މިއަދު ހެނދުނު ބަންޑުން ޖަހާލި ދޯނިން ގެއްލިގެން ހޯދަމުން އައި އެކަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ދެންމެ ބުނެފިއެވެ.
އެ ހާދިސާ ރިޕޯޓުކުރީ މިއަދު ހެނދުނު 7:27 އެހާކަންހާއިރެވެ.
އެމްއެންޑީއެފުން ބުނީ، ދެ މީހަކު ގެއްލިގެން ހޯދަނީ، "ބަލްމާ ހައެއް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލައިގެން ކަމަށެވެ.
ހަތަރު މީހުން ދަތުރުކުރި އެ ބޯޓުން ދެ މީހަކު، އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަނެއް ދެ މީހުންނެއް ނުފެނެއެވެ. އެއީ، ދިވެއްސަކާއި ބިދޭސީއެކެވެ. އެ މީހުން ހޯދަން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން އޭގެ ފަހުން ބުނީ، ދޯނިން ގެއްލުނު ދެ މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު، ތާޖް އެގްޒޯޓިކާ ރިސޯޓުގެ ފަޅުތެރެއިން ފެނުމުން، ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި، ދެވަނަ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް ސިފައިން ބުންޏެވެ.
ސިފައިން ބުނި ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދި ދިވެހި މީހާއެވެ. ބިދޭސީ މީހާ އަދި ނުފެނެއެވެ.
ހާދިސާއާ ގުޅޭ އެހާ ގިނަ ތަފުސީލުތަކެއް ފުލުހުންނާއި ސިފައިން މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.
މީގެ ކުރިން، ވެސް ކޮޅުވެއްޓި ބަންޑުން ޖަހާލައި، މީހުން ގެއްލިފައި އެބަހުއްޓެވެ. އަދި، މީހުންގެ ފުރާނަ ވެސް ގެއްލިފައިވެއެވެ.