ޖިންސީ ގޯނާގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ކުރެވޭ ތުހުމަތުތައް ސީރިއަސް ކަމަށާއި އެ މައްސަލައިގައި ޑިއު ޕްރޮސެސް ނުވަތަ ގާނޫނީ އިޖުރާއަތުތައް އިންސާފުވެރިކަމާއެކު ފުރިހަމަކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ، 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެއަށްފަހު، ޖެހިގެން އައި ދުވަހު އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފައެވެ.
ޝާހިދު ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ އެއީ ޝަޚުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް ކަމަށާއި އެއީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވަނީ، އެ މައްސަލައާއި ސަރުކާރާ ގުޅުވައި ވެސް ވާހަކަތައް ދެކެވޭކަން ފާހަގަކުރައްވައިފައެވެ. އެހެންވެ، އެ ވާހަކަތަކަށް ވެސް ޖަވާބެއް ދެއްވަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ޖަވާބު ދިނުމަށާ އެކީގައި، އެއްވެސް ވަރަކަށް މި ސަރުކާރުން ސިޔާސީ ފަރާތެއް ހައްޔަރެއް ނުކުރާނެ، އެއީ މިހާތަނަށް ވެސް ކުރި ކަމެއް ނޫން، އަޅުގަނޑު ކުރާނެ ކަމެއް ނޫން، ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް: ޝާހިދަށް ތުހުމަތު ކުރެވޭ މައްސަލަ ސީރިއަސް ކަމަށާއި ޑިއު ޕްރޮސެސް ފޮލޯ ކުރަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސްރައީސް ވިދާޅުވީ، ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކަށް އަދަބެއް ނުދޭނެ ކަމަށާއި ޝާހިދު ހައްޔަރުކުރުމަކީ އެފަދަ މައްސަލައެއް ނޫން ކަމަށެވެ. އެ މަނިކުފާނު ވަނީ، ޝާހިދަށް ކުރެވޭ ތުހުމަތުތަކަކީ ކުޑަކުއްޖަކާ ގުޅިފައިވާ ވަރަށް ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކުރައްވާފައެވެ.
"އެހެންވީމަ މި ކަމުގައި އޮފެންޑާއަކީ ކޮންމެ މީހަކަށް ވިޔަސް އެ މީހަކާ ދޭތެރޭގައި ގާނޫނުގެ ތަފާތެއް ގެނެސްގެން ނުވާނެ، ގާނޫނު ތަންފީޒު ކުރުމުގައި އެ ކަމެއް ކުރި ކަމަށް ބެލެވޭ މީހަކާ ދޭތެރޭގައި ޑިއު ޕްރޮސެސް ފޮލޯ ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ސަރުކާރުން، ދައުލަތުން، ޑިއު ޕްރޮސެސް ފޮލޯ ކުރަން ޖެހޭނެ،" ރައީސް ވިދާޅުވިއެވެ.
ގާނޫނީ ރަދީފުގައި ޑިއު ޕްރޮސެސް އޮފް ލޯ މާނަކޮށްފައިވަނީ ގާނޫނުއަސާސީންނާއި ގާނޫނުން މީހަކަށް
ދީފައިވާ ހައްގުތަކާއި ހިމާޔަތް އެ މީހަކަށް ފޯރުކޮށްދިނުމާއި، ރަސްމީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާއަތު، އާންމުކޮށް ކަންކުރާ އުސޫލުން އިންސާފުވެރިކަމާއެކު ފުރިހަމަ ކުރުމުގެ ގޮތުގައެވެ.
ރައީސް ވަނީ، ޑިއު ޕްރޮސެސްއާ އެއްގޮތަށް އަމަލު ކުރުމަށް ކުރާ ކަންކަމަށް ސަރުކާރުން ހުރަހެއް ނާޅާނެ ކަމަށާއި ގާނޫނު ހިންގުމާއި ގާނޫނުއަސާސީ ނެގެހެއްޓުމާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުން ފަދަ ކަންކަން ޔަގީންކޮށްދޭނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޝާހިދު ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކެމްޕޭން ކުރައްވަމުން ގެންދެވި ދަނޑިވަޅެއްގައެވެ.