ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން، މާލެއާއި ހުޅުމާލެއިން މަގުތަކަށް ގަސްތަކެއް ވެއްޓިއްޖެއެވެ.
ވިއްސާރަވުމުގެ ސަބަބުން މާލެއާއި ހުޅުމާލޭގެ މަގުތަކަށް ވެއްޓިފައިވާ ގަސްތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީގެ މުވައްޒަފުން ގުޅިގެން މިހާރު ވަނީ ފަށާފައެވެ.
ބައެއް ގަސްތައް ވެއްޓިފައި ވަނީ މަގުތަކުގެ މެދަށެވެ. އެހެންވެ އެއްޗެހި ދުއްވުމަށާއި ހިނގާ, ބިނގާވެ އުޅުމަށް ބައެއް މަގުތަކުގައި ވަނީ ދަތިވެފައެވެ.
މި މޫސުމުގައި ކޮންސްޓްރަކްޝަން ސައިޓްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި، އާންމުން މަގުމައްޗަށް ނުކުމެ އުޅޭއިރު ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ގަދަވަޔާއެކު މާލެ އާއި ހުޅުމާލޭގެ މަގުތަކަށް ގަސްތަކެއް ވެއްޓިއްޖެ --- ފޮޓޯ: އެޗްޑީސީ
މީގެ އިތުރުން، މޫސުން ގޯސްވުމުގެ ސަބަބުން ކުއްލި ހާލަތެއްގައި އެހީއެއް ބޭނުންވެއްޖެ ނަމަ ލަސްނުކޮށް އެ ކޯޕަރޭޝަނުގެ ކޯލް ސެންޓަރު 1516 އަށް ގުޅުމަށް ވެސް އެޗްޑީސީން ވަނީ އެދިފައެވެ.
އަދި ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށާއި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމުގައި ދެމިތިބުމަށް އެޗްޑީސީން ބުނެފައިވެއެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ.

ގަދަވަޔާއެކު މާލެ އާއި ހުޅުމާލޭގެ މަގުތަކަށް ގަސްތަކެއް ވެއްޓިއްޖެ --- ފޮޓޯ: އެޗްޑީސީ
އެ އިދާރާއިން ބުނި ގޮތުގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކަށް ވައި ޖެހޭނީ ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކަށް ހުދު ސަމާލު ވެސް ވަނީ ނެރެފައެވެ.