ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ, ގ. މާވަނި، ޙުސައިން ސަނީ އުމަރު, ތަހުގީގުގެ ބޭނުމަށް މާލެ ގެނެސްފިއެވެ.
މިއަދުގެ މެންދުރުގެ ވަގުތެއްގައި ފުލުހުން ވަނީ ސަނީގެ އަންހެނުންގެ ގެ ކަމަށްވާ, ހ. އަނދުންގެއަށް ސަނީ ގެނެސްފައެވެ. އޭނާ އެ ގެއަށް ގެނެސް އެ ގޭގައި ގިނަ އަދަދެއްގެ ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.
އެއަށް ފަހު މިއަދު 15:00 ވާން ކައިރި ވެފައިވަނިކޮށް, ފުލުހުން ވަނީ ސަނީ އަނބުރާ ގެންގޮސްފައެވެ. އޭނާ ގެންދިޔަ ވަގުތު ގޭތެރެއިން ފުލުހުންނާ ބަޔަކާ ކޮންމެ ވެސް ވަރެއްގެ ކުރިމަތިލުމެއް ހިނގިއެވެ.
ފުލުހުން ބުނީ، ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އޭނާގެ ހާޒިރުގައި މާލޭގެ ގެއެއް މިއަދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދިވެސް އޭނާ ހުރީ ބަންދުގައިކަން ފުލުހުން ކަށަވަރުކޮށްދިނެވެ.
މާކެޓިން ދާއިރާގައި ވަރަށް އިސްކޮށް އުޅުނު ސަނީ އުމަރަށް ތުހުމަތުކުރެވެނީ, އަންހެނުންގެ އާއިލާގެ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށެވެ. ސަނީ އުމަރު ހައްޔަރުކުރީ މި މަހުގެ ދެ ވަނަ ދުވަހު ފިލައިގެން ރާއްޖޭން ބޭރަށް ފުރަން އުޅެނިކޮށެވެ. ފުރަތަމަ އޭނާގެ ބަންދަށް ޖެހޭ 30 ދުވަހެވެ.
އެ މުއްދަތު ހަމަވެގެން މި މަހު ދެވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
ބައެއް މީޑިއާތަކުގައި ތުހުމަތުކޮށްފައިވާ ގޮތުން ސަނީ ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ. އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށް އެ މީޑިއާތަކުގައިވެއެވެ.