މަޝްހޫރު ވިޔަފާރިވެރިވާ މުޙައްމަދު މޫސާ (އުއްޗު)ގެ ކުންފުނި ކަމަށްވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ހުރިހާ މުވައްޒަފުންނަށް ވެސް ޑޮލަރުން މުސާރަދޭން އެ ކުންފުނިން ފަށައިފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަސްވީ، ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ދަށުން ޖުމްލަ ތިން ހާހަށްވުރެ ގިނަ މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭ އެ ކުންފުނިން ހިންގާ ރިސޯޓުތަކުގައި ވެސް ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ހިއްސާކުރެއެވެ.
ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި ވެސް އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި ސާވިސް ޗާޖު ދެމުން އަންނަނީ ސީދާ ޑޮލަރުންނެވެ. ފަތުރުވެރިން އެންމެ ގިނައިން އަންނަ ދުވަސްވަރު، ރިސޯޓު މަސައްކަތްތެރިންނަށް ވަރަށް ބޮޑެތި ސާވިސް ޗާޖު ދޭ ރިސޯޓުތައް ވެސް އެބަހުއްޓެވެ.
ނަމަވެސް ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ރިސޯޓުތަކުގައި މި ނިންމުމާ ޖެހެންދެން ވެސް މުސާރަ ދެމުން އައީ ދިވެހި ރުފިޔާއިންނެވެ.
އެނގިފައިވާ ގޮތުގައި އެ ކުންފުނިން ބައެއް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑޮލަރުން މުސާރައާއި އިނާޔަތްތައް ދޭން ފެށިތާ މިހާރު ވަނީ ދެތިން މަހެއް ވެފައެވެ. މި މަހުން ފެށިގެން ހުރިހާ ރިސޯޓެއްގެ މުވައްޒަފުންނަށް ވެސް މުސާރައާއި އިނާޔަތްތައް ދޭނީ ޑޮލަރުންނެވެ.
އެ ކުންފުނިން އެ ނިންމުން ނިންމީ، އެއީ މުވައްޒަފުންނަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ގަބޫލުކުރާތީ ކަމަށާއި، އޭގެ ސަބަބުން ފައިދާ ލިބޭނެތީކަމަށް މައުލޫމާތު ލިބެއެވެ. އަދި ޑޮލަރުގެ ރޭޓު ހުރި މިންވަރާ އެކު މުވައްޒަފުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ވެސް ބަލައިފައެވެ.
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ކުންފުނީގެ ދަށުން ޖުމްލަ 11 ރިސޯޓެއް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭ ހިމެނެނީ، މަތީ ފަންތީގެ ޚިދުމަތްދޭ، ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑާއި، ހުރަވަޅި މޯލްޑިވްސްއާއި، ކަގީ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއާއި، ވެލިގަނޑު މޯލްޑިވްސް ރިސޯޓް އައިލޭންޑްއާއި، ނަލަ މޯލްޑިވްސްއެވެ.
މީގެ އިތުރުން، ޖަވާކަރަ އައިލޭންޑްސް މޯލްޑިވްސްއާއި، މީރު މޯލްޑިވްސް ރިސޯޓް އައިލޭންޑްއާއި، ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާއާއި، ކުރެދޫ މޯލްޑިވްސްއާއި، ކޮމަންޑޫ މޯލްޑިވްސް ހިމެނެއެވެ.
ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން، އާމްދަނީގެ ވަކި ޕަސެންޓެއް މަރުކަޒީ ބޭންކަން ޖަމާކުރަންޖެހޭހެން ގާނޫނު ތަސްދީގުކުރީ 2024ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. މިިދިޔަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ގާނޫނަށް އަމަލުކުރަން ވަނީ ފަށައިފައެވެ.
ފުރަތަމަ މި ކަން ކުރަން ގަވައިދެއް އެކުލަވައިލުމުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ އެ ކުންފުނިތަކުގައި ހިފެހެއްޓޭ ޑޮލަރު މަދުވެ، މުވައްޒަފުންނަށް ޑޮލަރުން މުސާރަދޭން ވެސް ދަތިވެދާނެތީއެވެ. ނަމަވެސް މިހާރު މި ގަވައިދަށް އަމަލުކުރަމުން އަންނަތާ އަހަރެއް ވަނީ ވެފައެވެ.