ޗައިނާއިން ކުރިއަށްގެންދާ ޖައްވީ ޕްރޮގްރާމްގެ ދަށުން، އެ ގައުމުގެ ޖައްވީ ސްޓޭޝަނަށް ދަތުރުކުރާ ފުރަތަމަ ބޭރު ގައުމުގެ އެސްޓްރޮނޮޓަކަށް ޕާކިސްތާނުގެ ރައްޔިތަކު ހޮވައިފި ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.
ޗައިނާގެ މޭންޑް ސްޕޭސް އޭޖެންސީން މިކަން ހާމަކޮށްފައިވަނީ، ކުރިއަށް އޮތް 'ޝެންޒޯ-24' މިޝަނުގައި "ޕޭލޯޑް ސްޕެޝަލިސްޓެއް"ގެ ގޮތުގައި ބައިވެރިވުމަށް ޕާކިސްތާނުގެ އެސްޓްރޮނޮޓަކު ހޮވުމަށް ފަހުގައެވެ. ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ހޮނިހިރު ދުވަހު ބުނެފައިވާ ގޮތުގައި، މިއީ ބެއިޖިންގްގެ 'ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް' ގެ ދަށުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
މި މިޝަނުގައި ބައިވެރިވާ އެސްޓްރޮނޮޓުގެ ވަނަވަރާއި، ދަތުރު ފަށާނެ ސީދާ ތާރީޚެއް ޗައިނާއިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިއަހަރުގެ ނިޔަލަށް މި ދަތުރު ފެށޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. މި ދަތުރަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނުގެ ދެ ޕައިލެޓުން ކަމަށްވާ ޒީޝާން އަލީ އަދި ޚުރްރަމް ދާއޫދު ވަނީ ބެއިޖިންގްގައި ހުންނަ ޗައިނާގެ އެސްޓްރޮނޮޓް ރިސާޗް އެންޑް ޓްރެއިނިން ސެންޓަރުގައި އެތައް މަހެއް ވަންދެން ތަމްރީނުތައް ފުރިހަމަކޮށްފައެވެ. މި ތަމްރީނުތަކުގެ ތެރޭގައި އަމަލީ ތަމްރީނުތަކުގެ އިތުރުން ޗައިނީޒް ބަސް ދަސްކުރުމުގެ ޚާއްޞަ ކޯސްތައް ހިމެނެއެވެ.
ޒަމާންވީ ސްޓްރެޓީޖިކް ގުޅުމެއް އޮންނަ ޗައިނާ އަދި ޕާކިސްތާނުން މިދިޔަ ފެބްރުއަރީ މަހު ވަނީ، ޕާކިސްތާނުގެ އެސްޓްރޮނޮޓުން ތަމްރީނު ކުރުމަށްޓަކައި ޗައިނާގެ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ޗައިނާއަކީ ޕާކިސްތާނުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާގެ އިތުރުން މުހިންމު ބޭރުގެ އިންވެސްޓަރެކެވެ.
މީގެއިތުރުން، ޕާކިސްތާނުގެ ފުރަތަމަ ލޫނާ ރޯވާ "ޖިނާހު-1" ހަނދަށް ފޮނުވުމަށްވެސް ޗައިނާގެ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުން ދަނީ އެހީތެރިވަމުންނެވެ. 35 ކިލޯގްރާމްގެ މި ރޯވަރުގެ ބޭނުމަކީ ހަނދުގެ ޕްލާޒްމާ ބިހޭވިއާ، ރޭޑިއޭޝަން އަދި ފަސްގަނޑު ދިރާސާކުރުމެވެ.
ޗައިނާގެ ސީސީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖައްވީ ސްޓޭޝަނުގައި ކުރު މުއްދަތެއް ހޭދަކުރުމަށްފަހު، މި އެސްޓްރޮނޮޓުން އެނބުރި ބިމަށް އަންނާނީ 'ޝެންޒޯ-23' ޖައްވީ އުޅަނދުގައެވެ.
ފަހަކަށް އައިސް ޗައިނާއިން ވަނީ އެމެރިކާއާ ވާދަވެރިވާ މިންވަރަށް ޖައްވީ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. ޗައިނާގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު އިންސާނުން ހަނދަށް ފޮނުވުމެވެ. މީގެއިތުރުން، ހަނދުގެ ފިނިގަނޑުތަކުގެ އަޑީގައި ގަނޑުވެފައިވާ ފެން ނެގުމަށާއި، ބޭސްތަކަށް ކަރަންޓު ދިނުމަށް ޓަކައި، ހަނދުގައި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާ، ރަޝިޔާ އަދި ޗައިނާގެ މެދުގައި ބޮޑު ވާދަވެރިކަމެއް ދަނީ ހިނގަމުންނެވެ. އެމެރިކާގެ ނާސާއިން 2030 ގެ ނިޔަލަށް ހަނދުގައި ރިއެކްޓަރެއް ބެހެއްޓުމަށް މަސައްކަތް ކުރަމުންދާއިރު، ރަޝިޔާއިން ޗައިނާއާ ގުޅިގެން މަސައްކަތް ކުރަމުންދަނީ 2036 ވަނަ އަހަރާ ހަމައަށް އެކަން ކާމިޔާބު ކުރުމަށެވެ.