ވީއައިއޭގެ އާ ޓާމިނަލުގައި ޗެކިންއަށް އެތައް އިރެއް ހޭދަކުރަންޖެހޭތީ ޝަކުވާ ބޮޑުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގައި ދަތުރުވެރިންތަކެއް -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ޚިދުމަތް ދިން ނަމަވެސް، ކުރީގެ ޓާމިނަލުގައި ހޭދަކުރަންޖެހޭ ވަގުތަށްވުރެ މާ ގިނައިރު މިހާރު ޗެކިންވުމަށް ހޭދަކުރަންޖެހޭ ކަމަށް ބުނެ، ބައެއް ދަތުރުވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ވީއައިއޭއިން ޚިދުމަތް ހޯދި ދަތުރުވެރިއަކު ބުނެފައިވާ ގޮތުގައި ޗެކިންވުމަށް ދެ ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރަން ޖެހުނެވެ. އަދި، ގެންދަންޖެހޭ ފޮށިގަނޑު ބަރުވުމުން ވަކިން ޗެކިން ކުރަންޖެހި، އެކަމަށް ވެސް އެތައް ވަގުތެއް ހޭދަކުރަން ޖެހުނެވެ. އެ ކަންކަން އަވަސްކޮށްދޭން އެދެވޭ އެހީތެރިކަމެއް ވެސް އެމްއޭސީއެލް މުވައްޒަފުންގެ ފަރާތުން ނުލިބޭކަމަށް ވެސް ލިޔެފައި އޮތެވެ.

މިކަމާ ގުޅިގެން އެމްއޭސީއެލްގެ ބަހެއް ހޯދަން މަސައްކަތްކުރި ނަމަވެސް އަދި ލިބޭ ގޮތެއް ނުވެއެވެ.

އެއާއެކު، ޓްރެވެލް އެޖެންސީ އިނާ މޯލްޑިވްސްގެ ވެރިޔާ އަދި އައެއާލައިންތަކަށް ޚިދުމަތްދިނުމާއި އެއާޕޯޓުގެ ޚިދުމަތްތައް ހަރުދަނާކުރެވޭނެ ގޮތްތަކާ މެދު ޚިޔާލު ދެއްވާ ބޭފުޅެއް ކަމަށްވާ މުޙައްމަދު ފިރާގާ "ސަން"އިން ވާހަކަދައްކައިލުމުން އޭނާ ވިދާޅުވީ، މި ދުވަސްވަރު އެ ފަދަ މައްސަލައެއް ދިމާވާ އެއް ސަބަބަކީ އިދާރީގޮތުން އިންތިޒާމުތައް އެންމެ ރަނގަޅު ނުވެފައި، މިއީ އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަސްވަރަށްވުމުން ކަމަށެވެ.

އާ ޓާމިނަލާ އެކު އަދިވެސް ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމުގައި މުވައްޒަފުންނަށް އެކަށީގެންވާ ތަމުރީނުތައް ލިބިފައި ނުވުމާއި، މަދުވުމަކީ ވެސް ދައްޗެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު އާ ޓާމިނަލަށް އެއާލައިންތައް ބަދަލުކުރުމުން، އަންނަ އެއާލައިންތައް ކޮންމެ ވެސް ވަރަކަށް އިތުރުވެފައިވާ ކަމަށާއި، އަންނަ ބޯޓުފަހަރުގެ ސައިޒު ވެސް ބޮޑުވެއްޖެ ކަމަށް ފިރާގު ވިދާޅުވިއެވެ.

އެހެންކަމުން ބޮޑު ޓާމިނަލެއްގެ ފަސޭހަ ލިބުނު ނަމަވެސް ޚިދުމަތަށް އިތުރުވާ ލޯޑު ބޮޑުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެެވެ. އެގޮތުން، ފިރާގު ފާހަގަކުރެއްވި އެއް ދައްޗަކީ އެއާލައިންތަކަށް ޗެކިން ކައުންޓަރު ލިބުމުގައި ހުރި ދައްޗެވެ.

