މެނުއަލްކޮށް ވެސް ކައުންސިލް އިންތިޚާބުގެ ފޯމު ބަލައިގަންނަން އެމްޑީޕީން ގޮވާލައިފި

އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަހީދު [ކ ދެވަނައަށް] ---- ފޮޓޯ/ އެމްޑީޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލާން ދީފައިވާ އޮތް މުއްދަތު ކުރު ކަމަށް އެމްޑީޕީން ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ވަހީދު ކުރެއްވި ޕޯސްޓެއްގައި ވަނީ، ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި އޮންލައިންކޮށް، އެޕްލައި ކުރުމަށް ގިނަ ދަތިތަކެއްދިމާވާ ކަމަށެވެ.

އެހެންވެ، 24 ގަޑިއިރު އޮންލައިން ކޮށް ފޯމު އެޕްލައި ކުރެވެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެޕްލައިކުރުމަށް ލިބިފައިވާ މުއްދަތު ކުޑަ ކަމަށް ވިދާޅުވެ، ވަހީދު ވަނީ މެނުއަލް ކޮށް ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ.

ވަހީދު އެ ފަދައިން ކަންބޮޑުވުން ފާޅުކުރެއްވިއިރު، މި ފަހުން ބޭއްވި އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޚާބަށް ކުރިމަތިލާން ދީފައި އޮތް މުއްދަތު ކުރުކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ އެ އިންތިޚާބުތަކުގައި ވާދަކުރުމަށް ހުޅުވާލީ، މި މަހު 17ގައެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހު އެއްވަނަ ދުވަހުގެ 15:30 އަށެވެ.

އީސީން ބުނި ގޮތުގައި، އިންތިޚާބަށް ކުރިމަތިލުމަށް މިހާރު އޮންލައިންކޮށް ފޯމު ހުށަހެޅެނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:39 އިން 15:30އަށެވެ. ހުކުރު ދުވަހު ފޯމު ހުށަހެޅެނީ، 15:30އިން 18:00އަށެވެ.

comment ކޮމެންޓް