ބިމުގެ ޑިމާންޑް އިންތިހާއަށް ބޮޑު, ވެރިރަށް މާލެއިން 830 އަކަފޫޓްގެ ގޯއްޗެއް ވިއްކާލުމަށް, މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިއަދު އިއުލާން ކޮށްފިއެވެ.
ވިއްކާލުމަށް ނީލަމަށް ހުޅުވާލާފައިވަނީ, ނިކަގަސްމަގުގައި ހުންނަ, މއ. ކުދިމަގޫގެއެވެ.
އެ ގެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު, އެމްއައިބީއަށް ދީފައިވަނީ, ކުދިމަގޫގެ ރަހުނު ކޮށްފައި ނަގާފައިވާ ދެ މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައިގެންނެވެ.
އެމްއައިބީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ނީލަމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 12,650,000 ރުފިޔާ ކަމަށެވެ.
ނީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 26 ވަނަ ދުވަހަށެވެ. ހުށަހަޅާ އެންމެ ބޮޑު އަގަކީ ނީލަން ފަށާ އަގުގެ ގޮތުގައި ކަނޑައަޅައި ހާޒިރުވާ މީހުންނަށް އިތުރު އަގު ހުށަހެޅުމުގެ ފުރުސަތު ދޭން އެމްއައިބީއިން ވަނީ ނިންމައިފައެވެ.
އެމްއައިބީއިން ބުނީ ނީލަން ފެށޭ އަގަށް ވުރެން ބޮޑު އަގެއް ހުށަހެޅުމަށް, މަދުވެގެން ފަސް ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މި ނީލަމުގައި ބައިވެރިވުމަށް އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެއެވެ.
ގެ ރަހުނުކޮށް, ބޭންކުތަކުން ނަގާފައި ހުންނަ ލޯނު ނުދައްކައިގެން މީގެ ކުރިން ވެސް މާލެ އާއި އަތޮޅުތެރޭގެ ގިނަ ގެތަކެއް ބޭންކުން ވިއްކާފައި އެބަހުއްޓެވެ.