މި އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 294,937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
ވޯޓާސް ލިސްޓް, ދިވެހިސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެބްސައިޓުގައި ވަނީ އާއްމު ކޮށްފައެވެ. އަދި (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ރަޖިސްޓަރީ ޗެކްކުރެވޭނެއެވެ.
އީސީއިން ބުނީ ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުން، އެ ކޮމިޝަނުގެ މައިޕޯޓަލް my.elections.gov.mv މެދުވެރިކޮށް، މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 03:00ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
އީސީއިން އިތުރަށް ބުނީ އެ މުއްދަތުގައި ރަޖިސްޓްރީ ޞައްޙަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އެގޮތުން ރަޖިސްޓްރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓްރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓްރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދީފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.