ކައުންސިލް އިންތިޚާބުގައި 621 ވޯޓު ފޮށި ބަހައްޓާއިރު، ރާއްޖޭން ބޭރުގައި ބަހައްޓަނީ ދެ ފޮށި

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ޖުމުލަ 621 ވޯޓު ފޮށި ބަހައްޓަން, އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

އީސީން މިއަދު ވަނީ، އިންތިޚާބުގައި ބަހައްޓާ ވޯޓުފޮއްޓާއި ފޮށި ބަހައްޓާ ރަށާއި ތަނުގެ މަޢުލޫމާތު އާންމުކޮށްފައެވެ.

އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ އިންތިޚާބުގައި، ޖުމްލަ 621 ވޯޓު ފޮށި ބަހައްޓާނެއެވެ. މިގޮތުން، އަތޮޅު ތެރޭގައި 321 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކާއި ސިޓީތަކުގެ މީހުންނާއި މާލެ ސަރަހައްދުގައި 240 ވޯޓު ފޮށި ބަހައްޓާނެއެވެ.

ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ތިން ފޮއްޓާއި ޖަލުތަކުގައި ފަސް ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

އޭގެއިތުރުން، ރިސޯޓްތަކުގައި 50 ވޯޓު ފޮށި ބަހައްޓާއިރު، ރާއްޖެއިން ބޭރުގައި ދެ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ، ލަންކާއާއި މެލޭޝިއާގައެވެ.

މި އިންތިޚާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރާނެކަން އީސީން ފާހަގަކުރިއެވެ.

އީސީން ބުނި ގޮތުގައި، އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބެނީ، 294،937 މީހުންނަށެވެ. އެއީ، 150،410 ފިރިހެނުންނާއި 144،527 އަންހެނުންނެވެ.

https://sun.mv/216433

ފާހަގަކުރެވޭ ގޮތުގައި އަންނަ ކައުންސިލު އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ސިޔާސީ ޕާޓީތަކުން ވަނީ ފަށައިފައެވެ. އެގޮތުން ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ އަހަރުގެ ފަހުކޮޅު އެތެރޭގެ ޕްރައިމަރީ ބޭއްވިއިރު، އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 16ވަނަ ދުވަހެވެ.

އިންތިޚާބުގެ ކުރިން، ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ކައުންސިލުތައް އެކުލެވޭ ގޮތަށް ބަދަލު ގެނެސްފައެވެ. އެއީ ކުދި ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލުތައް އުވާލުމެވެ.

comment ކޮމެންޓް