ކޯޓުގައި ދިފާއުގައި ވިދާޅުވީ، ވަޓްސްއެޕްގެ ހުރިހާ މެސެޖުތަކަކީ "އެންޑް-ޓު-އެންޑް އެންކްރިޕްޓް" ކުރެވިފައިވާ މެސެޖުތަކެއް ކަމަށާއި، އެއްވެސް މެސެޖެއްގެ ކޮންޓެންޓް ކުންފުންޏަށް ނުފެންނާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ވަކީލުން ވަނީ މެޓާގެ މި ސިޔާސަތަކީ ރައްޔިތުންގެ ޑޭޓާ ވިޔަފާރީގެ ބޭނުމަށް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ބުނެފައެވެ.
މި މައްސަލައިގައި ކޯޓުން ވަނީ އިންޑިއާގެ ގާނޫނުތަކަށް ބޯނުލަނބާނަމަ، އެ ގައުމުގައި ވިޔަފާރި ކުރުމުގެ ފުރުސަތު ނޯންނާނެ ކަމުގެ އެންމެ ފަހުގެ އިންޒާރު މެޓާ ކުންފުންޏަށް ދީފައެވެ.