ވޯޓުލެވޭ މީހުންގެ ލިސްޓަށް 779 ޝަކުވާ، ގިނައިން ހުށަހެޅީ އެޑްރެސް ބަދަލުކުރަން

އިންތިޚާބެއްގެ ވޯޓުގުނުން: އީސީން ބުނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް 600 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު އޮންނަ ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް 700 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން ބުނީ، މިއަދު މެންދުރު 12 ގެ ނިޔަލަށް ވޯޓުލެވޭ މީހުންގެ ލިސްޓަށް 639 މީހަކު ޝަކުވާ ހުށަހެޅި ކަމަށެވެ. މިއަދު މެންދުރުފަހު ތިނެއް ޖަހަންދެން ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލާފައި އޮތެވެ.

'ސަން'އިން ސުވާލުކުރުމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު މިއަދު ވިދާޅުވީ، ސުންގަޑި ހަމަވިއިރު 779 ޝަކުވާއެއް ލިސްޓަށް ހުށަހަޅާފައި އޮތް ކަމަށެވެ.

ލިސްޓަށް މައިގަނޑު ގޮތެއްގައި ހުށަހެޅީ ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމަށާއި، ރަށްވެހިކަން ބަދަލުވެފައިވާތީ އާއި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަންތައް އުނިކުރުމަށް ކަމަށް، ޞަލާޙް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ އާންމުން ހުށަހަޅާފައިވާ ޝަކުވާތަކަށް ޖަވާބުދިނުމުގެ މަރުހަލާއެވެ.

ކޮމިޝަނުން ބުނި ގޮތުގައި، 1414 އަށް މެސެޖުކޮށްގެން، ރަޖިސްޓްރީގައިވާ މައުލޫމާތު އާންމުންނަށް ބެލޭނެއެވެ.

ފާހަގަކުރެވޭ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ، އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފައެވެ. އެ މުއްދަތު ހަމަވާނީ ދެ ހަފުތާ ފަހުން އަންނަ މަހުގެ ފުރަތަމަ ދުވަހުގެ މެންދުރުފަހު 3:30 އަށެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުންނާއި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބުކުރާނެއެވެ. ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރަން ގާނޫނުއަސާސީއަށް މި ފަހުން ގެނައި އިސްލާހާ އެކު 132 ރަށެއްގައި އިންތިޚާބުކުރާނީ ކައުންސިލް ރައީސާއި އަންހެނުންނަށް ޚާއްސަ މެންބަރު ހިމެނޭހެން ޖުމުލަ ތިން ކައުންސިލަރުންނެވެ. އަދި، ކައުންސިލް ރައީސާއި ދެ އަންހެން މެންބަރުން ހިމެނޭހެން ފަސް ކައުންސިލަރުން 46 ރަށަކަށް އިންތިޚާބުކުރާނެއެވެ.

ކައުންސިލު އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ވެރިކަންކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ ބާއްވައި، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް