ދިވެހި ސިފައިންނާ ގުޅިގެން ތަމްރީނެއް ހެދުމަށް ރާއްޖެ އައި އިންޑިއާ މަނަވަރެއް މާލެ ކައިރި ފަރަކަށް މިއަދު އަރައިފިއެވެ.
މަންޒަރު ދުށް މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި, މާލެ އަތޮޅުގައި ދެ ރިސޯޓެއް ހިންގާ ހުދުވެލި ފަރަށް އަރާފައިވަނީ, އިންޑިއާގެ ކޯސްޓްގާޑް "ވަޖްރާ" އެވެ.
އޭނާ ކިޔައިދިން ގޮތުގައި އެ މަނަވަރު ވަނީ ވަރަށް ބޮޑަށް އެ ފަރަށް އަރައިފައެވެ.
އެއީ ކުރީގެ ޕެެރަޑައިސް އައިލެންޑް ރިސޯޓް, މިހާރުގެ ވިލާ ނައުޓިކާ އާއި ގިލިލަންކަންފުށި ރިސޯޓް އޮންނަ ފަޅެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްއާ ސުވާލު ކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސަސައިޒް ދޯސްތީ ގައި ބައިވެރިވުމަށް މިއަދު ރާއްޖެ އައި އިންޑިއާގެ މަނަވަރު އައިސީޖީއެސް ވަޖްރާ މިހާރު ވަނީ ފުންކޮށްފައި ކަމަށެވެ.

އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައެވެ.
އެމްއެންޑީއެފްއިން މިއަދު ހެނދުނު ވަނީ އެކްސަސައިޒަކަށް އިންޑިއާގެ ދެ މަނަވަރާއި ޑޯނިއާ ފްލައިޓެއްގެ އިތުރުން, ސްރީ ލަންކާގެ މަނަވަރެއް ރާއްޖެ އައިސްފައިވާ ކަމަށް ބުނެފައެވެ. މިއީ ކޮންމެ އަހަރަކު ވެސް ތިން ގައުމު ގުޅިގެން ބާއްވާ ތަމްރީނު ތަކެކެވެ.