ޕާކިސްތާނުގައި އުފައްދާ ޖޭ-އެފް 17 ތަންޑަ މަރުކާގެ ފައިޓާޖެޓް ދުނިޔޭގައި ވިދާލައިިފި

ޕާކިސްތާނުގައި އުފައްދާ ފައިޓާޖެޓް

އިސްލާމް އާބާދު (14 ޖަނަވަރީ 2026) : ޕާކިސްތާނުގައި އުފައްދާ ޖޭ-އެފް 17 ތަންޑަ މަރުކާގެ ފައިޓާޖެޓް، ދުނިޔޭގެ ބޮޑެތި ބާރުތަކުންގެ ގެންގުޅޭ ފައިޓާޖެޓް ޓެކްނޮލޮޖީގެ މޮނޮޕޮލީ ފުނޑާލުމަށްފަހު ދުނިޔޭގެ އެންމެ ގާބިލް އެއް މަރުކާގެ ގޮތުގައި ތައާރަފް ވެގެން ހިނގައްޖެކަމަށް ލަންޑަންގައި ނެރޭ ޓެލްގްރާފް ނޫހުން ބުނެފިއެވެ.

މި ނޫހުގައި ޝާއިއުކޮށްފައިވާ ކަމާބެހޭ ރިޕޯޓެއް ބުނާގޮތުން މި ފައިޓާޖެޓްގެ ސަބަބުން ޕާކިސްތާނުގެ އަސްކަރީ ޓެކްނޮލޮޖީ ވަނީ މިހާރު ދުނިޔޭގެ އެންމެ އެޑްވާންސް ޓެކްނޮލޮޖީގެ ލިސްޓުން ޖާގަ ހޯދާފައެވެ. މިއީ ހަތަރު ވަނަ ޖީލުގެ ޓެކްނޮލޮޖީގެ ޖެޓެކެވެ.

ގިނަ ގައުމުތަކުން އެންމެ ގަންނަން ބޭނުންވާ އެއް ފައިޓާ ޖެޓަކީ މިހާރު ޕާކިސްތާނުގައި އުފައްދާ ޖޭ-އެފް 17 ތަންޑާ މަރުކާގެ ފައިޓާޖެޓެވެ. މިޖެޓް ގަތުމަށް ގިނަ ގައުމުތަކުން ޝައުގުވެރިވާ އެންމެ މުހިއްމު ސަބަބަކީ މީގައި ހިމެނޭ ޓެކްނޮލޮޖީ އާ އަޅާ ބަލާއިރު މިޖެޓްގެ އަގު ބޮޑުތަނުން ހެޔޮވުމެވެ.

ހުޅަނގުގައި އުފައްދާ މި ފެންވަރުގެ ޖެޓްތައް މިއަށްވުރެ 90 އިންސައްތަ އަގުބޮޑުކަމަށްވެއެވެ.

ޕާކިސްތާނުގައި އުފައްދާ ޖޭއެފް 17 ތަންޑާ ފައިޓާޖެޓް

ޖޭ-އެފް 17 ތަންޑާ ފައިޓާޖެޓަކީ ޗައިނާގެ ފަންނީ އަދި ޓެކްނޮލޮޖީގެ އެހީއާއެކު ޕާކިސްތާނުގައި އުފައްދާ ޖެޓެކެވެ. މި ޖެޓްގެ އިންޖީނާ އޭގެ ބޮޑީ އާއި އޭގައިވާ އިލެކްޓްރޯނިކް އޮޕަރޭޝަން ސިސްޓަމް ވެސް މިހާރު އުފައްދަނީ މުޅިން ޕާކިސްތާނުގައެވެ. މިހާރު މި ހުރިހާ އެއްޗެއް އުފައްދަނީ ޗައިނާއިން ތަމްރީން ހޯދާފައިވާ ޕާކިސްތާނުގެ އިންޖިނޭރުންނާއި ޓެކްނިޝިއަނުންނެވެ.

