އެއިން އެތައް މާނަތަކެއް ކުރެވެއެވެ. އެތައް އިހުސާސްތަކެއް ގެނުވައެވެ. އިންސާނާގެ އެންމެ ހިމަ ނާރާ ކުޅެލައެވެ. ޖަޒުބާތުތައް 'ކެކި' އުތުރި އަރައެވެ. އެ އިހުސާސްތަކާއި ޖަޒުބާތުތަކުން އިންސާނާއަށް ކުރުވާ އިހުސާސްތައް ފުންވެފައި، ގިނައެވެ. އެއިން އުފައްދައިދެނީ އިޖުތިމާއީ މައްސަލަތަކުގެ އިހުސާސްތަކެވެ. އިސްލާމް ދީނަށް ބޯލެނބުމުގެ މުހިންމުކަމުގެ ހޭލުންތެރިކަމެވެ. ކިޔައިދެނީ އަޚްލާޤީ ރީތި ފިލާވަޅުތަކެވެ. ދުނިޔެވީ ދަރުސްތަކެވެ. ފަލްސަފާވެރި ހިކުމަތްތެރި ވިސްނުންތަކެވެ. އެއީ, ޅެންވެރިކަމެވެ. ނުވަތަ އަދަބިއްޔާތުގެ ހިތެވެ.
ޅެންވެރިންގެ ދުވަސް ފާހަގަކުރަނީ ކީއްވެ؟
މިއަދަކީ ޅެންވެރީންގެ ދުވަހެވެ. އެހެން ގޮތަށް ބުނާނަމަ، ދިވެހި ޅެންވެރީންގެ ދުވަހެވެ. ދިވެހި ބަހާއި އަދަބިއްޔާތަށް ލޯބިކުރާ އެންމެން ޅެންވެރީންގެ ދުވަސް ފާހަގަކުރަމުން މި ދަނީ އުފަލާއެކުއެވެ. ދިވެހި ރާއްޖޭގައި ޅެންވެރީންގެ ދުވަހެއް ފާހަގަކުރަން ފެށި ފަހުން މިއަދަށް 36 އަހަރު ވީއެވެ. ނަމަވެސް، ދިވެހި ޅެންވެރިކަމުގެ ތާރީޚު އެއަށް ވުރެ މާ ދޮށްޓެވެ. ދިވެހި އަދަބިއްޔާތުގެ ވަރަށް ދިގު ތާރީޚަކާއި ވަރަށް ފުރިހަމަ އަގުހުރި މާޒީއެއް ފެންނާން އެބައޮތެވެ.
ރާއްޖޭގައި ގައުމީ ފެންވަރެއްގައި ޅެންވެރީންގެ ދުވަސް ފާހަގަކުރާން ސަރުކާރުން ނިންމެވީ، ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލްއުސްތާޒު އަލްމަރުޙޫމް އިބްރާހިމް ޝިހާބު އަވަހާރަވުމާ ގުޅިގެންނެވެ. އެއީ 1988ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހެވެ. އެއާ ވިދިގެން އައި 1989ވަނަ އަހަރުގެ ޖަނަވަރީ 15އިން ފެށިގެން ކޮންމެ އަހަރަކު ވެސް ދިވެހިރާއްޖޭގައި ޅެންވެރީންގެ ދުވަސް ފާހަގަކުރެއެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ރައީސްކަން ކުރެއްވި، އަޝްރަފް އަލީއާއި ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވަނީ، މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި އެސްއެސްޓީވީން ގެނެސްދިން ޚާއްސަ ޕްރޮގުރާމުގައި، ޅެންވެރިކަމަކީ ކޮބައިކަމާއި އެއީ ކިހިނެއް ކުރެވޭ މަސައްކަތްތަކެއްކަން ކިޔައިދެއްވާފައެވެ. އެގޮތުން، މޮޅު ޅެންތަކުގެ ސިފަތަކާއި އޭގެ އުސްލޫބު ހުންނާނޭ ގޮތްތައް، ދިވެހި ޅެންތަކުން މިސާލު ދައްކަވައި، އޮޅުން ފިލުއްވައިދެއްވިއެވެ.