"އެއާލައިންތަކަށް ކައުންޓަރު މި ލިބެނީ ވަރަށް އުނދަގުލުން. ވަރަށް މަސައްކަތްކޮށްގެން ކިރިޔާ ތިން ކައުންޓަރު މި ލިބެނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކައުންޓަރު ލިބުމުގައި ދަތިއިރު، ވީއައިއޭއިން ޚިދުމަތްދޭ މަތީފަންތީގެ އެއާލައިންތައް ކަމަށްވާ، އެމިރޭޓްސް، އިއްތިހާދު، އަދި ގަތަރު ފަދަ އެއާލައިންތަކަކީ އެކި ކްލާސްތަކުގެ ފަސިންޖަރުންނަށް ޚާއްސަކޮށް، އެކި ކައުންޓަރުތަކުން ޚިދުމަތްދޭންޖެހޭ އެއާލައިންތައް ކަމަށެވެ.

އެގޮތުން ފަސްޓްކްލާސް، ބިޒްނަސް ކްލާސް ފަސިންޖަރުންނަށް ޚާއްސަ ކައުންޓަރުތަކަށް ފަހު، އިކޮނޮމީ ކްލާސް ފަސިންޖަރުންނަށް ތިން ކައުންޓަރު ހޯދި ނަމަވެސް އެ ފަދަ އެއާލައިންތަކަށް މަދުވެގެން ފަސް ޗެކިން ކައުންޓަރު ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި އެއާލައިންތަކުން އެއްފަހަރާ ޚިދުމަތް ދޭ ދުވަހެއްނަމަ، ވަރަށް ފުލްކޮށް ދާނީ ހަމަ،" އޭނާ ފާހަގަކުރެއްވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް ފުރަތަމަ ޖެއްސި އެމިރޭޓްސް އެއާލައިންގެ ބޮއިން 777- 300 މަރުކާގެ މަތިންދާބޯޓު: މިފަަދަ ޕްރިމިއަމް އެއާލައިންތަކަށް ގިނަ ޗެކިން ކައުންޓަރު ބޭނުންވޭ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެއާއެކު އޭނާ ވެސް އެމްއޭސީއެލަށް ހުށަހެޅުއްވި އެއް ޚިޔާލަކީ، މަތީ ފަންތީގެ އަދި އާންމުކޮށް ފަތުރުވެރިން ދަތުރުކުރާ އެއާލައިންތަކަށް އާ ޓާމިނަލް ޚާއްސަކޮށް، އާންމުކޮށް މަސައްކަތްތެރިން ދަތުރުކުރާ ޔޫއެސް ބަންގްލާ ފަދަ އެއާލައިންތަކަށް ކުރީގެ ޓާމިނަލުން ޚިދުމަތް ދިނުން ކަމަށް ވިދާޅުވިއެވެ.

އެއީ ޚިދުމަތް އަވަސްކުރެވޭނެ ގޮތެއް ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވައެވެ.

އޭނާ ވިދާޅުވީ، މިހާރު ވީއައިއޭގައި އެއާޕޯޓުގެ ގިނަ ޚިދުމަތްތަކެއްގެ އެކްސެސްތައް އޮންނަނީ އެމްއޭސީއެލަށް ކަމަށެވެ. އޭގެ ތެރޭ ބެގޭޖް ހޭންޑްލިން ފަދަ ކަންކަން ހިމެނޭ ކަމަށާއި ފަސިންޖަރުންނަށް ބެގޭޖު ލިބުން ފަދަ ކަމެއް ލަސްވި ނަމަވެސް އެއާލައިނަކަށް ކޮށްދެވޭ މާ ބޮޑު ކަމެއް ނޯންނަކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި ދަނީ މިފަދަ ކަންކަން ހަމަ އެމްއޭސީއެލާ ވެސް ހިއްސާކޮށްގެން ދެ ކޮޅަށް ވެސް ފައިދާވާނެހެން ހައްލެއް ހޯދޭތޯ މަސައްކަތްކުރަމުން،" ފިރާގު ވިދާޅުވިއެވެ.

ވީއައިއޭއަށް މި ހުސްވި ޑިސެންބަރު މަހަކީ ވެސް ވަރަށް ބާރުބޮޑު މަހެކެވެ. ރާއްޖެ އަންނަ ހުރިހާ އެއާލައިންތަކަކަށް ޚިދުމަތް ދިނުން އާ ޓާމިނަލަށް މިހާރު ވަނީ ބަދަލު ވެސް ކޮށްފައެވެ.

comment ކޮމެންޓް