މިޖެޓްގެ ހުރިހާ ބައިތައް އުފައްދާ ކާރުޚާނާތައްވެސް ޗައިނާ މިހާރުވަނީ ޕާކިސްތާނުގައި ބިނާކޮށްދީފައެވެ. ޗައިނާއާ ނުލައި ޕާކިސްތާނަށް އުފެއްދޭ މިންވަރަށެވެ. އެހެންކަމުން މި ޖެޓް އުފެއްދުމުގެ ސިނާއަތުގައި މިދިޔަ އަހަރު ޕާކިސްތާން ވަނީ އަމިއްލަ ފައިމައްޗަށް ތެދުވެފައެވެ.

ޕާކިސްތާނުގައި އުފައްދާ ޖޭ-އެފް 17 ތަންޑާ ޖެޓަކީ އިންޑިއާގައި އުފައްދާ އެޗްއޭއެލް ޓެޖަސް ފައިޓާ ޖެޓަށްވުރެ މާ ގާބިލް ޖެޓެއްކަމަށް މި ރިޕޯޓް ބުނެއެވެ. އިންޑިއާއިން އެޗްއޭއެލް ޓެޖަސް ފުރަތަމަ އުފެއްދީ ރަޝިއާގެ ފަންނީ އެހީގައެވެ. ނަމަވެސް މިހާރު މިޖެޓް އުފެއްދުމުގައި އިންޑިއާ ވެސް ވަނީ އަމިއްލަ ފައިމައްޗަށް ތެދުވެފައެވެ.

ޓެލްގްރާފް ނޫހުގައިވާ ރިޕޯޓް ބުނާގޮތުން ޕާކިސްތާނުގައި އުފައްދާ ޖޭ-އެފް 17 ތަންޑާ ޖެޓްގެ ގާބިލްކަން ފެނިފައިވަނީ 2019 އާއި 2025 ވަނަ އަހަރާ ދެމެދު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ބަދަލުކުރި ވައިގެ ހަމަލާތަކުގައި މިޖެޓް ހޯދި ކާމިޔާބީ ތަކާ ގުޅިގެންނެވެ.

ޓެލެގްރާފު ބުނާގޮތުން ޕާކިސްތާނުގެ ޖެޓް ދުނިޔޭގެ ބާޒާރުގައި ވިދައިގެން ދިޔަ އަނެއް ސަބަބަކީ ސައޫދީ އަރަބިއާ އިން އޭގެ ގިނަ އަދަދެއްގެ ޖެޓް ގަތުމަށް އޯޑަރު ދިނުމުންނެވެ. އެއަށްފަހު އިންޑޮނީޝިއާ، ސެނެގޯލް، ބަންގްލަދޭޝް، އިރާގު އަދި ލީބިއާއިން ވަނީ މީގެ ޖެޓްތައް ގަތުމަށް ޕާކިސްތާނަށް އޯޑަރު ދީފައެވެ.

މި އޯޑަރުތަކުން އެތައް ބިލިޔަން ޑޮލަރެއް ކުރިޔަށްއޮތް ދެ އަހަރު ތެރޭގައި ޕާކިސްތާނަށް ލިބޭނެކަން ޔަގީންވާތީ އައިއެމްއެފް އިން މިއަހަރު ނަގަން އޮތް ތިން ބިލިޔަން ޑޮލަރުގެ ލޯން ކެންސަލް ކުރަން ޕާކިސްތާނުން މިހާރު އައިއެމްއެފްއަށް އަންގާފައިވާ ކަމަށްވެސް ޓެލްގްރާފް ބުނެއެވެ.

އިސްލާމީ އެހެން ދެ ގައުމު ކަަމަށްވާ އީރާން އާއި ތުރުކީ އެކޭ އެއްގޮތަށް ޕާކިސްތާން ވެސް ގެންދަނީ އަމިއްލަ ޓެކްނޮލޮޖީގައި ބިޔަ އަދި ޒަމާނީ އަސްކަރީ އިންޑަސްޓްރީ އެއް ބިނާކުރަމުންނެވެ.

comment ކޮމެންޓް