މޮޅު ޅެންތަކުން އެތައް މާނައެއް ކުރެވޭނެ ކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ. އެ މާނަތައް ކުރެވޭ ސަބަބާއި ގޮތްތައް އޮޅުން ފިލުވައިދެއްވީ، މިސާލު ދައްކަވައިގެނެވެ.
ދިވެހި ވެށްޓާއި ދިވެހި ސަގާފަތާ ގުޅުވައި މޮޅު ޅެންވެރީން ޅެން ހައްދަވައިފައި ހުންނަ ގޮތުގެ ދިވެހި ޅެމުގެ މިސާލުތައް ހުށަހަޅުއްވައި ދެއްވިއެވެ. ޅެންވެރިކަމާއި އަދަބިއްޔާތަށް ޚިދުމަތް ކުރައްވާ ބޭފުޅުން އެ ކަންކަން ކުރައްވަނީ، އިލްމާއި ތަޖުރިބާގެ އަލީގައި ދެ ބޭފުޅުން ހާމަކުރެއްވިއެވެ.

ދިވެހި ބައެއް ޅެން ފޮތްތައް-- ފޮޓޯ: ޅެންވެރިޔާ
ޅެންވެރިކަން ކުރާނީ ކިހިނެއް؟
ޅެންވެރިކަމަކީ، ވަރަށް ރީތި ހަމަތަކަކާއި ވަކި މިންގަނޑުތަކެއްގެ މައްޗަށް ބިނާކޮށް ވަކި އުސްލޫބަކުން ކުރެވޭކަމެކެވެ. އެކަން ކުރަނީ، ޅެމުގެ މައުޟޫޢެއް ކަނޑައެޅުމަށް ފަހު، އެ މައުޟޫޢާ ގުޅުން ހުރި އިލްމީ ވާހަކަތައް ދިވެހި ބަސްކޮށާރާއި ދިވެހި ސަގާފަތާއި ދިވެހި ދިރިއުޅުމާ ގުޅުވައި، ވަޒަނަށް ފައްތައިގެނެވެ.
ހަމައެކަނި ފިލިކޯޅިއާއި ކާފިއާ އާއި ވަޒަންތައް ހަމައިގައި ހުއްޓަސް، ޅެމާ ގުޅޭ ބަސްކޮށާރާއި ފުން މާނައެއް ނެތްނަމަ، ޅެމުގެ ފެންވަރު ދަށްވާ ކަމަށް ދެ އަޝްރަފު ވެސް ވިދާޅުވިއެވެ.
ދިވެހިބަހުގެ އެކެޑަމީގެ ރައީސްކަން 10 އަހަރު ދުވަހު ކުރައްވައި، ދިވެހި ޅެންވެރިކަމުގައި ފާހަގަކޮށްލެވޭ އެތައް ޅެމެއް ހައްދަވައިފައިވާ އަޝްރަފް ޢަލީ ވިދާޅުވި ގޮތުގައި، ޅެމެއް ފުރިހަމަ ވާނީ، ހަތަރު އަސާސެއްގެ މައްޗަށެވެ. ނުވަތަ ޅެމުގެ އުސްލޫބެއް ބިނާވާނީ ހަތަރު ކަމެއްގެ މައްޗަށެވެ. އެއީ، ޅެމަށް އިޚުތިޔާރުކުރާ ލަފުޒުތަކާއި އެ ލަފުޒުތައް ޅެމުގެ ވަޒަނަށް ގަތާގެތުމާއި ބަހުގެ ގަވައިދަށާއި ހަމައާ އެއްގޮތަށް ބޭނުންކުރެއްވުމުގެ އިތުރަށް އެ ލަފުޒުތަކުން އުފަންކުރުވާ މާނައެވެ. މޮޅު ޅެންތަކުގައި މި ހަތަރު އުސޫލު ވަރަށް ފުރިހަމައަށް ގެނެވިފައި ހުންނަ ކަމަށާއި އެކަމުން އިންސާނާގެ ހިތަށް އަސަރުކުރުވާ ކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ.
