ޝާހިދު ހައްޔަރުކުރި މައްސަލަ ހައިކޯޓަށް ބަލައިގެންފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިދު -- ފޮޓޯ: ފުލުހުން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކޯޓުން ނެރުނު އަމުރު ބާތިލުކުރަން އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ހައިކޯޓަށް ބަލައިގެންފިއެވެ.

ޝާހިދުގެ ފަރާތުން މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި މައްސަލަ ހައި ކޯޓަށް ބަލައި ގަތުމަށް ނިންމީ އިއްޔެއެވެ. ބަންދު އަމުރާ ގުޅޭ މައްސަލައެއްވީމާ، މި މައްސަލަ ކޯޓުގައި ގިނަ ދުވަހެއް ނުވާނެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ އުމުރުން 64 އަހަރުގެ ޝާހިދު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފުތާ ހޯމަ ދުވަހުއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.

ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ޝާހިދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކަތިލުމަށްޓަކައި ފަތުރަމުންދާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެފައިވަނީ ޝާހިދު ހައްޔަރުކުރުމުގެ ފަހަތުގައި އެއްވެސް ސިޔާސީ މަގުސަދެއް ނޯންނާނެ ކަމަށެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ ޝާހިދުގެ މައްޗަށް މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައި މިވަނީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ މަސައްކަތްޕުޅު އޭނާ ފައްޓަވާފައި ވަނިކޮށެވެ.

comment ކޮމެންޓް