ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުޙައްމަދު އައިމަން އިސްމާޢީލް (އާނު)ގެ ބަންދަށް 30 ދުވަސް އިތުރުކޮށްފިއެވެ.
އައިމަން ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހެވެ.
ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް "ސަން"އަށް މިއަދު ވިދާޅުވީ، އައިމަންގެ ބަންދަށް 30 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ.
މައްސަލައިގެ ތަހުގީގު ގާތްގަނޑަކަށް އޮތީ ނިމިފައި ކަމަށާއި، ނަމަވެސް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާ މަޝްވަރާކުރުމަށްފަހު މިހާރު ކުރިއަށް ދަނީ ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އެ އިދާރާއަށް ފޮނުވުމުގެ މަސައްކަތް ކަމަށް، ޝިޔާމް ވިދާޅުވިއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
އައިމަން ކައުންސިލަށް އިންތިޚާބުވީ 2014ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައެވެ.
ފާހަގަކުރެވޭ ގޮތުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް ހައްޔަރުކޮށް 30 ދުވަހަށް ވަނީ ބަންދުކޮށްފައެވެ. އެ މައްސަލަ ޝާހިދުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.