އެ ކަންކަމަށް ސަމާލުކަން ދެއްވައިގެން ޅެން ހެއްދެވީމާ، ޅެމަށް އަންނަ ފަށުވިކަމާއި ޅެމުގެ ރީތިކަން ލޮލަށް ފެނި ހިތަށް ވެސް އިހުސާސްވާނެއެވެ. ލަފުޒުތައް ގެތިގެން އަންނާނީ ވަކި ރާގަކަށް ވަކި ތާލަކަށެވެ. ބުގިސްވެ، ގަތައިލެވޭނީ ރީތި ހާރެއްހެނެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ކަން ދިހަ އަހަރު ވަންދެން ކުރެއްވި އަޝްރަފް އަލީ --- ސަން ފޮޓޯ/ މޫސާ ނަދީމް
އެ ފަދަ ޅެމެއްގެ މިސާލެއް ޑރ. އަޝްރަފް ދެއްކެވީ، މަޝްހޫރު ޅެންވެރިޔާ އަލްއުސްތާޒު އަލްމަރުޙޫމް މުޙައްމަދު ޖަމީލްދީދީގެ ޅެން ބައިތަކުންނެވެ.
"ހާމަވީ ރީތި މަންޒަރުތަކޭ ނެތިދަނީ، މާމަލުން އޭގެ ތާޒާ ކަމޭ ގެއްލެނީ
ދާމަގުން ދުނިޔެ ހިނގަމުން މިހިރަ ގެންދަނީ، އާ މަގެއްގައި ހިނގޭކަށް ނެތޭ އަންގަނީ"
މި ޅެންބައިތުގައި މުލަ އަކުރާއި ބަނޑުވައް އަކުރާއި ފިލިކޯޅި އެތުރިފައިވާ ގޮތުގެ ރީތިކަމުގެ މައްޗަށް ޑރ އަޝްރަފު ތަޢުރީފުކުރެއްވިއެވެ. ލަފުޒުތައް ގެތިފައިވާ ގޮތުގެ ނަމޫނާކަން ފާހަގަކުރެއްވިއެވެ.
އެއާއެކު، ދިވެހި ޅެންވެރިކަމުގެ އެންމެ ޚާއްސަ އެއް ސިފަކަމަށްވާ، ބަނޑުވައް އަކުރު އެއްގޮތް ކުރުމަކީ ބޭރު ޅެންވެރިކަމުން ނުފެންނަ، ދިވެހި ޅެންވަރިކަމަށް ޚާއްސަ ސިފައެއްކަމަށް ވެސް ޑރ. އަޝްރަފް ވިދާޅުވިއެވެ. އެކަމަށް އަޝްރަފް އަލީ ވެސް އެއްބަސްވެޑައިގެންނެވިއެވެ. އަދި، މިއީ ދިވެހި ޅެންވެރިކަމުގެ ލާމަސީލު ރީތި ތަފާތު ސިފައެއް ކަމަށް ދެ ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގަތެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ކުރީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް[މ] ބައެއް ޅެންވެރިންނާ އެކީ ޖަލްސާއެއް ގައި ބައިވެރިވެވަޑައިގަންނަވަނީ -- ސަން ފޮޓޯ: މޫސާ ނަދީމް
ދިވެހި ޅެންވެރިކަމުގެ މޮޅު ޅެންތަކުގައި ބަނޑުވައް އަކުރު އެއްގޮތް ކުރެއްވުމަށް ޅެންވެރިން މަސައްކަތަކުރައްވާ ކަމަށާއި އެކަން އެ ގޮތަށް ކުރައްވަނީ ވެސް ވަކި ހަމަތަކެއްގެ މަތީން ކަމަށް ވިދާޅުވިއެވެ. އޭގެ މިސާލެއް ދައްކަވަމުން ޑރ އަޝްރަފް ވިދާޅުވީ އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީންގެ އެންމެމަޝްހޫރު އެއް ޅެންކަމުގައިވާ "އަލްއަދަބު" މި ޅެމުގެ ޅެން ބައިތެކެވެ.
"އަދަބުވެރިކަން ނެތުނު މީހާ ދެ ދުނިޔޭން ގެއްލި ނިމިދާނޭ
މަދަރުވެރިކަން ނެތީވިއްޔާ ގަދަރު ނެތިގެން ހިނގައިދާނޭ"
މި ބައިތަކީ، އެކި މީހުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައި އޮތް ބައިތެކެވެ. އެގޮތުން، ޅެން ބައިތުގައި 'މަދަރު'ގެ ބަދަލުގައި އޮންނަންވާނީ، 'މަދަދު' ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮންނަ ކަމަށާއި އެހެނަސް އެއީ ކުށް ހީއެއްކަމަށް ޑރ. އަޝްރަފު ވިދާޅުވިއެވެ. އެ ތަނުގައި "މަދަރު" ލިޔުއްވައިފައި އެ ވަނީ، ބަނޑުވައް އަކުރު އެއްގޮތް ކުރުމަށް ކަމަށާއި އަސްލު ލަފުޒަކީ "ދަރުމަ" ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ. އަދި، މަދަރުގެ މާނައިގެ ވަރަށް ބޮޑު ތަފާތެއް ހުންނަކަމަށް ވިދާޅުވެ އޭގެ ތަފުސީލުތައް ޑރ. އަޝްރަފު ވިދާޅުވިއެވެ.
އެ ކަމަށް އަޝްރަފް އަލީ ވެސް އަލިއަޅުވާލެއްވިއެވެ.
"އެއީ، ޞަލާހުއްދީން އެ ބައިތުގައި ދެވަނަ ފިއްޔާއި އަކުރަކަށް 'ދ' ގެންނަން ވެގެން ކުރައްވާފައި އޮތް ޅެމުގެ ސައިންސުގެ މަސައްކަތެއް. ލަފުޒު އޮޅުވަނީ، އަކުރު އޮޅުވަނީ ސަބަބަކަށްޓަކައި ކަމަށް އެއިން މި އެގެނީ"
މި ޕްރޮގުރާމުގައި ދެ ބޭފުޅުން ދިވެހި އެތައް ޅެންތަކަކުން މިސާލު ނެންގެވިއެވެ. ޅެންވެރިކަމުގައި ދިވެހީންނަށް އޮޅިފައި ހުރި އެތައް ކަމެއް އޮޅުން ފިލުއްވައިދެއްވިއެވެ. މޮޅު ޅެންތަކުގެ މާނަ ފުންކަމާއި ފުރިހަމަކަން ސާފުކޮށް ދެއްވެވިއެވެ. އަދި، މި ހުނަރުން ދިވެހި އަދަބަށް ޚިދުމަތް ކޮށްދެއްވި އެތައް ޅެންވެރީންގެ ހަނދާންތައް ދެ ބޭފުޅުން ވެސް އާކުރެއްވިއެވެ. ދިވެހި ޅެންވެރިކަމުގެ މޮޅުކަމާއި ރީތިކަން ސާބިތުކޮށް ދެއްވިއެވެ. ދިވެހި ޅެންވެރިކަމުގައި "ފެންވަރު" އެބަހުއްޓެވެ. އެ ކަން ދެ އަޝްރަފުގެ ވާހަކަފުޅުން ކަށަވަރު ވިއެވެ.